
އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު ގިނަ އަދަދެއްގެ މާހިރުންނާއެކު ސަޢޫދީއަށް
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު ވައިގެ ދިފާޢީ ދާއިރާގެ ގިނަ އަދަދެއްގެ މާހިރުންނާއެކު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މަސްދަރުތަކުން ބުނެފި އެވެ.
ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމާ ގުޅޭގޮތުން ލަފާދިނުމަށް އެމެރިކާ އަސްކަރިއްޔާގެ 36 އަށްވުރެ ގިނަ އޮފިޝަލުން އެ ޤައުމަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ މި ހަފުތާގެ ތެރޭގައި ސަޢޫދީއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
މި ދަތުރުފުޅުގައި ސަޢޫދީގެ ވައިގެ ދިފާޢީ ޤާބިލުކަން ދިރާސާކުރުމަށްޓަކައި މުޝީރުންގެ ޓީމެއް ބައިވެރިވާނެ ކަމަށް މިކަމާ ގުޅޭ މައުލޫމާތު އެނގޭ ހުޅަނގުގެ އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.
ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި ސަޢޫދީގެ ވައިގެ ދިފާޢީ ކަންކަމުގައި އެހީތެރިވުމަށް އެމެރިކާގެ 36 އަށްވުރެ ގިނަ އަސްކަރީ މުޝީރުން އެ ޤައުމަށް ދާނެ އެވެ.
އޭގެ ތެރެއިން ބައެއް މީހުން މިހާރުވެސް ސަޢޫދީއަށް ގޮސްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މި ދަތުރުފުޅަކީ ހޫޘީންގެ ވައިގެ ހަމަލާތަކުގެ ސަބަބުން ސަޢޫދީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަދި އެމެރިކާ އާއި ސަޢޫދީގެ ގުޅުން ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ކުރެވޭ ދަތުރެކެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސަޢޫދީ ޢަރަބިއްޔާއަކީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ.
ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ ސަޢޫދީ ދަނީ ”ބައިބައިވަމުން“ ކަމަށެވެ. އަދި އީރާނާއެކު ހަނގުރާމަ އަލުން ފެށުމަށް ސަޢޫދީ އާއި ގަލްފުގެ އެހެން ޤައުމުތަކުން ބޭނުންނުވަނީ އެ ޤައުމުތަކުގެ އަސްކަރީ ބަލިކަށިކަމުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.
ސަޢޫދީ ޢަރަބިއްޔާ އިން އަންނަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ތާށިވެ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. އީރާނާ ގުޅުން އޮންނަ ހޫޘީން ވަނީ ޔަމަނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދައި ސަޢޫދީގެ އެއާޕޯޓްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އަދި ވިޔަފާރި އޮފީސްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
މިއީ އިންވެސްޓްމަންޓާއި ފަތުރުވެރިކަމަށް އަމާން ޤައުމެއްގެ ގޮތުގައި ސަޢޫދީން ދައްކަން ކުރާ މަސައްކަތަށް އެޅުނު ބޮޑު ހުރަހެކެވެ.
މީގެ އިތުރުން، ހޫޘީން ސަޢޫދީގެ ބައެއް ސަރަހައްދުތަކަށް އެއްގަމު މަގުން ވަދެ ހަމަލާދީފައިވާ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.



