
ޒިކުރުކުރުން: ދިރިއުޅުމުގެ އާދައަކަށް ހަދާނީ ކިހިނެއް؟ 02
ކުރާ ކަންކަމާ ޒިކުރު ގުޅުވައިލުން
އާދައެއް އަށަގަންނުވުމަށް އޮތް އެންމެ އިތުބާރު ހުރި ގޮތަކީ، ތިމާގެ ދުވަހުގެ ތަރުތީބުގެ ތެރޭގައި ހިމެނޭ ކަމަކާ އެކަމެއް ގުޅުވައިލުމެވެ.
ސުންނަތުގައި ޒިކުރުތައް ތަރުތީބުވެފައިވަނީ މި ބީދައިންނެވެ. ހޭލާއިރު، ގެއިން ނިކުންނައިރު، ފާޚާނާއަށް ވަދެ ނިކުންނައިރު، ކެއުން ފަށާއިރު އަދި ނިންމާއިރު، އުޅަނދަކަށް އަރާއިރު އަދި ނިދަން އޮށޯންނައިރު ކިޔާނެ ޚާއްޞަ ޒިކުރުތައް ހުރެ އެވެ.
މިއީ އިތުރު ވަޤުތު ބޭނުންވާ ކަންކަމެއް ނޫނެވެ. ހަމައެކަނި ދުވަހުގެ ތެރޭގައި ދިމާވާ ވަޤުތުތަކުގެ ބޭނުން ހިފުމެވެ.
އެއްފަހަރާ ހުރިހާ ޒިކުރެއް ދަސްކުރަން އުޅުމުގެ ބަދަލުގައި ތިނެއް ނުވަތަ ހަތަރު ޒިކުރަކުން ފަށާށެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކިޔާ ޒިކުރުތަކަށް ރައްކާތެރިވާ މީހަކީ، އެހެން ކަމެއް އިތުރު ނުކުރި ނަމަވެސް، ދުވަހުގެ ތެރޭގައި ޒިކުރުކުރުމުގެ ވަރުގަދަ ތަރުތީބެއް ޤާއިމުކޮށްފައިވާ މީހެކެވެ.
ފުރަތަމަ ކޮޅުގައި ކުޑަ ކާޑެއް، ފޯނުގައިވާ ނޯޓެއް ނުވަތަ ’ޙިޞްނުލް މުސްލިމް‘ ފަދަ ފޮތެއް ބޭނުންކުރެވިދާނެ އެވެ. ހިތުން ކިޔަން މަސައްކަތް ކުރުމުގެ ބަދަލުގައި ބަލައިގެން ކިޔުމުން ”އިބާރާތް ހަނދާން ނެތުނީއޭ“ ބުނެ ދޫކޮށްލުމަށް އޮންނަ ފުރުޞަތު ކުޑަވެ، އެކަން އާދައަކަށް ވުމަށް މަގުފަހިވާނެ އެވެ.
ސާދާ އިބާރާތްތަކުގެ ބަރުދަން
އިސްލާމްދީނުގައިވާ އެންމެ ކުރު ބައެއް އިބާރާތްތަކަކީ އެންމެ ސަވާބު ބޮޑު ކަންކަމެވެ. އެއީ އެއްވެސް މީހަކަށް އެކަން ދޫކޮށްލުމަށް އުޒުރެއް ނުދެއްވުމަށެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި سبحان الله وبحمده سبحان الله العظيم (ސުބުޙާނަﷲ ވަބިޙަމްދިހީ، ސުބުޙާނަﷲ ހިލްޢަޡީމް) މި ދެ އިބާރާތަކީ ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު، އަދި ރަޙްމާންވަންތަ ރަސްކަލާނގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ ދެ އިބާރާތެވެ.
لا إله إلا الله (ލާ އިލާހަ އިއްލަﷲ) އަކީ އިސްވެދިޔަ ނަބީބޭކަލުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅު ކަމުގައި ބަޔާންވެގެންވެ އެވެ. އަދި الحمد لله (އަލްޙަމްދުލިﷲ) އަކީ ތިލަފަތް ފުރާލާ އެއްޗެކެވެ. މިއީ ހަމައެކަނި ބުނެލާ ބަސްތަކެއް ނޫނެވެ. މިއީ ބުނެލަން ދެ ސިކުންތު ހޭދަވާ ކުރު އިބާރާތެއްގެ ތެރޭގައިވާ ރޫޙާނީ ބަރުދަން އިޙްސާސްކުރުމަށް ދެވޭ ދަޢުވަތެކެވެ.
މަސައްކަތް ބުރަވެ ނުވަތަ ނަފްސާނީ ގޮތުން ބަލިކަށިވާ ދުވަސްތަކުގައި މިއީ ވަރަށް މުހިންމު ކަމެކެވެ. ބުރަ ބައްދަލުވުމަކަށްފަހު އިޚްލާޞްތެރިކަމާއެކު ބުނެލާ الحمد لله (އަލްޙަމްދުލިﷲ) އެއް ނުވަތަ ރުޅި އަންނަ ވަގުތު ބުނެލާ أستغفر الله (އަސްތަޣްފިރުﷲ) އެއްގެ ސަވާބުވެސް ލިބިގެންދާނެ އެވެ.
ނުނިމޭ…



