
ފަރަންސޭސިވިލާތުގެ ރިޔާސީ ކެންޑިޑޭޓް އިޒްރޭލަށް އެތެރެވުން މަނާކޮށްފި
ފަރަންސޭސިވިލާތުގެ ރިޔާސީ ކެންޑިޑޭޓް ޜޯން-ލޫކް މެލެންޝޯން އިޒްރޭލަށް އެތެރެވުން މަނާކުރުމާ ގުޅިގެން ފަރަންސޭސި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
ޜޯން-ލޫކް މެލެންޝޯން އިޒްރޭލަށް އެތެރެވުން މަނާކުރުމާ ގުޅިގެން ފަރަންސޭސި ފޮރިން މިނިސްޓަރު ޜޯން-ނޮއެލް ބާރޯ ވަނީ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނިންމި އެ ނިންމުމަކީ ”ދަޅަދެއްކުމުގެ“ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މެލެންޝޯންއާއި އޭނާގެ ’ލާ ފްރާންސް އިންސޫމައިޒް‘ ޕާޓީއާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅެއް ކަމުގައިވާ ބާރޯ ވިދާޅުވި ގޮތުގައި އިޒްރޭލުގެ މި އަމަލަކީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދަން އުޅޭ ފަރާތްތަކަށް ލިބުނު ފުރުސަތެކެވެ.
މެލެންޝޯން އިޒްރޭލަށް އެތެރެވުން މަނާކުރިކަން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ނިންމުން ނިންމީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި ގާޒާގައި ގަތުލުއާންމު ހިންގަމުންދާ ދިއުމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާތީ އެވެ.
އިޒްރޭލުގެ އިންޓީރިއާ މިނިސްޓަރު ގިޑިއޯން ސާރ ވަނީ މެލެންޝޯން އިޒްރޭލާ ދެކޮޅަށް ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ވަކިން ޚާއްޞަކޮށް އޭނާ ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ގާޒާއަށް އެހީ ހިފައިގެންދާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް ފަރަންސޭސި އަސްކަރީ މަނަވަރުތައް ފޮނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ސާރ އިޝާރާތް ކުރެއްވި އެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ސަމާރިއާ ރީޖަނަލް ކައުންސިލްގެ ވެރިޔާ އިޒްރޭލުގެ ވަޒަންވެރިއެއް ކަމަށްވާ ޔޯސީ ދަގާން ފަރަންސޭސިވިލާތަށް އެތެރެވުން އެ ގައުމުން މަނާކުރިތާ ހަފުތާއެއް ފަހުންނެވެ.
2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ކަނާތު ފިޔައިގެ ހަރުކަށި ލީޑަރު މާރީން އުޅުއްވަނީ ކުރީގަ އެވެ. މެލެންޝޯން އަކީ އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ކެންޑިޑޭޓެވެ.
އިޒްރޭލުގެ މި ނިންމުމާ ގުޅިގެން މެލެންޝޯން ވިދާޅުވީ އިޒްރޭލު ސަރުކާރުން އޭނާއަށް އަމާޒުކޮށް މިފަދަ ފިޔަވަޅެއް އެޅުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އޭނާ ދާން ގަސްދުކޮށްފައިވެސް ނުވާ ބިމަކަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގާޒާގައި ގަތުލުއާންމު ފެށުނީއްސުރެ ފަރަންސޭސިވިލާތަކީ އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރަމުން އައި ގައުމެކެވެ.
ނަމަވެސް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަރަންސޭސި ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން އިޒްރޭލު ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
އޭގެ ފަހުން ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މިދިޔަ ހަފުތާގައި މެލެންޝޯން ވިދާޅުވީ އޭނާ އިންތިޚާބުވެއްޖެނަމަ ގާޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށާއި ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ސީދާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
”ފަލަސްތީނުގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ އާންމުންގެ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް ބޭނުންވެއްޖެ ހިނދެއްގައި ފަރަންސޭސި މަނަވަރުތައް ފޮނުވާނަން،“ މެލެންޝޯން އެކްސްގައި ލިޔުއްވާފައިވެ އެވެ.
އަދި ހުޅަނގު އައްސޭރިއާއި ލުބުނާނުގެ ދެކުނާއި ގޯލާން ހައިޓްސް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތައް ބަލައިނުގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މެލެންޝޯން އިތުރަށް ވިދާޅުވީ ފަލަސްތީނާއި ލުބުނާނުގައި އަނިޔާ ލިބެމުންދާ ކްރިސްޓިއަން ޖަމާއަތްތަކުގެ ހިމާޔަތުގައިވެސް އަމަލީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.



