ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ: ހުކުރު ޚުތުބާ

މި ހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ މާލީ މުއާމަލާތުތަކުގައި ތެދުވެރިވުމާއި ބެހޭގޮތުންނެވެ. އެގޮތުން މުދަލުން އިސްރާފު ނުކުރުމަށާއި އަދި މުއްބާރުނުވުމަށް، އަދި ދަރަންޏާއި ބެހޭގޮތުން ނަސޭޙަތްތެރިވެފައިވެ އެވެ.

ޚުތުބާގައި ބުނެފައިވަނީ މުދަލުގެ ނިޢުމަތަކީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުނިޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެއް ކަމަށާއި، ހަމަ އެއާ އެކު މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. އަދި މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމަށާއި، ދަހިވެތިނުވުމަށް އަންގަވައި މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ، ”އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ.“

“ ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.

ދަރަނި ނެގުމާއި ދަރަނި ދެއްކުމާއި ބެހޭގޮތުން ބުނެފައިވަނީ، ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމެއް ކަމަށާއި އެހެނީ ދަރަނީން ރައްކާތެރިވުމަށް އެދި ނަބިއްޔާ z ދުޢާކުރައްވައިފަވާ ކަމަށެވެ. އެގޮތުން ދަރަނި އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ) މާނައީ: ”މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ.“

“ ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ދަރަނިދޭ މީހާގެ ޙައްޤެކެވެ. އެހެންކަމުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާށެވެ!“ ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެ އެވެ.

މުދަލުގެ މުޢާމަލާތްތަކާއި އެހެނިހެން ކަންކަމަށް ވެވޭ އެއްބަސްވުންތަކަށް އިޙުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. މިކަމާއި ބެހޭގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ!“ މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި އެ އަށް ތަބާވުމަކީ ވާޖިބުކަމެކެވެ. އެއީ ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އެއްމެދު  އެއްބަސްވުންތައްކަމުގައި ވިޔަސް މެއެވެ. އެހެނީ އެ ފަދަ އެއްބަސްވުންތަކަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެކެވެ.

މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތައް ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ޙައްޤެއް ކަމަށާއި، ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް ކަމަށް، އަދި އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (كَفَى بِالْمَرْءِ إِثْـمًا أَنْ يَـحْبِسَ عَمَّنْ يـَمْلِكُ قُوْتَهُ) މާނައީ: ”އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ.“

“ މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެކެވެ. ގަނެވިއްކުމުގައި މުއުމިނު އަޅާ ތެދުވެރިވާނެއެވެ. މުޢާމަލާތްތަކުގައި އަމާނާތްތެރިވާނެއެވެ. ދަރަނި އަދާކުރުމުގައި ފަރުވާތެރިވާނެއެވެ. މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވާނެއެވެ.“

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.