
ޒިކުރުކުރުން: ދިރިއުޅުމުގެ އާދައަކަށް ހަދާނީ ކިހިނެއް؟ 01
މަސައްކަތް ބުރަ އާދައިގެ ދުވަހެއްގެ ތެރޭގައި މެދުކެނޑުމެއްނެތް ގޮތެއްގައި ﷲ ހަނދުމަކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ޒިކުރުކުރުމަކީ އާދައަކަށް ވަނީ އެހެން ކޮންމެ އާދައެއްވެސް އަށަގަންނަ އުސޫލުންނެވެ.
އެއީ ތިބާގެ ދުވަހުގެ ތެރޭގައި ކުރާ ކަންކަމާ އެކަން ގުޅުވައިލުމާއި، ކުރު އިބާރާތްތައް އިޚްތިޔާރުކުރުމާއި، ހަނދާން ނެތޭ ފަހަރުތަކުގައި އަމިއްލަ ނަފްސަށް ކެތްތެރިވުމުންނެވެ.
ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެ އެވެ. ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ.“ (އަލްބަޤަރާ: 152). އަދި ކަނޑައެޅިފައިވާ ވަޤުތުތަކުގައި ކިޔާނެ ޚާއްޞަ ޒިކުރުތައް ރަސޫލާ ﷺ ދަސްކޮށްދެއްވާފައިވަނީ، ﷲ ހަނދުމަކުރުމަކީ އިއްތިފާޤުން ކުރެވޭ ކަމަކަށް ނުހެދުމަށްޓަކައެވެ.
ޒިކުރުކުރުމުގެ މުހިންމުކަން
ﷲ ހަނދުމަކުރުމަކީ ހަމައެކަނި އަޅުވެރި ބޭކަލުންނަށް އޮތް އިތުރު މަސައްކަތެއް ނޫނެވެ. ކީރިތި ޤުރްއާނުގައި އެކަން ސިފަކުރައްވާފައިވަނީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ކަމެއްގެ ގޮތުގަ އެވެ.
”ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“ (އައްރަޢްދު: 28).
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މަސައްކަތާއި، ޢާއިލާއާއި، ފައިސާ އަދި މުސްތަޤްބަލާ މެދު އަބަދުވެސް ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭ ބައެކެވެ. ޒިކުރުކުރުމަކީ އެ ނުތަނަވަސްކަން މެދުކަނޑާލައި، ހުރިހާ ކަމެއްގެ މައްޗަށް ބާރުފޯރުއްވާ ފަރާތަށް ހިތް މިސްރާބުކޮށްދޭ ކަމެކެވެ.
ﷲގެ ހަޟްރަތުގައި އެންމެ މާތް މީހަކީ ކޮބައިތޯ ރަސޫލާ ﷺ އާ ސުވާލު ދެންނެވުމުން، އެކަލޭގެފާނު އިޝާރާތް ކުރެއްވީ ދޫމަތީގައި އަބަދުވެސް ޒިކުރުގެ ތެތްކަން ހުންނަ މީހާއަށެވެ. އަދި ﷲ ހަނދުމަކުރާ މީހާއާއި ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލު ކަމަށް ޙަދީޘްކުރެއްވި އެވެ.
މިއީ ވަރަށް ވަރުގަދަ މިސާލެކެވެ. މީގެއިން އެނގެނީ ޒިކުރަކީ މުސްލިމެއްގެ ދިރިއުޅުމުގެ ތެރެއަށް އިތުރުކޮށްލާ ޒީނަތެއް ނޫން ކަމާއި، އެއީ ދިރިހުރި އީމާންތެރިކަމުގެ އަސާސު ކަމެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި سبحان الله وبحمده ’ސުބުޙާނަﷲ ވަބިޙަމްދިހީ‘ ފަދަ ޒިކުރުތަކަކީ ދޫމައްޗަށް ލުއި، ނަމަވެސް ތިލަފަތުގައި ބަރު އެއްޗެކެވެ. އެހެންކަމުން، މިއީ ކޮންމެ ތަނެއްގައި، ކޮންމެ ވަޤުތެއްގައި އަދި ކޮންމެ ޙާލަތެއްގައިވެސް (ކޮޅަށް ހުރެގެން، އިށީނދެގެން ނުވަތަ އޮށޯވެގެން އޮވެގެންވެސް) ކުރެވިދާނެ އަޅުކަމެކެވެ.
ކުރާ ކަންކަމާ ޒިކުރު ގުޅުވައިލުން
ނުނިމޭ…



