ކެންޔާއިން ފެނުނު އެބޯލާގެ އެންމެ މަރަކާއެކު، އެ ބަލި އެފްރިކާގެ އެހެން ސަރަހައްދުތަކަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވަނީ ކީއްވެ؟

މިއަހަރުގެ ކުރީކޮޅު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން ފެތުރެން ފެށި ނުރައްކާތެރި އެބޯލާ ވައިރަހުގެ ސަބަބުން، ކެންޔާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި، ’ބަންޑިބުގްޔޯ‘ (BDBV) ނަމަކަށް ކިޔާ މި އެބޯލާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 2007 ވަނަ އަހަރު ޔުގެންޑާއިންނެވެ. ޑީއާރުސީގައި މިހާރު ފެތުރެމުންދާ މި ބަލީގައި 8,300 މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 4,148 މީހުން ވަނީ މަރުވެފައެވެ. މި ބަލި ޔުގެންޑާއަށްވެސް ފެތުރި، އެ ގައުމުން 20 ކޭސް ފެނުމަށްފަހު، ޖުލައި މަހު އެ ގައުމަކީ އެބޯލާ ނެތް ގައުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް، ކެންޔާއިން މަރުވި މީހާއަކީ ޑީއާރުސީން ޔުގެންޑާއަށް އެއްގަމު މަގުން ދަތުރުކުރުމަށްފަހު، ފްލައިޓެއްގައި ނައިރޯބީއަށް ދިޔަ މީހެކެވެ. މީގެ ސަބަބުން ޔުގެންޑާއަކީ އެބޯލާ ނެތް ގައުމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ސުވާލު އުފެދި، ކެންޔާއަށް އެތެރެވާ މީހުން ސްކްރީން ކުރުމުގެ ނިޒާމުގެ ހަރުދަނާކަމާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އަދި ކުރިން ހީކުރި ވަރަށް ވުރެ ބޮޑަށް ބަލި ފެތުރިފައިވުމުގެ ބިރުވެސް ވަނީ ހީވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި، ކެންޔާ ސަރުކާރުން މިހާރު ދަނީ ބަލި ދެނެގަތުމުގެ ނިޒާމު ވަރުގަދަކޮށް، ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުން އެތެރެވާ މީހުން ޚާއްސަ ގޮތެއްގައި ސްކްރީން ކުރަމުންނެވެ.

ދެކުނު އެފްރިކާގެ ސްޓެލެންބޮޝް ޔުނިވަރސިޓީގެ މެޑިކަލް ވައިރޮލޮޖީގެ އިސްވެރިޔާ ޕްރޮފެސަރ ވޮލްފްގަންގް ޕްރައިސަރ ވިދާޅުވި ގޮތުގައި، ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދާއި ފެތުރޭ ދުވެލި ހުރީ ސިއްހީ ނިޒާމުތަކަށް ކަތްނުވާ މިންވަރަށް ބޮޑުވެފައެވެ. އޭނާ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑީއާރުސީގެ އެހެން ޕްރޮވިންސްތަކަށާއި އަވަށްޓެރި ގައުމުތަކަށް ބަލި ފެތުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށާއި، ބަލި ފެތުރޭ މިންވަރު ދަށްވާން ފަށަންދެން މިކަން މިގޮތަށް ކުރިއަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެބޯލާއަކީ ކޮބައިތަ؟

އެބޯލާއަކީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ވައިރަލް އިންފެކްޝަނެކެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެއްސާ (ލޭ، ކުޅު ފަދަ ތަކެތި) ސީދާ ގޮތުން ނުވަތަ އެފަދަ އެއްޗެއް ހޭކިފައިވާ ތަނެއްގައި އަތްލުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ބަލިޖެހިފައިވާ ޖަނަވާރުގެ މަސް ކެއުމުގެ ސަބަބުންވެސް މި ބަލި ޖެހޭކަން ވަނީ އެނގިފައެވެ.

މެދުތެރޭ، ހުޅަނގު އަދި އިރުމަތީ އެފްރިކާގެ ސަރަހައްދުތަކުގައި މީގެ ކުރިންވެސް މި ބަލި ފެތުރިފައިވެއެވެ. 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު ބަލީގައި 28,600 މީހުންނަށް ބަލި ޖެހުނުއިރު، މަދުވެގެން 11,300 މީހުން މަރުވިއެވެ. މިއީ ބައްޔަށް ވެކްސިން އުފެއްދުމުގެ މަސައްކަތް އަވަސްކުރުމަށް މެދުވެރިވި ސަބަބެކެވެ. އޭރު ފެތުރުނީ ’ޒަޔަރް‘ ނަމަކަށް ކިޔާ އެބޯލާގެ ބާވަތެކެވެ. އެ ބާވަތަށް މިހާރު ވެކްސިން އެބަހުއްޓެވެ.

ނަމަވެސް މިހާރު ފެތުރެމުންދާ ’ބަންޑިބުގްޔޯ‘ (BDBV) އަކީ ކުރީގެ ބަލިމަޑުކަމާ ގުޅުންހުރި ބާވަތެއް ނޫނެވެ. ބެލެވޭ ގޮތުގައި މިއީ އައު ގޮތަކަށް ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް އަރައި، އިންސާނުންގެ މެދުގައި ފެތުރެމުންދާ ބާވަތެކެވެ. މި ބާވަތަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 2 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ. ބަލި ފެށެނީ ކުއްލިއަކަށް ހުން އައުމާއި، ވަރުބަލިވުމާއި، ބޮލުގައި ރިއްސުން ފަދަ އާދައިގެ ރޯގާގެ އަލާމާތްތަކާ އެކުގައެވެ. ނަމަވެސް، ބަލި ބޮޑުވުމުން ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ ފޭބުމާއި، މޭގަނޑާއި ގުރުދާ ފަދަ ގުނަވަންތަކުގެ މަސައްކަތް ހުއްޓުމަށް މެދުވެރިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.