
އައިޖީއެމްއެޗް ކައިރީ އިމާރާތްކުރަމުންދިޔަ ތަނެއްގެ ބައެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
މާލޭގެ އައިޖީއެމް ހޮސްޕިޓަލް ކުރިމަތީގައި އިމާރާތް ކުރަމުންދާ ތަނެއްގައި ޖަހާފައި ހުރި ސޭފްޓީ ބިއްގަނޑެއް ވެއްޓި، ބަޔަކަށް އަނިޔާވެ އުޅަނދުތަކަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގައި ޖަހައިފައިވާ ސޭފްޓީ ބިއްގަނޑު މަގުމައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:06 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، މަގުމަތިން ދިޔަ ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންގެ ސީދާ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުންނަ ގޮތުން މަގުމަތީގެ ރައްކާތެރިކަމަށް ބުރޫއަރާ މިފަދަ ހާދިސާތައް މީގެ ކުރިންވެސް މާލޭގައި ހިނގާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



