
އީރާނުން ޓްރަމްޕަށް: އަހަރުމަން ދުވަހަކުވެސް ކަލޭމެނަށް ބޯނުލަނބާނަން
އީރާނުން ދުވަހަކުވެސް ބޯނުލަނބާނެ ކަމަށް އެޤައުމުގެ ރައީސް ޓްރަމްޕަށް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް އދ. ގައި ތަޤްރީރު ކުރައްވަމުން، އީރާނުގެ ރައީސް ވަނީ އެޤައުމުން ދުވަހަކުވެސް ބޯނުލަނބާނެ ކަމަށް ވިދާޅުވެ، ގޮންޖައްސަވާފަ އެވެ.
މަސްޢޫދު ޕެޒެޝްކިއަން ވަނީ ހަނގުރާމައިގެ ކުރީކޮޅު ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުއްލޯ އަލީ ޚާމަނާއީ އަވަހާރަކޮށްލި މައްސަލާގައި، އެމެރިކާގެ މައްޗަށް ”ޓެރަރިޒަމް“ ގެ ތުހުމަތު ކުރައްވާފަ އެވެ.
އީރާނުން ދުވަހަކުވެސް ހަނގުރާމައެއް ފަށާފައި ނުވާނެ ކަމަށް ވިދާޅުވަމުން، އޭނާ ވަނީ އަވަހާރަކޮށްލާފައިވާ ލީޑަރުގެ ފޮޓޯއެއް ދައްކަވާފަ އެވެ.
އަންގާރަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގައި ވާހަކަ ދައްކަވަމުން، އީރާނު ”ސުންނާފަތި“ ކޮށްލުމާ މެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، ތެހެރާނާއި ވޮޝިންގޓަނުގެ މަންދޫބުންގެ މެދުގައި އަލުން ފެށިފައިވާ މަޝްވަރާތަކަށް މަރުހަބާ ވިދާޅުވި އެވެ.
ނަމަވެސް، ޕެޒެޝްކިއަން ދެއްވި ވަރުގަދަ ތަޤްރީރުގައި، ހުއްޓިފައިވާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކާ ބެހޭގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.
”ޓްރަމްޕަށް އެނގެންޖެހޭނެ ކަމަކީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ފިއްތުންތަކާއި، ބިރުދެއްކުންތަކާ ކުރިމަތިލާންޖެހުމުން އީރާނުގެ ރައްޔިތުންގެ ކެތްތެރިކަން އިތުރަށް ވަރުގަދަވާނެކަން. އަހަރެމެން ދުވަހަކުވެސް އިސްޖަހާ، ބޯނުލަނބާނަން،“ އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ފެށުނީއްސުރެ ދޭތެރެ ދޭތެރެއިން އީރާނުން ބަންދުކުރަމުންދާ ހޯރްމޫޒް ކަނޑުއޮޅި، އެޤައުމާ ދެކޮޅަށް އުދުވާނީ ހަމަލާ ދިނުމަށް ބޭނުންކުރުމުގެ ފުރުސަޠު ނުދޭނެ ކަމަށް ޕެޒެޝްކިއަން ވިދާޅުވި އެވެ.
މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
”ބައެއް ފަރާތްތަކުން އެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެމީހުންގެ މަސްލަހަތުތައް ކުރިއަރުވާއިރު، ހަމަ އެ ސަރަހައްދު ބޭނުންކޮށްގެން އަހަރެމެންނަށް އުދުވާނީ ހަމަލާތައް ދިނުމުގެ ފުރުސަތެއް ނުދެވޭނެ،“ އޭނާ ވިދާޅުވި އެވެ.
ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ހީވެފަ އެވެ.
މެންހަޓަންގައި ބޭއްވުނު އދ. ގެ މި މުހިންމު ސަމިޓުގައި ބައިވެރިވުމަށް ޕެޒެޝްކިއަންއަށް އެމެރިކާއިން ވިސާ ދޭނެކަމާ މެދު ކުރިން އޮތީ ސުވާލު އުފެދިފަ އެވެ.
އެންމެ ފަހުން ވޮޝިންގޓަނުން އޭނާއަށް ވިސާ ދިން ނަމަވެސް، އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބައެއް މެންބަރުންނަށް ވިސާ ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.
އީރާނުގެ ރައީސް ވިދާޅުވި ގޮތުގައި އެގައުމުގެ ރައްޔިތުންނަކީ އެމެރިކާގެ ”ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ“ ބައެކެވެ.
އޭނާ ވަނީ އަވަހާރަކޮށްލާފައިވާ އަލީ ޚާމަނާއީގެ ފޮޓޯއާއި، ހަނގުރާމައިގެ ކުރީކޮޅު ޝަހީދުކޮށްލާފައިވާ 150 އަށްވުރެ ގިނަ އީރާނު ކުޑަކުދިންގެ ފޮޓޯތައް ދައްކަވާފަ އެވެ.
”އަހަރެމެން މިކުރީ ހަމައެކަނި އަމިއްލަ ނަފްސުގެ ދިފާޢު. އަހަރެމެންނަކީ ޓެރަރިސްޓުންނެއް ނޫން،“ އދ. ގެ ޢާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވި އެވެ.
”އަހަރެމެންގެ ކުށެއް ނެތް ރައްޔިތުންނަކީ ޤައުމަށް ކުރިމަތިވި ފިނޑި ހަމަލާތަކާއި އުދުވާނުތަކުގެ އަމާޒަކަށްވި މީހުން. އަދި އަހަރެމެން ދިފާޢުވީ އެންމެ ފުރިހަމަ ބާރާއެކު. އެމެރިކާ އާއި އިސްރާއީލުން އަހަރެމެންނަށް ހަމަލާދިނީ.“ ޕެޒެޝްކިއަން
ޕެޒެޝްކިއަން ބުދަ ދުވަހު އދ. ގައި ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ބޭނުންކޮށްގެން އީރާނާ ދެކޮޅަށް އުދުވާނީ އަމަލުތައް ހިންގުމުގެ ފުރުސަތު ތެހެރާނުން ނުދޭނެ ކަމަށެވެ.
”ބައެއް ފަރާތްތަކުން އެ ކަނޑުގެ ސަރަހައްދު މިނިވަންކަމާއެކު ބޭނުންކޮށްގެން އެމީހުންގެ މަސްލަހަތުތައް ވަރުގަދަކުރާއިރު، ހަމަ އެ ސަރަހައްދު ބޭނުންކޮށްގެން އަހަރެމެންނަށް އުދުވާނީ ހަމަލާތައް ދިނުމަކަށް ފުރުސަތެއް ނުދެވޭނެ،“ އޭނާ ވިދާޅުވި އެވެ.



