
ގްލޯބަލް ޑޭ އޮފް އެކްޝަން“ ގައި 200 އަށްވުރެ ގިނަ ޖަމްޢިއްޔާ ”
ފަލަސްޠީނަށް ތާއީދުކޮށް އަންނަ ހަނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އިހުތިޖާޖު ދުނިޔޭގެ 60 ޤައުމެއްގެ 250 އަށްވުރެ ގިނަ ސަރަހައްދުގައި ކުރިއަށްދާނެ އެވެ.
’ގްލޯބަލް އެލަޔަންސް ފޯ ފަލަސްތީން‘ (ޖީ.އޭ.އެފް.ޕީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ޖަމްޢިއްޔާ އިން އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ބޮޑު އިހުތިޖާޖުގައި ބައިވެރިވާނެ އެވެ.
އެ ޖަމްޢިއްޔާގެ ބަޔާނުގައިވާ ގޮތުން، މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްވަގުތެއްގައި ހިންގާ ދުނިޔޭގެ ފެންވަރުގެ އިހުތިޖާޖު ދުވަހެކެވެ.
މީގެ ތެރޭގައި 60 ޤައުމެއްގެ މަދަނީ ޖަމްޢިއްޔާތަކާއި، ޓްރޭޑް ޔޫނިއަންތަކާއި، ދަރިވަރުންގެ ފެޑެރޭޝަންތަކުގެ އިތުރުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ނެޓްވޯކްތައް ހިމެނެ އެވެ.
މި ހަރަކާތް އިންތިޒާމުކުރަނީ ޖީ.އޭ.އެފް.ޕީ އާއި ’އެންޓި-އަޕާތައިޑް މޫވްމަންޓް‘ (އޭ.އޭ.އެމް) އަދި ’ސަނަދު‘ ފަލަސްތީނު އިސްތިއުމާރު ކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އިއްތިހާދު ގުޅިގެންނެވެ.
ޖީ.އޭ.އެފް.ޕީ އިން ބުނި ގޮތުގައި، ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލަށް ފައިސާ އާއި ހަތިޔާރު ފޯރުކޮށްދީ، ޤާނޫނީ ޒިންމާތަކުން އެ ޤައުމު ސަލާމަތް ކުރަމުންދާއިރު، އާންމު ރައްޔިތުންގެ މި ހަރަކާތްތަކުން މި ނަސްލު ނައްތާލުމުގެ އަމަލުތަކަކީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދާނެ އެވެ.
އަދި މިއީ ހަމައެކަނި ރަމްޒީ އިހުތިޖާޖެއް ނޫން ކަމަށާއި، މިއީ އިޒްރޭލުގެ ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކަށް އެހީތެރިވާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ސީދާ ގޮތެއްގައި ކުރެވޭ މަދަނީ މަސައްކަތެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ޖީ.އޭ.އެފް.ޕީ ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަލްތިކްރިތީ ވިދާޅުވި ގޮތުގައި، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ތިން އަހަރު ފުރުން މިއީ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ބިރުވެރިކަމާއި ކެކުޅުންތައް ހަނދާންކޮށްދޭ ހިތާމަވެރި ދަނޑިވަޅެކެވެ.
އަދި ދުނިޔޭގެ ބާރުތަކުން ހަނު ތިބެ، މި ޖަރީމާތަކުގައި ބައިވެރިވަމުންދާއިރު، މަދަނީ މުޖުތަމައު މިވަނީ މި ބިރުވެރިކަމާ ދެކޮޅަށް ތެދުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްތިކްރިތީ އިތުރަށް ސިފަކުރެއްވި ގޮތުގައި، މި ހަރަކާތަކީ ނަސްލު ނައްތާލުމުގެ އަމަލުތައް އާންމު ކަމަކަށް ވިޔަ ނުދޭނެކަމުގެ ބައިނަލްއަޤްވާމީ ގޮވައިލުމެކެވެ.
”އަޅުގަނޑުމެން މަގުތަކަށް މި ނުކުންނަނީ ފުރިހަމަ ޒިންމާދާރުކުރުވުމަށާއި، ހިސާރުކުރުން ވަގުތުން ހުއްޓާލުމަށާއި، މިނިވަން ފަލަސްތީނަކަށް ގޮވާލުމަށެވެ.“
ޖީ.އޭ.އެފް.ޕީ އިން ބާރުއަޅައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ މި ބޮޑު ހަރަކާތަކީ ތިން އަހަރުގެ ނަސްލު ނައްތާލުމުގެ ހަނދާން އައުކުރާ ހަރަކާތެއް ނޫން ކަމަށާއި، މިއީ އިޒްރޭލުގެ އަނިޔާވެރިކަމަށް މަގުފަހިކޮށްދޭ ވަސީލަތްތައް ހުއްޓުވުމަށް ހިންގާ ސީދާ ހަރަކާތެއް ކަމަށެވެ.
ދުނިޔޭގެ 250 އަށްވުރެ ގިނަ ސަރަހައްދުގައި ބައިވެރިވާ ޖަމިއްޔާތަކުން، އާންމު މައިދާންތަކާއި، ސަރުކާރުގެ އިމާރާތްތައް ވަށާލައި، އަސްކަރީ ސާމާނު ފޯރުކޮށްދޭ ކުންފުނިތައް ހުއްޓުވާނެ ކަމަށް ބެލެވެއެވެ.
”މީގެ މަގުސަދަކީ ސާފު މަގުސަދެކެވެ. އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް މެދުނުކެނޑި ކުރިއަށްދާހާ ހިނދަކު، އާންމު ވިޔަފާރިތަކާއި ސިޔާސީ ގުޅުންތައް ކުރިއަށް ނުގެންދެވޭނެކަން އެންގުމެވެ.“ ޖީ.އޭ.އެފް.ޕީ
މި އިހުތިޖާޖުތައް ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ލަންޑަން، ސިޑްނީ، ބާލިން، ބްރަސަލްސް، ޕްރާގް، ރެއިކްޔަވިކް، އެތެންސް، މޮޑޭނާ، ސައޮ ޕައުލޯ، މެކްސިކޯ ސިޓީ، ކުއާލަލަމްޕޫރު އަދި ޖޯހަންސްބާގް ހިމެނެ އެވެ.



