
ޢައްބާސް އިބްރާހީމަށް ދިވެހިބަހާއި އަދަބިއްޔާތުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަދި މި ވުޒާރާގެ މުޝީރު ޢައްބާސް އިބްރާހީމަށް އަރުވައިފި އެވެ.
މި ޝަރަފު އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި 67 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޢައްބާސް އިބްރާހީމަކީ ދިވެހިބަހުގެ ޤަވާޢިދާއި ވާހަކަ ދެއްކުމުގެ ފަންނާއި ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ރޮނގުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބަހުގެ އުސްތާޛެކެވެ.
1959 ވަނަ އަހަރު ނޫސްވެރިކަމުގެ ތެރެއިން ޚިދުމަތް ފެށްޓެވި އެމަނިކުފާނު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި 1996 އިން ފެށިގެން 12 ވަރަކަށް އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ/މަރުކަޒުގެ ރައީސްކަން ކުރެއްވި އެވެ.
އޭގެ ތެރޭގައި 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރެއްވުމާއި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މިހާރުވެސް މި ވުޒާރާގެ އިދާރާއެއް ކަމަށް ވާ ދިވެހިބަހުގެ އެކެޑަމީގެ ދިވެހިބަހުގެ ޤަވާޢިދު ކޮމިޓީގެ ރައީސްކަން އެމަނިކުފާނު ގެންދަވަނީ އަދާކުރައްވަމުންނެވެ.
މި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ދައުލަތުންނާއި އެކި ފަރާތްތަކުން މުޝީރަށް ގިނަ ޝަރަފުތަކެއް އަރުވާފައިވެ އެވެ.
އޭގެ ތެރޭގައި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (2013)، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1985)، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (2004)، މިނިވަން 25ގެ އިނާމު (1990)، ނޫސްވެރިކަމުގެ ރަން ގަލަން، އަލިމަސް ގަލަން އަދި މީޑިއާ ކައުންސިލްގެ ”ޙަޔާތުގެ އަރުތަ“ އިނާމު ހިމެނެ އެވެ.


