
ފަލަސްޠީނުގެ ބިން ފޭރިގަނެގެން އިޒްރޭލުގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން ބިން ވިއްކަނީ
ބްރޫކްލިންގައި އިޒްރޭލުގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން ’ބްލެކް ފްރައިޑޭ‘ ބިން ވިއްކުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
ބްރޫކްލިންގައި ބޭއްވި މި ހަރަކާތް ހިނގަމުންދިޔަ ސަރަހައްދުގައި ފަލަސްތީނަށް ތާއީދުކުރާ މީހުން ކުރިއަށްގެންދިޔަ މުޒާހަރާއަށް އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ގޮވާތަކެއްޗާއި ދުންބޮމުގެ އިތުރުން ބިސް އުކައި ހަމަލާދީފަ އެވެ.
ބުދަ ދުވަހު ބްރޫކްލިންގައި އިޒްރޭލުގެ ރިއަލް އެސްޓޭޓް ގްރޫޕަކުން ބޭއްވި ”ބްލެކް ފްރައިޑޭ“ ހަރަކާތަކީ ފަލަސްތީނުގެ ވަގަށް ނަގާފައިވާ ބިންތަކުގައި ޣައިރު ގާނޫނީ ގޮތުން މީހުން އާބާދުކުރުމަށް ހިންގާ ހަރަކާތެއް ކަމަށް އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ’ޕަލް-އައުދާ‘ އިން ވަނީ ސިފަކޮށްފަ އެވެ.
މި ހަރަކާތް ބޭއްވި ތަނުގެ ބޭރުގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާ ދިމާލަށް އިޒްރޭލަށް ތާއީދުކުރާ މީހުން ވަނީ ގޮވާތަކެއްޗާއި ދުންބޮން އުކައި ހަމަނުޖެހުން ހިންގާފަ އެވެ.
އިޒްރޭލުގެ ’ކެޕިޓިލް‘ ރިއަލް އެސްޓޭޓް އެޖެންސީން ބޭއްވި މި ހަރަކާތުގައި ގުދުސްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުން ބިން ވިއްކުމަށް އިޝްތިހާރުކޮށްފައިވެ އެވެ.
ނަމަވެސް އެ ބިންތަކަކީ ގުދުސްގެ ސީދާ ކޮން ސަރަހައްދެއްގެ ބިންތަކެއްކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ފަލަސްތީނުގެ ރެފިއުޖީން އެނބުރި ޤައުމަށް ދިއުމުގެ ހައްގަށް ވަކާލާތުކުރާ ’ޕަލް-އައުދާ‘ ޖަމާއަތުން ވަނީ މި ހަރަކާތާ ދެކޮޅަށް މުޒާހަރާ އިންތިޒާމުކޮށްފަ އެވެ.
އެ ޖަމާއަތުގެ ތަރުޖަމާނަކު ބުނި ގޮތުގައި މިއީ ވަކި ބަޔަކަށް އިސްކަންދީގެން ހިންގާ ނަސްލީ ތަފާތުކުރުންތަކެއް އެކުލެވޭ ހަރަކާތެކެވެ. އަދި ފަލަސްތީނުގެ ކޮންމެ ސަރަހައްދަކުން ބިން ވިއްކި ނަމަވެސް އެއީ ފަލަސްތީނުގެ ރައްޔިތުންގެ އަތުން ގަދަބާރުން ފޭރިގަނެ ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ބައެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން މި ބިންތައް ވިއްކަނީ ހަމައެކަނި ޔަހޫދީ އެމެރިކާ މީހުންނަށް ކަމަށާއި ކެޕިޓިލް ކުންފުންޏަކީ ހުޅަނގު އައްސޭރީގެ ބިންތައް ގަވާއިދާ ޚިލާފަށް ވިއްކުމުގައި ބައިވެރިވާ ކުންފުންޏެއް ކަމަށްވެސް އެ ޖަމާއަތުން ތުހުމަތުކުރެ އެވެ.
އިޝްތިހާރު ކުރި ކަމުގައިވިޔަސް ނުވަތަ ނުކުރި ކަމުގައިވިޔަސް މި ކުންފުންޏާއި މީގެ ބައިވެރިން ގެންދަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ބިންތައް ވިއްކައި އެކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ ޖަމާއަތުން ބުނާ ގޮތުގައި މިފަދަ ވިޔަފާރިތަކަކީ ނިއުޔޯކުގެ މުދަލާ ބެހޭ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ އިތުރުން އެމެރިކާގެ ފެޑަރަލް ގާނޫނުތަކާވެސް ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ.



