
އޭއައިގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކަށް ހުރި ނުރައްކާތަކާ ގުޅޭގޮތުން ސިންގަޕޫރުގެ ރައީސް އިންޒާރު ދެއްވައިފި
ސިންގަޕޫރުގެ ރައީސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދަސްވެނިވާ ދަރިވަރުންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރި ނުރައްކާތަކާ ގުޅޭގޮތުން އިންޒާރު ދެއްވައިފި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުވުމާއެކު، އަލަށް ދަސްވެނިވާ ކުދިންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މައްސަލައަށް ދުނިޔޭގެ ސަރުކާރުތަކުން އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް ވިދާޅުވެއްޖެ އެވެ.
ބެންކޮކްގައި ހޯމަ ދުވަހު ބޭއްވި އައި.އެމް.އެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަންމުގަރަތުނަމް ވިދާޅުވީ، ވަރަށް އަވަހަށް ހައްލުކުރަންޖެހޭ ހާއްސަ މައްސަލައެއް ފާހަގަކުރެވޭ ކަމަށާއި، އެއީ ކިޔަވައި ނިމިގެން ވަޒީފާގެ މައިދާނަށް ނުކުންނަ ކުދިންނަށް ލިބޭ ފުރަތަމަ ވަޒީފާގެ ފުރުސަތުތަކަށް އޮތް ޑިމާންޑް މިހާރު ކުޑަވަމުންދާ މައްސަލަ ކަމަށެވެ.
”މީގެ ހެކިތައް މިހާރުވެސް ވަރަށް ސާފުކޮށް ފެންނަން އެބަހުރި. ވަކިން ހާއްސަކޮށް އޭއައިގެ ނުފޫޒު އެންމެ ބޮޑަށް ފޯރާފައިވާ ދާއިރާތަކުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،“ އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އޭއައިގެ ސަބަބުން ކުރިމަތިވާ ބަދަލުތަކާ ހުރެ، ތަރައްގީވަމުން އަންނަ ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގޮތުން އިތުރު ފަރަގުތަކެއް އުފެދިގެންދާ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް ދުނިޔޭގެ ޤައުމުތަކުން ސަމާލުވާންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.



