އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ޙަޔާތުން ހިނދުކޮޅެއް – ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް

އަބޫ ހުރައިރާ ރަޟިޔަﷲ އަންހު އިންނެވީ ފޮތިގަނޑަކުން ފެހިފައިވާ ދެ ހެދުންކޮޅެއް ތައްޔާރުކުރައްވައިގެންނެވެ. އެކަލޭގެފާނު އޭގެ ތެރެއިން އެއް ހެދުންކޮޅު ނަންގަވައި އޭގެއިން ނޭފަތްފޮޅުއްވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ހަނދާނަށް މާޒީގެ ދުވަސްތައް އައިސް، އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. ”އަބޫ ހުރައިރާ ފޮތިގަނޑުން ނޭފަތްފޮޅަނީ ހެއްޔެވެ؟“ ދެން އެކަލޭގެފާނުގެ ކުރީގެ ހާލަތު ބަޔާންކޮށްދެއްވިއެވެ.

އެކަލޭގެފާނަކީ މަދީނާގައި ތިއްބެވި އާއިލާއެއް، ވިޔަފާރިއެއް، ވަޒީފާއެއް ނުވަތަ ދަނޑުވެރިކަމެއް ނެތް ފަގީރު ބޭކަލުން ކަމުގައިވާ ”އަހުލުއްޞުއްފާ“ އިންގެ ތެރެއިން ބޭކަލެކެވެ. އެބޭކަލުން ދިރިއުޅުއްވީ މަސްޖިދުއްނަބަވީގެ ފަހަތުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނުގެ ދިރިއުޅުމުގައި އެފަދަ ދުވަސްތަކެއް ދިޔައެވެ. ކާނާ ނެތުމުގެ ސަބަބުން މާބޮޑަށް ބަނޑުހައިވެގެން ރަސޫލާ ﷺ ގެ މިންބަރުކޮޅު ކައިރިން ހިނގާފައި ދަނިކޮށް އަނބުރައިގަނެގެން ބިމަށް ވެއްޓެއެވެ.

އެވަގުތު އެތަނުން ހިނގާފައިދާ މީހުންނަށް ތިމަންކަލޭގެފާނު ފެނުމުން މިއީ މޮޔައެއް ކަމަށް ހީކޮށް ތިމަންކަލޭގެފާނުގެ ކަރުމަތީގައި ފައިން ފިތައެވެ. ނަމަވެސް ތިމަންކަލޭގެފާނަކީ މޮޔައެއް ނޫނެވެ. އެ ހާލަތަށް ދާންޖެހުނު ހަމައެކަނި ސަބަބަކީ ގަދަފަދަ ބަނޑުހައިހޫނުކަމެވެ.“

ބުޚާރީގެ އެހެން ރިވާޔަތެއްގައިވާ ގޮތުން ބަނޑުހައިހޫނުކަމުގެ ވޭނަށް ލުޔެއް ހޯއްދެވުމަށްޓަކައި އެކަލޭގެފާނު ބިމުގައި ބަނޑު ޖައްސަވައިގެން އޮންނަވައެވެ. އަދި ބައެއް ފަހަރު ބަނޑުގައި އޮބާލުމަށްޓަކައި ބަނޑުގައި ހިލައެއް ބާރުކޮށް އައްސަވައިގެން އުޅުއްވައެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއްދުވަހަކު ތިމަންކަލޭގެފާނު މާބޮޑަށް ބަނޑުހައިވެގެން މީހަކު ފެނޭތޯ މަގުމަތީގައި އިށީނދެވަޑައިގެން އިންނެވީމެވެ. އެވަގުތު އަބޫބަކުރުގެފާނު އެ މަގުން ވަޑައިގަތުމުން ﷲ ގެ ފޮތުން އާޔަތެއްގެ ތަފްސީރާ ބެހޭގޮތުން ސުވާލުކުރީމެވެ. ހަގީގަތުގައި ތިމަންކަލޭގެފާނު އެ ސުވާލުކުރީ އެ އާޔަތް ނޭނގިގެނެއް ނޫނެވެ.

ނަމަވެސް އެ ސުވާލުގެ ސަބަބުން އެކަލޭގެފާނު ތިމަންކަލޭގެފާނަށް ކާތަކެތީގެ ދައުވަތެއް ދެއްވާފާނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އަބޫބަކުރުގެފާނު އެކަން ދެނެވަޑައެއް ނުގަތެވެ. ދެން އުމަރުގެފާނު ވަޑައިގަތުމުންވެސް ހަމަ އެފަދައިން އާޔަތަކާ ބެހޭގޮތުން ސުވާލުކުރީމެވެ. އެކަލޭގެފާނުވެސް ދައުވަތެއް ނުދެއްވައި ވަޑައިގަތެވެ.“

”ދެން ރަސޫލާ ﷺ އެ މަގުން ވަޑައިގަތެވެ. އެކަލޭގެފާނަށް ތިމަންކަލޭގެފާނު ފެނުމާއެކު ހިނިތުންވެވަޑައިގަތެވެ. ތިމަންކަލޭގެފާނުގެ މޫނުމަތިން ފެންނަން ހުރި ބަނޑުހައިހޫނުކަމާއި ހިތުގައި އޮތް އެއްޗެއް އެކަލޭގެފާނަށް ވަގުތުން އެނގިވަޑައިގަތެވެ.

ދެން ތިމަންކަލޭގެފާނަށް ގޮވައިލައްވައި އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަތުމަށް އެންގެވިއެވެ.“ ރަސޫލާ ﷺ ގެކޮޅަށް ވަޑައިގެން ގޭގައި ކާނާއެއް ހުރިތޯ ސުވާލުކުރެއްވުމުން ހަދިޔާއަކަށް ލިބިފައި ހުރި ކިރު ތަށްޓެއް ހުރި ކަމަށް ދެންނެވުނެވެ.

އަބޫ ހުރައިރާގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު ހިތަށްއެރިއެވެ. މިއަދުގެ ކާނާ ލިބުނީއެވެ. ނަމަވެސް ރަސޫލާ ﷺ އެންގެވީ އަހުލުއްޞުއްފާގެ ހުރިހާ ބޭކަލުންނަށް ގޮވައިގެން އައުމަށެވެ. އެވަގުތު ތިމަންކަލޭގެފާނު މާޔޫސްވިއެވެ. އެންމެ ކިރު ތަށްޓަކުން އެހާ ގިނަ ބަޔަކަށް ފުދޭނީ ކިހިނެއް ހެއްޔެވެ؟ އަދި އެބޭކަލުން ވަޑައިގަތުމުން ކިރު އަޅައިދޭން ޖެހޭނީވެސް ތިމަންކަލޭގެފާނަށެވެ.

އެހެންވީމާ ތިމަންކަލޭގެފާނަށް ބޯން ލިބޭނީ ކޯޗެއް ހެއްޔެވެ؟ އެހެންނަމަވެސް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ނޫނެކޭ ބުނުމެއް ނެތެވެ.“

އަބޫ ހުރައިރާގެފާނު ގޮސް އެބޭކަލުން ގެންނެވިއެވެ. ރަސޫލާ ﷺ ގެ އަމުރުފުޅަށް އެކަލޭގެފާނު ކޮންމެ ބޭކަލަކަށް ކިރު ތަށި އެރުވިއެވެ. ކޮންމެ ބޭކަލަކުވެސް ބަނޑު ފުރެންދެން ހިތްހަމަޖެހިގެން ކިރު ބޯލުމަށްފަހު ތަށި އަނބުރާ ދެއެވެ.

މިގޮތަށް ގޮސް އެންމެން ބޮއެ ނިމުނުއިރު ބާކީ ތިއްބެވީ ރަސޫލާ ﷺ އާއި އަބޫ ހުރައިރާގެފާނެވެ. ރަސޫލާ ﷺ ހިނިތުންވެވަޑައިގެން އަބޫ ހުރައިރާގެފާނަށް ބުއިމަށް އެންގެވިއެވެ. އެކަލޭގެފާނު ބުއިމުން އަދިވެސް ބުއިމަށް އެންގެވިއެވެ.

މިގޮތަށް ތަކުރާރުކުރައްވަމުން ގޮސް އަބޫ ހުރައިރާގެފާނު ދެންނެވިއެވެ. ”ކަލޭގެފާނު ހައްގުގޮތުގައި ފޮނުއްވި އިލާހު ގަންދީ ހުވާކޮށް ދަންނަވަމެވެ. އިތުރަށް ބޯނެ އެއްވެސް ޖާގައެއް ތިމަންކަލޭގެފާނުގެ ބަނޑަކު ނެތެވެ.“ ދެން ރަސޫލާ ﷺ ﷲ އަށް ހަމްދުކުރައްވައި ބިސްމި ކިޔުއްވައި ބާކީ ހުރި ކިރުފޮދު ހިއްޕެވިއެވެ.

މި ހާދިސާއިން އެނގިގެންދަނީ ރަސޫލާ ﷺ ގެ އޯގާތެރިކަމާއި އެހެން މީހުންނަށް އިސްކަންދިނުމުގެ މާތް ސިފައެވެ. އަދި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި (ސޫރަތުލް ޙަޝްރުގެ 9 ވަނަ އާޔަތުގައި) މަދީނާގެ އަންޞާރިއްޔަ ބޭކަލުންނަށް ތައުރީފު ކުރައްވާފައިވަނީވެސް މިފަދަ ސިފައަކަށެވެ. އެބޭކަލުން އަމިއްލަފުޅަށް ބޭނުންޖެހިފައި ތިއްބަވައިގެންވެސް އެހެން މީހުންނަށް އިސްކަންދެއްވަ އެވެ.

މި އާޔަތް ބާވައިލެއްވުނު ސަބަބާ ބެހޭގޮތުން އަބޫ ހުރައިރާގެފާނު ރިވާކުރެއްވި ހާދިސާއެއްގައިވެއެވެ. ބަނޑުހައިވެފައި ހުރި މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައުމުން އެކަލޭގެފާނުގެ ގެކޮޅުތަކުގައި ފެން ފިޔަވައި އެއްޗެއް ނެތުމުން އެ މީހާއަށް ކާންދޭނެ މީހަކު ހުރިތޯ ސުވާލުކުރެއްވިއެވެ.

އަންޞާރިއްޔަ ބޭކަލަކު އެކަމާ ހަވާލުވެވަޑައިގެން ގެއަށް ވަޑައިގެންނެވިއެވެ. ގޭގައި ހުރީ ހަމައެކަނި ކުޑަކުދިންނަށް ފުދޭވަރުގެ ކުޑަ ކާނާކޮޅެކެވެ. އެކަލޭގެފާނު އަނބިކަނބަލުންނަށް އެންގެވީ ކުދިން ނިންދެވުމަށާއި ކާން ހަދައި ބައްތި ނިވާލުމަށެވެ.

އެއީ އެކަލޭގެފާނުމެންވެސް ކާކަމަށް ދެއްކުމަށެވެ. ނަމަވެސް ހަގީގަތުގައި އެބޭކަލުން ތިއްބެވީ ނުކައެވެ. އެކަލޭގެފާނުމެން އެކަން ކުރެއްވީ އެއްވެސް މީހަކަށް އެނގޭ ގޮތަކަށް ނޫނެވެ.

ނަމަވެސް ޖެހިގެން އައިދުވަހު ރަސޫލާ ﷺ އެކަލޭގެފާނަށް ވިދާޅުވީ ރޭގަނޑު އެކަލޭގެފާނުމެން ކުރެއްވި ކަންތަކާމެދު ﷲ ތަޢާލާ އުފާވެވޮޑިގެން އެބޭކަލުންނަށް ތައުރީފު ކުރެއްވި ކަމަށެވެ.

މިއީ މުއުމިނުންގެ މާތް ސިފައެވެ. އެއީ އެހެން މީހުންނަށް އިސްކަންދިނުމާއި އެކަން ކުރަނީ އިހުސާންތެރިކަމެއްގެ ގޮތުގައި އެހެން މީހުންނަށް ނުދެއްކުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.