ސޫރަތުލް ބައްޔިނާ (3)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު، 19 ޑިސެންބަރު 2017 އާ ގުޅޭ

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾  ) ﷲ ޚަލްގު ކުރެއްވި ތަކެތީގެ ތެރެއިން އެންމެ ހެޔޮބަޔަކީ އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންނެވެ.

ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުން ނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެ ވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެ އަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ ބޭނުމަކީ އުންމީދާ ބިރުވެރިކަމުގެ މަތީގައި ﷲ ގެ ޙަޟްރަތަށް އިންސާނާ ދަތުރުކުރުމެވެ. އޭގެ ސަބަބަކީ އިންސާނާ ފޫހިނުވުމެވެ. ފަހެ ހަމަކަށަވަރުން އުސްލޫބުތަފާތުވެ އެކިތަންތަނުގައި ތަފާތު ގޮތްތަކަށް ގެނައުމަކީ ނަފްސަށް ބާރާއި އާރޯކަން ލިއްބައިދޭނެ ކަމެކެވެ. އެއާ ޚިލާފަށް އެއްހަމައެއްގައި އަބަދު ވާހަކަދެއްކޭނަމަ އޭގެ ސަބަބުން އިންސާނާ ފޫހިވެސް ވެދާނެއެވެ. އަދި އޭނާގެ ނަފްސަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ނުކޮށްފާނެއެވެ.

ފަހެ އަޅުތަކުންކުރެ އެންމެ ހެޔޮ މީހުންނަކީ އީމާންވެ ޞާލިޙު ޢަމަލުކުރި މީހުންނެވެ. އެބައިމީހުންވަނީ ހަތަރު ދަރަޖައެއްގައެވެ. އެކަންވަނީ ﷲ ތަޢާލާ ބަޔާންކުރައްވާފައެވެ. ސޫރަތުއް ނިސާގެ 169 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ﴾

މާނައީ: ” ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނައެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ.”

މިއީ މުއުމިނުންގެ ހަތަރު ދަރަޖައެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ނަބީކަމެވެ. އަދި ނަބީ ކަމުގެ އެންމެ މަތީ ދަރަޖައަކީ ރަސޫލުކަމެވެ.

ދެން އެއަށްފަހުގައިވަނީ ޞިއްދީޤުންނެވެ. ޞިއްދީޤުންގެ އެންމެ މަތީ ދަރަޖައިގައިވަނީ އަބޫ ބަކުރު އައްޞިއްދީޤު رضي الله عنه އެވެ.

ތިންވަނަ ދަރަޖައިގައިވަނީ الشهداء އިންނެވެ. އެއީ ޢިލްމުވެރިންކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ﷲ ގެ މަގުގައި ހަނގުރާމަކޮށް މަރުވި ބޭކަލުންކަމުގައިވެސް ބުނެވެއެވެ. މިދެމާނައަށްވެސް މިއާޔަތުން އިޙްތިމާލު އެބައޮތެވެ. އަދި އެދެމާނައިގައި ފުށުއެރުމެއް ނެތެވެ. ފުށުއެރުމެއް ނެތި އާޔަތަކުން ދެމާނަ ނެގޭނަމަ ތަފްސީރު ޢިލްމުވެރިންނަށް އެންމެ އެކަށީގެންވަނީ އެ މާނަވެސް ނެގުމެވެ.

އެހެންކަމުން މިތަނުގައި الشهداء އިންނަކީ ޢިލްމުވެރިންނާއި ﷲ ގެ މަގުގައި ޤަތުލުވެގެން ދިޔަ ބޭކަލުންނެވެ. ނަބީ ބޭކަލުންނަށް ތަބާވީ ބޭކަލުންގެ ތެރެއިން މިބޭކަލުންވަނީ ދަރަޖައިގެ ގޮތުން އެންމެ މަތީގައެވެ. އެއީ ޞިއްދީޤުން ފިޔަވައެވެ.

﴿الصَّالِحِينَ﴾

އެއީ މިދަރަޖަތަކުގެ ތެރެއިން އެންމެ ތިރި ދަރަޖައެވެ.

ފަހެ އީމާންވެ ޞާލިޙުޢަމަލުކުރި މީހުންގެ ދަރަޖަތައް ތަފާތުވިޔަސް އެއެންމެންވެސްވަނި އެންމެ ހެޔޮ މަޚްލޫޤުންގެ ތެރެއިންނެވެ. ދެން އެއަށްފަހުން އެބައިމީހުންގެ ޖަޒާ ﷲ ތަޢާލާ ބަޔާންކުރެއްވިއެވެ.

(جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴿٨﴾  )

(جَنَّاتُ  ) ”ސުވަރުގެތައް“. މިތަނުގައި ޖަމްޢުގެ ޞީޣާގައި ގެންނަވާފައިވުމުގެ ޙިކްމަތަކީ އެކިވައްތަރުގެ ބަގީޗާތައް މުއިމިނުންނަށް ޓަކައި ސުވަރުގޭގައިވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( جَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا )[1] މާނައަކީ: ”ރިހީގެ ދެ ބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ. އަދި ރަނުގެ ދެބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ.“

މިކަމަށް އިޝާރާތް ކުރައްވާ ސޫރަތުއް ރަޙްމާންގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ﴿٤٦﴾  ) މާނައަކީ: ”އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ހުށްޓެވެ.“

ދެން އެއަށްފަހު އެދެސުވަރުގޭގައިވާ ބަގީޗާތަކުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ރަޙްމާންގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمِن دُونِهِمَا جَنَّتَانِ ﴿٦٢﴾ ) މާނައަކީ: “ އަދި އެ ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ފިޔަވައި ދެސުވަރުގެ ނުވަތަ ދެބަގީޗާވެއެވެ.“

ފަހެ އެބައިމީހުންނަށް ވަނީ ބަގީޗާތަކެކެވެ. މުއުމިނުންކުރެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްހުރި ޖަޒާކަމުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައި މިވާ ބަގީޗާތަކަކީ ވަރަށް މަތިވެރިވެގެންވާ މަންޒިލުތަކެކެވެ. އެތަންތަން ތައްޔާރުކުރެވިފައިވާވަނީ މުއުމިނު ތަޤްވާވެރި މީހުންނަށެވެ. އެތަނުގައިވަނީ ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށް އަރާފައިވެސް ނުވާފަދަ ނިޢުމަތްތަކެކެވެ.

މިދުނިޔޭގައި ހުރި އިންސާނަކަށް އާޚިރަތުގެ ނިޢުމަތްތައް ތަޞައްވަރުކޮށްލުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ ތަޞައްވަރުކޮށްލެވޭ ވަރަށްވުރެމެސް މާ މަތިވެރިތަނެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. (لَيْسَ فِي الْجَنَّةِ مِمَّا فِي الدُّنْيَا إِلَّا الْأَسْمَاءَ) މާނައަކީ: “ ދުނިޔޭގައިވާ ތަކެތިން ކުރެ ހަމައެއްވެސް އެއްޗެއް ސުވަރުގެއަކު ނުވެއެވެ. އެތަނުގައި ބޭނުންކުރެވޭ ނަންތައް ފިޔަވައެވެ.“

ނަމުގެ ގޮތުން އެކައްޗެއްނަމަވެސް، އޭގެ ޙަގީގަތް ވަރަށް ތަފާތުވާނެއެވެ.

( جَنَّاتُ عَدْنٍ )

”އަލްޢަދްން“ އަކީ ތަނެއްގައި ޤާއިމުވެ ތިބެ އެތަނުން ނުދިޔުމެވެ. ސުވަރުގޭގެ ނިޢުމަތުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެތަނުގެ އަހުލުވެރިން އެތަނުގައިވާ ނިޢުމަތްތައް ދޫކޮށްފައިވާ ދިޔުމަށް ނޭދޭނެ ކަމެވެ. އެހެނީ އޭނާއަށް ވުރެ ފުރިހަމަ ޙާލެއްގައި އެހެން މީހަކު އުޅޭތަނެއް އޭނާއަކަށް ނުފެންނާނެއެވެ.

އަދި އޭނާއަށް ވުރެ މަތީގައި އަދި ފުރިހަމަކަމެއްގައި އުޅޭ މީހަކަށްވުރެ އޭނާ ނިކަމެތިކަމެއް އިޙުސާސެއް ނުވާނެއެވެ. ސޫރަތުލް ކަހްފްގެ 108 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨﴾  ) މާނައަކީ: “ އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ حال ގައެވެ.“

މިސަބަބަށް ޓަކައި މިސުވަރުގެ ތަކަށް ﷲ ނަންދެއްވާފައިވަނީ ( جَنَّاتُ عَدْنٍ ) ގެ ނަމުންނެވެ.

( مِن تَحْتِهَا الْأَنْهَارُ ) މާނައީ: “އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ.”

ޢިލްމުވެރިން ވިދާޅުވެއެވެ. އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން ހިނގަހިނގާ ހުންނާނެއެވެ… މިތަނުގައި ﷲ ތަޢާލާ އިޖުމާލީ ގޮތެއްގައި ބަޔާންކުރެއްވި ކަންކަން ތަފްޞީލީ ގޮތެއްގައި محمد ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވިއެވެ.

(مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾  )

މާނައަކީ: “ تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟“

ބައެއް އަޘަރުތަކުގައި އައިސްފައިވާ ގޮތުން ސުވަރުގޭގެ މިކޯރުތައް ހިނގަހިނގަ ހުންނަނީ ވަޅުގަނޑެއް ނެތިއެވެ. އޭގެ މާނައަކީ އެ ހިނގަހިނގާ ހުންނަނީ ސީދާ ބިންމަތީގައެވެ. އަދި އިންސާނާ ބޭނުން ދިމާއަކަށް އެދެއެވެ. އަދި ފެންގަނޑު އެކިފަރާތްފަރާތަށް ގޮސްދާނެތީ ވަކި ބިނާއެއް ނުވަތަ ވަޅުގަނޑެއް އެއަށް ބޭނުންނުވެއެވެ.

﴿خَلِدِينَ فِيهَآ أَبَداً﴾

މާނައީ: ” އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. “

އެބަހީ: އެތަނުގައި އެބައިމީހުން މަރެއް ނުވާނެއެވެ. އަދި ބައްޔެއްވެސް ނުވާނެއެވެ. އަދި މާޔޫސްނުވާނެއެވެ. އަދި ތަދެއްވެސް ނުވާނެއެވެ. އަދި ހިތާމަވެސް ނުކުރާނެއެވެ. އަދި އެބައިމީހުން ވަރުބައްޔެއްވެސް ނުވާނެއެވެ. އެބައިމީހުން ތިބޭނީ އަބަދުގެ އަބަދަށް އެންމެ ފުރިހަމަ ނިޢުމަތުގައެވެ.

﴿ رِّضِىَ اللَّهُ عَنْهُمْ وَرَضُواْ عَنْهُ ﴾

މާނައީ: ” ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހިގެންވެތެވެ. “

މިއީ އެންމެ މަތިވެރިވެގެންވާ ނިޢުމަތެވެ. ފަހެ އެއިލާހުގެ ރުއްސެވުން އެބައިމީހުންނަށް ލިބުމަށްފަހު ދުވަހަކުވެސް އެބައިމީހުންނާމެދު އެއިލާހު ނުރުހުންތެރިވެވޮޑިގެންނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ. އަދި ސާދަވާވިލޭރޭގެ ހަނދު އެބައިމީހުންނަށް ފެންނަ ފަދައިން، އެބައިމީހުންނަށް ﷲ ތަޢާލާ (ސުވަރުގޭގައި) ފެންނާނެއެވެ.

އެކަމާ މެދު އެބައިމީހުން ޝައްކު ނުކުރާނެއެވެ. އަދި އެކަމުގައި އެބައިމީހުންނަށް އެއްވެސް ދަތިކަމެއް އެދުވަހުން ނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކު ސުވަރުގޭގައި އެހުރި ތަނެއްގައި ހުއްޓާ އެއިލާހު އިރާދަކުރެއްވި ގޮތަކަށް ފެންނާނެއެވެ. ދެން އެއިލާހު ވަޙީކުރެއްވިއެވެ.

﴿ ذَلِكَ لِمَنْ خَشِىَ رَبَّهُ ﴾

މާނައީ: ” އެއީ އެމީހާގެ ވެރިރައްބަށް ބިރުވެތިވި މީހަކަށެވެ.”

އެބަހީ: އެ ޖަޒާވަނީ ﷲ އަށް ބިރުވެތިވި މީހަކަށެވެ. الخشية އަކީ ﷲ އަށް މަތިވެރިކުރުމާ އެއިލާހުގެ ހައިބަވަންތަކަން އެނގޭ ޙާލު އެއިލާހަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ރަނގަޅަށް މަޢުރިފާކޮށްދެނެގެންފި މީހަކު މެނުވީ އެފަދައިން ނުވެއެވެ. ސޫރަތު ފާޠިރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.

﴿إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ﴾

މާނައީ: ” ﷲއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ. “

އެބަހީ: އެއިލާހުގެ މަތިވެރިކަމާއި ބާރުގެ ފުރިހަމަކަން ދަންނަ ޢިލްމުވެރިންނެވެ. ފަހެ الخشية (މާނަ: ކަމެއް އެނގިހުރެ އެކަމާ ބިރުވެރިތުން) މިލަފްޒަކީ الخوف (މާނަ: ކަމެއްގެ ޢިލްމު ނެތި ބިރުވެތިވުން) އަށް ވުރެ ޚާއްޞަ ލަފްޒެކެވެ. މިދެ ލަފްޒުގެ ތަފާތު ފެންނާނީ މިޘާލުންނެވެ.

މީހެއް ދެކެ ބިރުގަންނައިރު، އޭނާއަށް ތިބާގެ މައްޗަށް ބާރުފޯރުވި ދާނެތޯ ނުވަތަ ނޫންތޯ ނޭނގި ބިރުގަތުމަކީ އެއީ الخوف އެވެ.

އަދި މީހެއް ދެކެ ބިރުގަންނައިރު، އޭނާއަށް ތިބާގެ މައްޗަށް ބާރުފޯރުވި ދާނެކަން ތިބާއަށް އެނގިގެން ބިރުގަތުމަކީ އެއީ الخشية އެވެ.

މިހާ ހިސާބުން މިމަތިވެރި ސޫރަތުގެ ތަފްސީރުކޮށް ނިމުނީއެވެ. ﷲ ގެ ޙަޟްރަތުން އެދެނީ އަޅަމެންނީ އެއިލާހުގެ ފޮތް ޙައްޤުގޮތުގައި ކިޔަވާ ބަޔަކު ކަމުގައި ލެއްވުމެވެ. އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ. އާމީން.

[1] صحيح البخاري » كِتَاب التَّوْحِيدِ » بَاب قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً، رقم الحديث: 6917

ނިމުނީ.

ކުރީގެ ލިޔުން ވިދާޅުވުމަށް މިލިޔުމަށް ފިތާލައްވާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.