
ޒަކާތު ހައުސްއިން މި އަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުން އިޢުލާންކޮށްފި
2026 އޮކްޓޫބަރު 28ވާ ބުދަ ދުވަހުގެ ހެނދުނު 8:30އިން ރޭގަނޑު 7:00އަށް މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 (އިންޒެކް 2026)ގެ ކީނޯޓް ސްޕީކަރުން ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ. އިންޒެކް 2026ގެ މި އަހަރުގެ މައިގަނޑު ސުރުޚީއަކީ ’އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިޤުތިޞާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން‘ މިއެވެ.
މި ކޮންފަރެންސަކީ އިސްލާމިކް ސޯޝަލް ފައިނޭންސާއި، ޒަކާތު އެޑްމިނިސްޓްރޭޝަން އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ މާހިރުން އެއްތަނަކަށް ޖަމާކޮށް، އިޖުތިމާޢީ އަދި މާލީ ނާޒުކުކަމުގައި ހުރި ޒަމާނީ ގޮންޖެހުންތަކާއި، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި، އެހީއަށް ބަރޯސާވާ ފަރާތްތައް އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ބަދަލުކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
އިންޒެކް 2026ގައި ތިން ސެޝަނެއް ކުރިއަށްދާނެއެވެ. މީގެ ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް ސްޕީޗަކާއި، އެއަށްފަހު ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ.
ސެޝަން 1: ނާޒުކު ޙާލަތްތަކުގެ ޙަޤީޤަތް: އަދުގެ މުޖުތަމަޢުގައި ޢާއިލާތައް ނާޒުކު ޙާލަތްތަކަށް ވެއްޓެނީ ކީއްވެ؟

މި ސެޝަންގެ ކީނޯޓް ސްޕީކަރަކީ ޔުނިވަރސިޓީ ސެއިންސް އިސްލާމް މެލޭޝިއާ (ޔޫ.އެސް.އައި.އެމް) ގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. ޑރ. ފުއާދާ ތަޤުރީރު ދެއްވާނީ ’ނާޒުކު ޙާލަތްތަކުގެ އައު މޫނު: ޒަމާނީ މާލީ އިޤުތިޞާދުތަކުގައި، މުޖުތަމަޢުގެ ނިޒާމުތަކަށް އަންނަ ލޮޅުންތަކުން، ޢާއިލީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާ ގޮތް‘ މި މައުޟޫޢުއަށެވެ.
އިސްލާމީ އިޤްތިޞާދާއި، ޒަކާތާއި، ވަޤުފް އަދި ފަޤީރުކަން ނައްތާލުމުގެ ދާއިރާއިން އެކަމަނާއަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި ކުރިއަށްގެންދަވާނެ މި ތަގުރީރުގައި، އިޤްތިޞާދީ ފިއްތުންތަކާއި ކުއްލިއަކަށް ކުރިމަތިވާ މާލީ ލޮޅުންތަކުގެ ސަބަބުން ގޭބިސީތަކުގެ ހަމަޖެހުން ގެއްލި، ޢާއިލާތައް ނާޒުކު ޙާލަތަކަށް ވެއްޓިގެންދާ ގޮތްތަކަށް އަލިއަޅުއްވާލާނެއެވެ. އަދި ޒަމާނީ އިޤްތިޞާދުތަކުގައި ފަޤީރުކަމުގެ ޠަބީޢަތަށް އަންނަމުންދާ ބަދަލުތަކާއި، ދިގުދެމިގެންދާ މާލީ އަދި އިޖުތިމާޢީ ދަތިތަކަކަށް ބަދަލުވުމުގެ ކުރިން އެފަދަ ނާޒުކުކަންކަން ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ސެޝަން 2: ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން ނެރެވިދާނެ ހައްލުތައް

މި ސެޝަންގެ ކީނޯޓް ސްޕީކަރަކީ މެލޭޝިއާގެ އިންސީފް (INCEIF) ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. އާމިރު ބިން ޝަހާރުއްދީނެވެ. ޕްރޮފެސަރ ޑރ. އާމިރު ތަޤުރީރު ދެއްވާނީ ’ހުރިހައި ފަރާތްތައް ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ: ފަޤީރުކަމާއި ނާޒުކު ޙާލަތުން އަރައިގަތުމަށް ޓަކައި ޒަކާތާއި ވަޤުފު ފަދަ އިސްލާމީ އިޖުތިމާއީ-މާލީ މުއައްސަސާތަކާއި، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި، މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ސަބަބު.’ މި މައުޟޫޢުއަށެވެ.
އިސްލާމިކް ސޯޝަލް ފައިނޭންސާއި، އެކަޑެމިކް އަދި މުއައްސަސާތައް ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޕްރޮފެސަރ ޑރ. އާމިރު، ޒަކާތާއި ވަޤުފް މުއައްސަސާތަކާއި، ސަރުކާރުގެ ވެލްފެއަރ ޕްރޮގްރާމްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެއެވެ. މަޢުލޫމާތު ބަދަލުކުރުމާއި، ވަސީލަތްތައް ހިއްސާކުރުމާއި، ގުޅިގެން މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ މަގުތައް ހޯދުމުގެ ޒަރީޢާއިން، މުޖުތަމަޢުގެ އަފުރާދުން އެހީއަށް ބަރޯސާވުމުން މާލީ ފުދުންތެރިކަމަށް ވާސިލުކޮށްދެއްވިދާނެ ގޮތްތަކާ މެދު މި ސެޝަންގެ ތެރެއިން ކަމާ ގުޅޭ މާހިރުންގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.
ސެޝަން 3: އެހީ ލިބޭ މީހާ އެހީތެރިވާ ފަރާތަކަށް ބަދަލުކުރުން: އިތުބާރުހުރި ދިރާސާގެ މައްޗަށް ބިނާކޮށް، ފަޤީރުކަން ނައްތާލުމަށް ކުރިއަށް ގެންގޮސްފައިވާ ޕުރޮގުރާމުތަކާއި އޭގެ ކާމިޔާބީގެ ވާހަކަތައް

މި ސެޝަންގެ ކީނޯޓް ސްޕީކަރަކީ މެލޭޝިއާގެ ލެމްބާގާ ޒަކާތް ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ) ގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރު، ޔޫސުފް ބިން އަޙްމަދެވެ. އޭނާ ތަޤުރީރުކުރައްވާނީ ’ފުދުންތެރިކުރުވުމުން މުޅި އިޤުތިޞާދަށް ކުރާ ހެޔޮ އަސަރު: އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަށް ބަރޯސާވެފައިވާ ފަރާތްތައް އުފެއްދުންތެރި އަދި ޤައުމުގެ އިޤުތިޞާދަށް ފައިދާކުރާ މުހިއްމު ބައިވެރީންނަށް ހެދުމަށް ދުނިޔޭގައި ބޭނުންކޮށްފައިވާ ކާމިޔާބު ނަމޫނާ ޕުރޮގުރާމުތައް‘ މި މައުޟޫޢުއަށެވެ.
ޒަކާތް ބެހުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމާއި، ޒަކާތާއި ވަޤުފް އެކުލެވިގެންވާ މަޝްރޫޢުތައް ހިންގުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހީ ލިބޭ ފަރާތްތައް ހަމައެކަނި މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި އިޤްތިޞާދީ އަމިއްލަ ފުދުންތެރިކަމަކަށް ވާސިލުކޮށްދިނުމަށް ގެންގުޅެވިދާނެ ގޮތްތަކުގެ މައްޗަށް ޔޫސުފްގެ ތަޤުރީރުގައި އަލިއަޅުއްވާލައްވާނެއެވެ. މި ސެޝަންގައި، ކުދި ވިޔަފާރިތައް ފަށައި ފަޤީރުކަމާއި ނާޒުކު ހާލަތުން އަރައިގަނެ ޒަކާތް ދައްކާ ފަރާތްތަކަށް ވެފައިވާ މީހުންގެ ޙަޤީޤީ ވާހަކަތަކުން ލިބޭ ފިލާވަޅުތަކާ ބެހޭ ގޮތުން، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޒަކާތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިންނާއި އެ ނޫން ވެސް ކަމާ ބެހޭ މާހިރުން މަޝްވަރާކުރައްވާނެއެވެ.
ކޮންމެ ކީނޯޓް ތަޤުރީރަކަށްފަހު، ގުޅުންހުރި ފަރާތްތައް ބައިވެރިވާ ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ. މީގައި ޚިޔާލު ބަދަލުކުރުމާއި، ފާހަގަކުރެވުނު ކަންކަމަށް ޢަމަލީ ޙައްލުތައް ހޯދުމަށް މަޝްވަރާކުރެވޭނެއެވެ. މި ތިން ސެޝަންގެ ޕެނަލިސްޓުން އަންނަ ހަފުތާގައި އިޢުލާނުކުރެވޭނެއެވެ.
އިންޒެކް 2026ގެ މަޤްޞަދަކީ ހަމައެކަނި ފަޤީރުކަމުގެ އަސަރުތައް ކުޑަކުރުމުގެ ވިސްނުން ދޫކޮށްލައި، ފަޤީރުކަން މެދުވެރިވާ ސަބަބުތައް ނައްތާލައި ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ ވިސްނުމަށް އިސްކަންދިނުމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ މި މަހާސިންތާގައި، އަދުގެ މުޖުތަމަޢުގައި، ނާޒުކު އަދި ނިކަމެތި ޙާލަތްތަކަށް ވާސިލުކުރުވާ ސަބަބުތަކާއި، ޤައުމުގެ މުޅި އިޤުތިޞާދީ ކުރިއެރުމަށް މި ކަމުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، ސަރުކާރާއި، އިސްލާމީ އިޖުތިމާއީ މާލީ ދާއިރާގައި މަސައްކަތްކުރާ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލެވޭނެއެވެ.
މި ކޮންފަރެންސަކީ، ޒަކާތަކީ ހަމައެކަނި ވަގުތީ މާލީ އެހީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އިޖުތިމާޢީ ރައްކާތެރިކަމާއި، އިޤްތިޞާދީ ބާރުވެރިކަމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖިކް ވަސީލަތަކަށް ހެދުމަށް ޒަކާތު ހައުސްއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.



