
އއ. ތޮއްޑޫގައި އެކްސިޑެންޓެއް ހިނގައި، އެކަކަށް އައިސީޔޫގައި ފަރުވާދެނީ..
އއ. ތޮއްޑޫގައި އެކްސިޑެންޓެއް ހިނގައި، އެކަކަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.
އިއްޔެ މެންދު ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުން ގެންދަނީ ސައިކަލު ދުއްވަން އިން ޢުމުރުން 34 އަހަރުގެ ޒުވާނާއަށެވެ.
އެޓޯލް ނިއުސްއަށް މަޢުލޫމާތު ދެމުން ތޮއްޑޫ މީހަކު ބުނީ އެ ސައިކަލުގައި 3 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ އިތުރުން 2 އަންހެން ކުދިން ކަމަށެވެ. އަދި އެރަށު ވާއު މަގުގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ އެ ސައިކަލު ކޮންޓްރޯލުނުވެގެންގޮސް ރުކެއްގައި ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްލިބި، އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާ އަދިވެސް ހޭނާރާ ކަމަށާއި ސައިކަލު ކޮންޓްރޯލުން ނައްޓާލަން މެދުވެރިވީ މަގުމަތީގައި ހުރި ވަޅުގަނޑުތަކުން ސަލާމާތްވާން އުޅުމުގެ ތެރޭގައި ކަމަށްވެސް އެޓޯލްނިއުސް އާވާހަކަދެއްކި މީހާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މޫނުމަތި ވަރަށްބޮޑަށް ފަޅައިގެންގޮސް، ބޮލުގެ ނާށިގަނޑަށްވެސް ކޮންމެެވެސް ވަރަކަށް ގެއްލުންވެފައިވާކަމަށާއި އެކްސިޑެންޓުވި އިރު، ސައިކަލުގައި ދެންތިބި 2 އަންހެން ކުދިންނަށް އެ އަތޮޅު ރަސްދޫ ހޮސްޕިޓަކުން ފަރުވާދިން ނަމަވެސް އެމީހުންގެ ޙާލު ސީރިއަސް ނޫން ކަމަށެވެ.
އައިޖީއެމްއެޗުގެ އޭނާ ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި ޑޮކްޓަރު ފަރުވާދެމުން އަންނާތީ އޭނާގެ ހާލަތާމެދު އިތުރު އެއްޗެއް މިވަގުތު ބުނެވެން ނެތްކަމަށެވެ.



