
ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުން އަވަސްކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން ގޮވާލައްވައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަވަސްކުރުމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޡް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ޕީޕީއެމް ޕްރައިމަރި އަވަސްކުރުމައް ގޮވާލާފައިވަނީ ރައީސް މައުމޫނުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.
މި ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް ބުނެ އަދި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން މިދިޔަ ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުންނާއި އާއްމު މެމްބަރުން ހިތްހަމަ ނުޖެހޭނެ ކަމެއް ކަމަށާއި އެހެން ކަމުން މިކަން ވީހާވެސް އަވަސް ކުރަން ޖެހޭ ކަމަށެވެ.
އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޓޭޓުން ޕްރައިމަރީއަށް ތައްޔާރުވެފައި ތިއްބާ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ޕީޕީއެމްގެ ޕްރައިމަރީ ވީހާވެސް އަވަސް ތާރީހެއްގައި ބޭއްވުމަށް ވެސް މި ބަޔާނުގައި މައުމޫން ގޮވާލައްވާފައިވެ އެވެ.
މީހެއިތުރުން މި ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ކަންކަމުގައި އަބަދުވެސް ބަސް ބުނަމުން ގެންގޮސްފައި ވަނީ އެ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ.
އެހެންކަމުން އެކަން އެހެން އޮއްވައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމަކީ އެ ޕާޓީގެ އާއްމު މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ބޭއްވުމަށް ޕާޓީގެ އެންމެހައި މެމްބަރުން ހިމެނޭ ސައްޙަ ދަފްތަރެއް އެކުލަވާލެވިފައި އޮންނަންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް މިކަންތައް އަދި ފުރިހަމަ ނުވެހުރުމުގެ ސަބަބުން ޕީޕީއެމް އިން އެހެން ގޮތެއް ކަނޑައަޅަންދެން ޕާޓީގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ ވެސް މި ބަޔާނުގައި ވެއެވެ.
މުއްދަތެއް ނެތް ގޮތަށް ޕީޕީއެމްގެ ޕްރައިމަރީ ފަސްކޮށްފައިވާއިރު އެ ޕާޓީން ވަނީ އަންނަ ޖެނުއަރީ މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ވެސްދެ މަސް ދުވަހަށް ފަސްކުރުމަށް ސިވިލް ކޯޓުގައެދިފައެވެ.



