
މައްކާ މަދީނާ ފިޔަވާ ސަޢޫދީގެ އެއާޕޯޓްތައް ބޭނުން ނުކުރުމަށް ހޫތީން އިންޒާރު ދީފި
ރިޔާޒަށް ދިން ހަމަލާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ އެއާޕޯޓްތައް ބޭނުންނުކުރުމަށް ހޫތީން އިންޒާރުދީފި އެވެ.
ސަޢޫދީގެ ރިޔާޒް އެއާޕޯޓަށް ހޫތީން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނުތާ އެއް ދުވަސް ފަހުން، އެ ޤައުމުގެ އެއާޕޯޓްތަކާ ދުރުހެލުމަށް ހޫތީން އަލުން އިންޒާރު ދީފި އެވެ.
ޔަމަނުގެ ހޫތީން ވަނީ މައްކާ އަދި މަދީނާ ފިޔަވައި ސަޢޫދީ ޢަރަބިއްޔާގެ އެހެން ހުރިހާ އެއާޕޯޓްތަކާ ދުރުހެލުމަށް އިންޒާރު ދީފަ އެވެ.
މި އިންޒާރު ދީފައިވަނީ ސަޢޫދީގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން ހަމަލާދިން ކަމަށް ބުނާ ހާދިސާއަށް ފަހުގަ އެވެ.
އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ، ސަޢޫދީގެ އެއާޕޯޓްތައް ބޭނުން ނުކުރުމަށް ހުރިހާ ޝިޕިން ކުންފުނިތަކަށާއި، އެއާލައިންތަކަށާއި، މުވައްޒަފުންގެ އިތުރުން ދަތުރުވެރިންނަށް އިންޒާރު ދެއްވާފަ އެވެ.
އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ސިޓީ ކަމަށްވާ މައްކާ އާއި މަދީނާ ފިޔަވައި، ސަޢޫދީގެ އެހެން އެއާޕޯޓްތަކާއި ވައިގެ ސަރަހައްދަކީ ހޫތީންގެ އަމާޒުފަތްގަނޑުތަކެއް ކަމަށާއި، އެއީ އެ ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް ހިންގާ ސަރަހައްދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރީ އިތުރަށް ވިދާޅުވީ، އެ ޖަމާއަތުގެ އިންޒާރުތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށާއި، ދިން ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބުވުމުގެ ޒިންމާ ސަޢޫދީ ޢަރަބިއްޔާ އިން އުފުލަންޖެހޭނެ ކަމަށެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ސަޢޫދީއަށް ދިން އެންމެ ނުރައްކާތެރި މި ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވުމާ ގުޅިގެން، އާދީއްތަ ދުވަހުގެ ރޭގަނޑު 21:00 އާ ހަމައަށް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށް ސަޢޫދީގެ ސިވިލް އެވިއޭޝަން އިދާރާއިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވެ އެވެ.
ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެވިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ ދިން މި ހަމަލާގައި ސަޢޫދީގެ ހަތަރު ރައްޔިތަކާއި، ބަންގްލަދޭޝްގެ ދެ މީހަކާއި، އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްޠީން އަދި ސޫދާންގެ ކޮންމެ ޤައުމަކުން އެކަކު މަރުވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކުވޭތު އެއާވޭޒް އިން ވަނީ އާދީއްތަ ދުވަހު ރިޔާޒަށް ކުރަން ހަމަޖެހިފައިވާ ދެ ފްލައިޓެއް ކެންސަލްކޮށްފަ އެވެ.
އެއީ ސަޢޫދީ ކަމާބެހޭ ފަރާތްތަކުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މި ހަމަލާގެ ޒިންމާ ހޫތީން ރަސްމީކޮށް އުފުލާފައި ނުވިނަމަވެސް، ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ މިއީ ހޫތީންގެ އަމަލެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިއީ ފުރިހަމަ ހަނގުރާމައިގެ ކުށެއް ކަމަށްވެސް އެ ކޯލިޝަނުން ސިފަކޮށްފައިވެ އެވެ.
ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކަކުން ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ.
އޭގެ ތެރޭގައި އިރާޤު، ޔޫއޭއީ، ޤަތަރު، ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން އާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން މި ހަމަލާއަކީ ނާތަހުޒީބު އަދި ނުރައްކާތެރި ކުރިއެރުމެއް ކަމަށް ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން ސަޢޫދީ ޢާރަބިއްޔާއަށް ވައިގެ ދިފާއީ ނިޒާމާއި ދަތުރުމަތީގައި ބޯޓުފަހަރަށް ތެޔޮ އެޅުމުގެ އެހީތެރިކަން ފޯރުކޮށްދޭ އެއް ސަބަބަކީ މިއީ ކަމަށެވެ.



