އިސްރާއީލް ގެ އުފެއްދުންތައް ބޮއިކޯތުކުރާ ފަރާތްތަކަށް ގާޒާ ފްރެންޑްލީ“ އެޕް 

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ހަރަކާތްތަކާ ގުޅުންހުރި އުފެއްދުންތައް ބޮއިކޮޓްކޮށް، އޭގެ ބަދަލުގައި އެހެން ބްރޭންޑްތައް ވިއްކާ ވިޔަފާރިވެރިން ފާހަގަކޮށް، ސެޓިފިކެޓް ދިނުމަށް ފްރާންސްގައި ޚާއްޞަ އެޕްލިކޭޝަނެއް އުފައްދައިފި އެވެ.

ޕްލޭ ސްޓޯރުން ލިބެން ހުރި ގިނަ އެޕްތަކުގެ ތެރެއިން، ފަލަސްޠީނުގެ ދިދަ ހިމެނޭ ހިތެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ”ގާޒާ ފްރެންޑްލީ“ އެޕްލިކޭޝަން ފާހަގަކޮށްލެވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

2025 ވަނަ އަހަރުގެ ޖޫން މަހު ތައާރަފުކުރި މި ލޭބަލަކީ، އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުން އުފައްދާ މުދަލާއި، އިސްރާއީލުގެ އާބާދުވުންތަކަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރާ ވިޔަފާރިވެރިންނަށް ދެވޭ ސެޓިފިކެޓެކެވެ.

މިހާތަނަށް މި އެޕްލިކޭޝަނާއި މީގެ ވެބްސައިޓުގައި ފްރާންސްގެ 80 ވިޔަފާރިއެއް ވަނީ ހިމަނާފަ އެވެ.

މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުތުބުޚާނާތަކާއި، ރެސްޓޯރެންޓްތަކާއި، ބޭކަރީތަކާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނެވެ.

މި ލިސްޓު ޤަވާއިދުން އަޕްޑޭޓް ކުރެވެމުންދާއިރު، އެޕްލިކޭޝަންގައި ހިމެނޭ މެޕް މެދުވެރިކޮށް ކޮންސިއުމަރުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މިފަދަ ފިހާރަތައް ފަސޭހައިން ދެނެގަނެވޭނެ އެވެ.

މިހާތަނަށް 500 އަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފައިވާ މި އެޕްލިކޭޝަން އުފެއްދީ ފްރާންސްގެ ލިޔޯން ސިޓީގައި މަސައްކަތްކުރާ ޓިއުނީޝިޔާ ދަރިކޮޅުގެ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޕިއޭ-އަމައެލް ނޮއިލީ ޗާނީ އާއި އޭނާގެ ރަހުމަތްތެރިންތަކެކެވެ.

ނޮއިލީ ޗާނީ ބަޔާންކުރި ގޮތުގައި، ”ގާޒާ ފްރެންޑްލީ“ އާ ގުޅޭ ވިޔަފާރިވެރިންނަށް ފަލަސްޠީނުގެ ޙައްޤުގައި ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެ އެވެ.

”މި ލޭބަލްގެ ސަބަބުން، ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ މެދު ކަންބޮޑުވާ މީހުންނަށް، އެމީހުން ކުރާ ވިޔަފާރީގެ ޒަރީއާއިން އިންސާފާއި އެއްބައިވަންތަކަމަށް މަސައްކަތް ކުރުމުގެ ބާރު ލިބިގެންދޭ،“ – ނޮއިލީ ޗާނީ

މި ލޭބަލް ބިނާވެފައިވަނީ 2005 ވަނަ އަހަރު ފަލަސްތީނުގެ މަދަނީ ޖަމްޢިއްޔާތަކުން ފެށި ބީ.ޑީ.އެސް (ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންކްޝަންސް) ހަރަކާތުގެ މައްޗަށެވެ.

މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިފާފައިވާ ބިންތަކުން އުފައްދާ މުދާ ގަތުމާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ.

”ބޮއިކޮޓް ކުރުމުގެ ނަތީޖާ ފެންނަނީ، ވަކި އުފެއްދުންތަކެއް ބޭނުންކުރުން ހުއްޓާލުމުން އަނިޔާވެރިކަމަށް ލިބޭ މާލީ އެހީތެރިކަން ކެނޑިގެންދާތީ،“ ގާޒާ ފްރެންޑްލީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވެ އެވެ.

އެމީހުންގެ އަމާޒަކީ މި ހަރަކާތް ފުޅާކޮށް، ބޮއިކޮޓް ކެމްޕޭނަށް އިތުރު ބާރެއް ހޯދައިދިނުމެވެ.

މި ސެޓިފިކެޓް ހޯދުމަށްޓަކައި ވިޔަފާރިވެރިން ތިން ކަމަކަށް އަމަލުކުރަން ޖެހެއެ ވެ.

އެއީ: ކޯކާކޯލާ ކުންފުނީގެ އެއްވެސް ބުއިމެއް ނުވިއްކުން، ޕެޕްސީކޯގެ ބުއިންތައް ނުވިއްކުން، އަދި އިސްރާއީލުގެ އާބާދުވުންތަކުން އެތެރެކުރާ ތާޒާ އުފެއްދުންތައް ނުވިއްކުމެވެ.

ނޮއިލީ ޗާނީ ދެކޭގޮތުގައި ކޯކާކޯލާ އާއި ޕެޕްސީކޯ ބޮއިކޮޓް ކުރުމަކީ ފަލަސްޠީނުގެ ބިންތައް އިސްރާއީލުން ހިފާފައިވާ ހިފުމަށް އެ ކުންފުނިތަކުން ވާގިވެރިވާތީ، އެކަމާ ދެކޮޅަށް ކުރެވޭ ސުލްހަވެރި އަދި ވަރުގަދަ މެސެޖެއް ދޭ ހަރަކާތެކެވެ.

2025 ވަނަ އަހަރު ބީ.ޑީ.އެސް އިން ހާމަކުރި ގޮތުގައި، ކޯކާކޯލާ އިން ހުޅަނގު އައްސޭރީގެ އަތަރޮތު ސަރަހައްދުގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ގުދަންތަކެއް ހިންގަމުންދާއިރު، ޕެޕްސީކޯ އިން ދަނީ އިސްރާއީލާ ގުޅުންހުރި އިންވެސްޓްމަންޓްތައް ކުރަމުންނެވެ.

ޕެޕްސީކޯ އިން ސިޔާސީ ގޮތުން ނުވަތަ އަސްކަރީ ގޮތުން އިސްރާއީލަށް ތާޢީދު ނުކުރާ ކަމަށް ބުނި ނަމަވެސް، އިސްރާއީލުގެ ބްރޭންޑްތަކެއް ކަމަށްވާ ސޯޑާސްޓްރީމް އާއި ސަބްރާގެ މިލްކުވެރިކަން އެ ކުންފުންޏަށް އޮތުމަކީ އިސްރާއީލަށް ދެވޭ ނުސީދާ އެހީއެއް ކަމަށް އެކްޓިވިސްޓުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.