ޣައްޒާގެ ޙާލަތު އިތުރަށް ވަނީ ގޯސްވެފައި

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކުރަމުންދާއިރު އެހީ ހުއްޓުވުމާއި ފިނި މޫސުމުގެ ފެންބޮޑުވުންތަކުގެ ސަބަބުން އާންމުންގެ ތަހައްމަލުކުރަންޖެހިފައިވާ ތަކުލީފުތައް ވަނީ އިތުރަށް ގޯސްވެފަ އެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ފަތިހު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި، އދ. ގެ ރެފިއުޖީ އެޖެންސީ (އުންރުވާ) ގެ މުވައްޒަފަކު ވަނީ ޝަހީދުކޮށްލާފައެވެ. އުންރުވާއިން މިކަން ކަށަވަރުކޮށްފިނަމަ، މިއީ 2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި އެ އެޖެންސީގެ 395 ވަނަ މުވައްޒަފެވެ. މީގެ އިތުރުން ޖަބަލިއާގެ އައްތައުބާ މިސްކިތް ކައިރިއަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ފަލަސްތީނުގެ ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ބަންދު ދުވަސްތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 4 މީހުން ޝަހީދުވެ، 33 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 2025 އޮކްޓޯބަރު 11 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ކޮންމެ ދުވަހަކުވެސް ދަނީ ޚިލާފުވަމުންނެވެ. އެއްބަސްވުމަށްފަހު މިހާތަނަށް މަދުވެގެން 1,675 މީހުން ޝަހީދުކޮށްލާފައިވާއިރު، 6,095 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ހަމައެއާއެކު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ދުވާލަކު 600 އެހީގެ ލޮރީ ވައްދަންޖެހުނު ނަމަވެސް، އާދީއްތަ ދުވަހު ވެއްދުމުގެ ހުއްދަ ދީފައިވަނީ އެންމެ 191 ލޮރީއަށެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ރަފަހް ބޯޑަރުގެ މިސްރު ފަރާތުގައި އެހީގެ ލޮރީތަކުގެ ބޮޑު ކިއޫއެއް ވަނީ އުފެދިފައެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން އިންޒާރު ދީފައިވާ ގޮތުގައި ޣައްޒާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 1.7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަޖުބޫރުން ގެދޮރުން ބޭރުކޮށްލާފައެވެ. އަދި އާންމުން ދިރިއުޅޭ ކޭމްޕްތަކުގެ ދެބައިކުޅަ އެއްބައި ހުރީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައެވެ. މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ފެންބޮޑުވުމުގެ ސަބަބުން 40,000 ހިޔާވަހިކަމަށް ވަނީ ގެއްލުން ލިބިފައެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފޭލިގެއެއްގައި ދިރިއުޅޭ މައަކު، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި އޭނާގެ ދަރިފުޅުގެ ކަފުން ބޭނުންކޮށްގެން ފޭލިގޭގެ ލޯވަޅުތައް ބައްދަން ޖެހިފައިވާ ހިތްދަތި މަންޒަރުތައް ވަނީ ފެނިފައެވެ.

2023 އޮކްޓޯބަރު މަހު އިސްރާއީލުން ފެށި ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 74,742 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 176,227 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ކޮންމެ ދުވަހަކުވެސް އިމާރާތްތަކުގެ ދަށުން ހަށިތައް ފެންނަމުންދާތީ، ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.