ގްރޫޕް ޗެޓްގައި ދޫ ރައްކާތެރިކުރުން

ދުނިޔެވީ މުޢާމަލާތްތައް ފޯނުގެ ސްކްރީންތަކަށް ބަދަލުވި ކަމުގައި ވިޔަސް، ޣީބަ ބުނުމުގެ ނުބައި އާދަ ފިލައިގެންނެއް ނުދެއެވެ.

މީސްތަކުން ނަރަކައަށް ވަނުމަށް އެންމެ ބޮޑަށް މެދުވެރިވާ ސަބަބަކީ ކޮބައިތޯ ރަސޫލާ ﷺ އާ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވި އެވެ.

”އެއީ އަނގަޔާއި ފަރުޖެވެ“ (ތިރްމިޛީ 2004). އަދިވެސް ޙަދީޘް ކުރެއްވިއެވެ. ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ހެޔޮބަހެއް ބުނާށެވެ. ނޫނީ ހަނުހުންނާށެވެ“ (ބުޚާރީ 6018).

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމީ ތާރީޚުގެ ބޮޑުބަޔަކަށް ބަލާއިރު، މީހެއްގެ ބަސް ފޯރާ ހިސާބަކީ އެމީހަކު ހުންނަ ކޮޓަރިއެއްގެ ނުވަތަ މަޖިލީހެއްގެ ފުޅާމިނެވެ. ނަމަވެސް މިއަދު އެއީ ގްރޫޕް ޗެޓްތަކާއި، ކޮމެންޓް ސެކްޝަންތަކާއި، ޝެއާ ބަޓަންގެ ފުޅާމިނެވެ.

ދީނީ ޙުކުމްތަކަކަށް ބަދަލެއް ނާދެއެވެ. ބަދަލުވީ އެކަމެއް ފެތުރިގެންދާ މިންވަރެވެ. ޣީބަ ބުނުމުގެ މާނަ ޙަދީޘްފުޅެއްގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެ އެވެ. ރަސޫލާ ﷺ ސުވާލުކުރެއްވިއެވެ.

”ޣީބަ ބުނުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟“ އަޞްޙާބު ބޭކަލުން ދެންނެވިއެވެ، ”ﷲ އާއި އެކަލާނގެ ރަސޫލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.“ ޙަދީޘް ކުރެއްވިއެވެ. ”އެއީ ތިބާގެ އަޚާ ނުރުހޭ ފަދަ ގޮތަކަށް އޭނާގެ ވާހަކަ ދެއްކުމެވެ.“

އެހިނދު އެއީ ތެދު ވާހަކައެއް ނަމަ ވާނީ ކިހިނެއްތޯ މީހަކު ސުވާލު ދެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ، ”ތިބާ އެ ބުނާ ވާހަކައަކީ ތެދެއް ކަމުގައި ވާނަމަ، ތިބާ އެވަނީ އޭނާގެ ޣީބަ ބުނެފައެވެ. އަދި އެއީ ދޮގު ވާހަކައެއް ނަމަ، ތިބާ އެވަނީ އޭނާއަށް ބޮޑުވެގެންވާ ބަހުތާނު ދޮގެއް ހަދާފައެވެ“ (ޞަޙީޙް މުސްލިމް 2589).

އެހެންކަމުން، އެއީ ތެދު ވާހަކައަކަށް ވުމަކީ ޣީބަ ބުނުން ހުއްދަވާނެ އުޒުރެއް ނޫނެވެ. މި އެންމެ ޙަދީޘްފުޅަށް ޢަމަލުކުރި ނަމަވެސް، މިއަދު މީސްމީޑިއާގައި ދައުރުވާ ގިނަ ވާހަކަތަކެއް ހުއްޓުމަކަށް އައީހެވެ.

ފޯނުގެ ސްކްރީންތަކުގެ ސަބަބުން މި ފާފައަށް އަރައިގަތުން ތިން ގޮތަކުން ފަސޭހަވެގެންދެ އެވެ.

ފުރަތަމަ ކަމަކީ، މީހާގެ މޫނު ފެންނަން ނެތުމުން، އެ ކުރެވޭ އަނިޔާގެ އިޙްސާސް ކުޑަވުމެވެ. ދެވަނަ ކަމަކީ، ގިނަ ބަޔަކު ބަލަން ތިބުމާއެކު، މީހަކަށް މަލާމާތްކޮށްލުމުން ލިބޭ ’ލައިކް‘ ތަކާއި ’ހީނލުން‘ ތަކަކީ ލިބޭ ހިތްވަރަކަށް ވުމެވެ. ތިންވަނަ ކަމަކީ، އެއީ ދާއިމީ ރެކޯޑެއްގެ ގޮތުގައި އޮންނަ އެއްޗަކަށް ވުމެވެ.

ރުޅިއައިސްގެން ލިޔެލާ އެންމެ ޖުމްލައެއްގެ ސަބަބުން، ތިބާ އެކަމާ ދެރަވެ ތައުބާވުމަށް ފަހުވެސް، އެ ލިޔުމުގެ ނުބައި އަސަރު ދެމިއޮވެ އެވެ. ކުރިން ދުލުން ބުނާ ބަސްތައް ނޭވާއާއެކު ނިމިގެން ދިޔަ ނަމަވެސް، ލިޔާ ލިޔުންތަކަށް އެފަދަ ނިމުމެއް ނެތެވެ.

އިސްލާމީ ޝަރީޢަތުގައި މިކަމުގައި އިސްތިސްނާ ޙާލަތްތަކެއް ވެއެވެ. އެކަންކަން ދެނެގަތުން މުހިންމެވެ. އެއީ މާ ހަރުކަށިކޮށް މިކަން ނެގުމުން، މުޖުތަމަޢަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ނުދައްކާ ހަނުހުންނަން ޖެހިދާނެތީ އެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މަޤްބޫލު ޝަރުޢީ ބޭނުމެއް އޮތް ނަމަ މީހެއްގެ ވާހަކަ ދެއްކިދާނެ އެވެ. އެއީ ނުރައްކަލަކުން ސަލާމަތްކުރުމަށް އިންޒާރު ދިނުމަށާއި، ދީނީ ފަތުވާއެއް ނުވަތަ ލަފައެއް ހޯދުމަށާއި، އަނިޔާވެރިކަމެއް ހުއްޓުވުމަށް އެކަމުގެ ބާރު އޮތް ފަރާތަކަށް ރިޕޯޓްކުރުމަށާއި، ލިބުނު އަނިޔާއަކުން ސަލާމަތްވުމަށް އެހީއަށް އެދުމަށާއި، ނުވަތަ ކައިވެންޏެއް ނުވަތަ ވިޔަފާރިއެއް ފަދަ ކަމެއްގައި މީހެއްގެ އިތުބާރު ކަށަވަރުކުރުމަށެވެ.

މިފަދަ ކަންކަމުގައި މިންގަނޑަކީ ޒާތީ އުފަލެއް ހޯދުމުގެ ބަދަލުގައި އެވަޤުތަކަށް ބޭނުންވާ މިންވަރަށް ވާހަކަ ދެއްކުމެވެ. އެހީތެރިވެވޭނެ އެކަކަށް އެވާހަކަ ކިޔައިދިނުމުން ފުދޭ ކަމެއް، އެއްވެސް އެހީއެއް ނުވެވޭނެ ބާރަ މީހުންނަށް ކިޔައިދިނުމަކީ ހުއްދަ ކަމެއް ނޫނެވެ.

މި މިންގަނޑުތަކުގައި ހިފެހެއްޓުމަށް ބައެއް އާދަތައް އަށަގެންނެވިދާނެއެވެ. އެއްޗެއް ފޯވާޑް ކުރުމުގެ ކުރިން، އެ ވާހަކަ ރައްދުވާ މީހާއަށް އެ ލިޔުން ފެނިއްޖެ ނަމަ އޭނާ ދެރަވާނެތޯ އަމިއްލަ ނަފްސާ ސުވާލުކުރާށެވެ.

ފާޑުކިޔުމެއް ލިޔުމުގެ ކުރިން، ބޭނުމަކީ އެމީހާ އިޞްލާޙުކުރުންތޯ ނުވަތަ ދަށުކޮށްލުންތޯ ވިސްނާށެވެ. ގިނަ ބަޔަކު މީހަކާ ދިމާކުރާ އިރު ބައިވެރިވުމުގެ ކުރިން، އެހެން އެންމެން އެކަން ހަނދާން ނެތުނަސް، ތިބާގެ ނަމުގައި އެ ފާފަ ލިޔެވިފައި އޮންނާނެކަން ހަނދާންކުރާށެވެ. އަދި މަޖިލީހެއްގައި ނުވަތަ ޗެޓެއްގައި ދައްކާ ވާހަކަ ގޯސްމަގަކަށް އެނބުރިއްޖެ ނަމަ، އެތަނުން ވަކިވުމަކީ ނުވަތަ މައުޟޫޢު ބަދަލުކޮށްލުމަކީ ފުދޭނެ ކަމެކެވެ. ކީރިތި ޤުރްއާނުގައި، ބޭކާރު އަދި ނުބައި ވާހަކަތަކުން ދުރުހެލިވާ މީހުންނަށް ތަޢުރީފު ކުރައްވާފައިވެ އެވެ.

ލިބުނު ގެއްލުން އިޞްލާޙުކުރުމަކީވެސް މުހިންމު ކަމެކެވެ. މީހެއްގެ ޣީބަ ބުނެވިއްޖެ ނަމަ، އެމީހަކަށް އެކަން އަންގައި މަޢާފަށް އެދުމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އެކަން އެމީހާއަށް އެނގުމުން އިތުރު ހިތްދަތިކަމެއް ލިބޭނެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ﷲ އަށް ތައުބާވުމާއެކު އެމީހާގެ ނުބައި ވާހަކަ ދެއްކި މަޖިލިސްތަކުގައި އޭނާގެ ހެޔޮ ވާހަކަ ދައްކައި އޭނާއަށްޓަކައި ހެޔޮ ދުޢާކުރުމެވެ. ނަމަވެސް ޢާންމުކޮށް މީހެއްގެ އަބުރާ ބެހިފައިވާ ނަމަ އެކަން އިޞްލާޙުކުރަން ޖެހޭނީވެސް ޢާންމުކޮށެވެ.

އަދި ތިބާގެ ވަށައިގެން ހިނގާ ކަންކަމާ މެދު ސަމާލުވާންޖެހެއެވެ. ”އެއްބަޔަކު އަނެއްބަޔެއްގެ ޣީބަ ނުބުނާށެވެ“ މި އަމުރުފުޅު އައިސްފައިވަނީ ”ގިނަގުނަ ހީތަކާ ދުރުހެލިވާށެވެ“ (ޙުޖުރާތު ސޫރަތް: 12) މި އަމުރުފުޅާ އެކުގައެވެ. ގިނަ ފަހަރަށް ޣީބަ ބުނުމުގެ އަޞްލަކީ ގޯސް ހީތަކެވެ. މީހަކު ކުރާ ކަމެއްގެ މާނަ ނުބައިކޮށް ނެގުމަކީ ޣީބަ ބުނުމަށް ހުޅުވޭ ދޮރެކެވެ. ކަމެއްގެ މާނަ ހެޔޮކޮށް ނެގުމަކީ މޮޔަކަމެއް ނޫނެވެ. އެއީ އިލާހީ އަމުރުފުޅެކެވެ.

ރަސޫލާ ﷺ އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި މުޢާޛުގެފާނަށް ޙަދީޘް ކުރެއްވިއެވެ: ”މި (ދޫ) ރައްކާތެރިކުރާށެވެ.“ މުޢާޛުގެފާނު ސުވާލުކުރެއްވިއެވެ، ”އަޅުގަނޑުމެން ދައްކާ ވާހަކަތަކަށް ﷲ އަޅުގަނޑުމެންނާ ސުވާލުކުރައްވާނެތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ، ”އޭ މުޢާޛެވެ! މީސްތަކުން މޫނުވަތަށް ނަރަކައަށް އުއްކާލެވެނީ އެމީހުންގެ ދޫތަކުން ހޯދި (ނުބައި) ގޮވާންތަކުގެ ސަބަބުން ނޫނީ ފަހެ އެހެން ކަމަކުން ހެއްޔެވެ؟“ (ތިރްމިޛީ 2616).

ފޯނު ހުޅުވާޅުވާލާށެވެ. އެންމެ ގިނައިން ގްރޫޕް ޗެޓެެއްގައި ދެކެވިފައި ހުރި ވާހަކަތަް ބަލާލަބަލާށެވެ. ޣީބަ ބުނެވިފަހުރި މިންވަރު ދެނެގަނެވޭ ހެއްޔެވެ.

ވިސްނާ ފިކުރުކޮށްފިނަމަ، މިއީ ތިބާ ލިޔެލާ ލިޔުންތަކަށް ބަދަލު އަންނާނެ ކަމެކެވެ. އަދި އެއަށްވުރެ ބޮޑަށް، ކަންކަމާ މެދު ތިބާ ވިސްނާ ގޮތަށް ވެސް ހައިރާންކުރުވަނިވި ބަދަލުތަކެއް އަންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.