
އަފްޣާނިސްތާނުން ޑްރޯން ހަމަލާތަކެއް ދޭން އުޅުމުން، އެޤައުމުގެ 10 ސަރަހައްދަކަށް ޕާކިސްތާނުން ހަމަލާދީފި
އަފްޣާނިސްތާނުގެ ތާލިބާނުން ޕާކިސްތާނުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ކޯހާޓް އަދި ބޯޑަރު ސަރަހައްދުގެ ރަށެއް ކަމަށްވާ ތޯރްޚާމަށް ފޮނުވާލަން އުޅުނު އަށް ޑްރޯންއެއް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ނައްތާލާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުދަ ދުވަހު ހާމަކުރައްވައިފި އެވެ.
ޕާކިސްތާނުން ބުނި ގޮތުގައި، ޕާކިސްތާނަށް ޑްރޯން ހަމަލާތައް ދިނުމަށް ބޭނުންކުރި އަފްޣާނިސްތާނުގެ 10 ސަރަހައްދަކަށް ވައިގެ މަގުން ވަނީ ހަމަލާދީފަ އެވެ.
މިއީ އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ސަރަހައްދީ ބާރުތަކުން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެކެވެ.
އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރެއްވީ، ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ވަންނަން އުޅުނު އުޅުން ނާކާމިޔާބުކޮށްލުމުން، އަފްޣާނިސްތާނުގެ ތާލިބާން ބާރުތަކުން އަށް ޑްރޯން ފޮނުވާލައި ޕާކިސްތާނުގެ ބޯޑަރު ޕޯސްޓްތަކަށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވުމާ ގުޅިގެންނެވެ.
ޕާކިސްތާނުން އަފްޣާނިސްތާނުގެ އެތެރެއަށް ދިން މި ހަމަލާތަކާ ގުޅިގެން ކާބުލްގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުދަ ދުވަހު ވަނީ، ޠާލިބާން ބާރުތަކުން އެއްވެސް ހަމަލާއެއް ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފަ އެވެ.
މި ތަފާތު ބަޔާންތައް އައިސްފައި މިވަނީ، ހަނގުރާމަވެރިން ފިލައިގެން ތިބި ތަންތަން ކަމަށް ބުނެ އަފްޣާނިސްތާނުގެ އިރުމަތީގެ ސަރަހައްދުތަކަށް ޕާކިސްތާނުގެ ފައިޓަރު ޖެޓުތަކުން ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުދަ ދުވަހު ތަކުރާރުކޮށް ވިދާޅުވީ، އަފްޣާނިސްތާނުގެ ތާލިބާނުން ފޮނުވާލި ކަމަށް ބެލެވޭ އަށް ޑްރޯންއެއް، ކޯހާޓް ސިޓީއާއި ތޯރްޚާމް ބޯޑަރު ސަރަހައްދަށް ވަނުމުގެ ކުރިން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށެވެ.



