
އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިންޑިއާއެއް ބިނާކުރުމަށް މޯދީ ގޮވާލައިފި
ޖީ.ޑީ.ޕީ ކުރިއަރަމުންދާއިރު، ބޭރު ޤައުމުތަކަށް ދަތުރު ނުކުރުމަށާއި، ރަން ނުގަތުމަށާއި، ޤައުމުން ބޭރުގައި ކައިވެނީގެ ޙަފުލާތައް ނުބޭއްވުމަށް ބޮޑުވަޒީރު އިލްތިމާސްކޮށްފި އެވެ.
އަމިއްލަ ޤައުމުގެ އުފެއްދުންތަކަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މޯދީ ފާހަގަކުރީ، ޤައުމީ އުފެއްދުންތަކާއި ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވީވަރަކަށް އިންޑިއާގެ ކުރިއެރުން ހަލުވިވާނެ ކަމަށެވެ.
އިންޑިއާގެ ޖީ.ޑީ.ޕީ 7.8 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދުމާ ގުޅިގެން ޤައުމަށް މަރްޙާބާ ކިޔަމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިންޑިއާއެއް ބިނާކުރުމަށް ރައްޔިތުން ވެފައިވާ އަޒުމް އާކުރުމަށް ގޮވާލައްވާފަ އެވެ.
ކިރިގިސްތާނުގައި ހުންނަވައިގެން އިންސްޓަގްރާމް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ބޮޑުވަޒީރު ވިދާޅުވީ، މި ކާމިޔާބީއަކީ ރައްޔިތުންގެ ބުރަ މަސައްކަތާއި، އެކުވެރިކަމުގެ ނަތީޖާ ކަމަށެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅެއްގައި އިންޑިއާއިން މި ހޯދި ބޮޑު ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަމުން މޯދީ ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައިގެ ބިރުވެރިކަމާއި އިޤްތިޞާދީ ގޮންޖެހުންތައް އޮތް ނަމަވެސް، އިންޑިއާ ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.
ހޯމަ ދުވަހު ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޕްރީލް-ޖޫން ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދު ވަނީ ލަފާކުރި ވަރަށްވުރެ ބާރަށް ކުރިއަރާފަ އެވެ.
ބޮޑުވަޒީރު ވަނީ ވިޔަފާރިކުރުމާއި ދަތުރުފަތުރުކުރުމުގައި އަމިއްލަ ޤައުމުގެ ވަސީލަތްތަކަށް އިސްކަންދިނުމަށް އެދިފަ އެވެ. އަދި ބޭރު ޤައުމުތަކަށް ޗުއްޓީ ހޭދަކުރަން ނުދިއުމަށާއި، ބޭރު ޤައުމުތަކުގައި ބާއްވާ ’ޑެސްޓިނޭޝަން ވެޑިންގް‘ ތަކުގެ ބަދަލުގައި ’ވެޑް އިން އިންޑިއާ‘ ނުވަތަ އިންޑިއާގައި ކައިވެނިކުރުމުގެ އުސޫލު އިޚްތިޔާރުކުރުމަށް ބާރުއެޅުއްވި އެވެ.
މީގެ އިތުރުން، ކޮންމެހެން ބޭނުންޖެހިގެން މެނުވީ ރަން ނުގަތުމަށްވެސް މޯދީ އިލްތިމާސްކުރި އެވެ.
”އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ، މިނިވަންކަމަށް 100 އަހަރު ފުރޭއިރު، އަންނަން އޮތް ޖީލުތަކަށް ތަރައްޤީވެފައިވާ އިންޑިއާއެއް ޙަވާލުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،“ މޯދީ
މީގެ އިތުރުން، ތެލުގެ އިސްރާފު ކުޑަކުރުމަށާއި، ޢާންމު ދަތުރުފަތުރުގެ ވަޞީލަތްތަކާއި އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށްވެސް ބޮޑުވަޒީރު ވަނީ މީގެ ކުރިން ބާރުއަޅާފަ އެވެ.



