
ސަޢޫދީން އެޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ފުޅާކުރާނެބާ؟
ރިޔާޒް ކައިރީގައި ހުރި ސަޢޫދީ މިސައިލް މަރުކަޒެއް ފުޅާކުރަމުންދާކަން ހާމަވުމާ ގުޅިގެން ޗައިނާއާ އެކު އެޤައުމުން ބާއްވާ އަސްކަރީ ގުޅުމަށާއި އީރާނާ ދެމެދު އޮތް ވާދަވެރިކަމަށް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
ޔަމަނުގެ ހޫތީންގެ ފަރާތުން ކުރިމަތިވަމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ޗައިނާގެ ފަރުމާތަކަށް ބިނާކޮށްފައިވާ ބެލިސްޓިކް މިސައިލްތަކުގެ މިންވަރު ސަޢޫދީން އިތުރުކުރަމުންދާ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ދިރާސާވެރިން ތަހުލީލުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި ރިޔާޒް ޕްރޮވިންސްގެ އަލް-ދުވާދިމީގައި ހުރި ބެލިސްޓިކް މިސައިލް ކާރުޚާނާ ސަޢޫދީން ދަނީ ފުޅާކުރަމުންނެވެ.
މިއީ ބޮޑެތި ބަރުދަންތައް އުފުލޭ ދުރު ރާސްތާއަށް ދަތުރުކުރާ ސޮލިޑް-ފިއުލް މިސައިލްތައް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެ އެވެ.
2022 ވަނަ އަހަރުން ފެށިގެން އދ. މެދުވެރިވެގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް ޖުލައި މަހުން ފެށިގެން ސަޢޫދީއާއި އީރާނަށް ތާއީދުކުރާ ހޫތީންނާ ދެމެދު ކުރެވޭ ހަނގުރާމަ ވަނީ ވަރުގަދަވެފަ އެވެ.
ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ބަނދަރުތަކާއި އެއާޕޯޓްތައް ސަޢޫދީން ބަންދުކޮށްފައިވާ ކަމަށް ބުނެ އޭގެ ބަދަލުހިފުމުގެ ގޮތުން އެޖަމާއަތުން ދަނީ ސަޢޫދީގެ ސިޓީތަކަށާއި އެއާޕޯޓްތަކަށް އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް އިތުރުކުރަމުންނެވެ.



