
އެއްވުމުގައި ޤާނޫނާ ޚިލާފަށް ކުރާ ހުރިހާ ކަމެއް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ހުރިހާ ޢަމަލުތަކެއް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭގޮތުން، އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، އާންމު ދަތުރުފަތުރަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނާ މަޢުލޫމާތު ޙިއްޞާކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން އަދި ޤާނޫނީ އިމުގެ ތެރެއިން އެއްވުން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން، އެ އެއްވުމުގެ ތެރެއިން ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގައިފިނަމަ، އެކަމެއް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.



