
އިންޑިއާގެ 4 ކުންފުންޏަކަށާއި 3 މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އީރާނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ދަށުން އިންޑިއާގެ 4 ކުންފުންޏަކަށާއި 3 މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އީރާނުގެ އިޤްތިޞާދަށް ހުރަސްއެޅުމަށްޓަކައި، އެމެރިކާއިން މި ހަފުތާގެ ކުރީކޮޅު ވަނީ އީރާނާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދާ ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް، މި ފިޔަވަޅުތައް ވަޤުތުން ތަންފީޒު ކުރަން ނުފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.
އީރާނުގެ ސަރުކާރަށް ލިބޭ އާމްދަނީގެ މަގުތައް ބަންދުކުރުމަށް އެމެރިކާއިން އަލަށް ފެށި ”އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް“ ގެ ދަށުން، އީރާނުގެ ޕެޓްރޯލިއަމް އަދި ޕެޓްރޯކެމިކަލް ވިޔަފާރީގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، އިންޑިއާގެ ހަތަރު ކުންފުންޏަކަށާއި އިންޑިއާގެ ތިން ރައްޔިތަކަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އަމާޒުވި އިންޑިއާގެ ހަތަރު ކުންފުންޏަކީ ޕޯޓީޒް ޕާޓްނާސް އެލް.އެލް.ޕީ، ސަދާޝިވާ އޯވަސީސް ލިމިޓެޑް، ޕީ.ޕީ ސޮފްޓެކް ޕްރައިވެޓް ލިމިޓެޑް އަދި ޕްރަކްރުތީސް އިންފްރާ އިމްޕެކްސް އިންޑިއާ ޕްރައިވެޓް ލިމިޓެޑެވެ.
މީގެ އިތުރުން، މި ލިސްޓުގައި ހިމެނޭ އިންޑިއާގެ ތިން ރައްޔިތުންނަކީ ޕޯޓީޒްގެ ދެ ބައިވެރިން ކަމަށްވާ ހަރީޝް ރާމްޗަންދްރަ ރަންގީ އާއި އިދްރިސްމިޔާ އަޝްރަފްމިޔާ ޝެއިޚްގެ އިތުރުން ޕީ.ޕީ ސޮފްޓެކްގެ ޕްރަޝާންތު ގަރްގް އެވެ.
ކަސްޓަމްސް ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕޯޓީޒް ޕާޓްނާސްއަށް ފިޔަވަޅު އަޅާފައިވަނީ، އީރާނުގެ ޕެޓްރޯކެމިކަލް އުފެއްދުންތައް އިންޑިއާއަށް އެތެރެކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތުގަ އެވެ.
މީގެ އިތުރުން، ސަދާޝިވާ އޯވަސީސް އިން ގާތްގަނޑަކަށް 69 މިލިއަން ޑޮލަރުގެ އީރާނު ޕެޓްރޯލިއަމް އުފެއްދުންތައް އެކި ކުންފުނިތަކުން އެތެރެކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރެ އެވެ. އަދި ޕީ.ޕީ ސޮފްޓެކް އާއި ޕްރަކްރުތީސް އިންފްރާ އިން ކުރެ ކޮންމެ ކުންފުންޏަކުން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ ޕެޓްރޯލިއަމް އުފެއްދުންތައް އެތެރެކޮށްފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައިވެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ފަރާތްތަކަށް ފިޔަވަޅު އަޅާފައިވަނީ އީރާނުގެ ޕެޓްރޯކެމިކަލް އުފެއްދުންތައް ގަތުމާއި، ހޯދުމާއި، ވިއްކުމާއި، އުފުލުމާއި ނުވަތަ މާކެޓްކުރުމުގެ ބޮޑެތި މުޢާމަލާތްތަކެއްގައި ގަސްދުގައި ބައިވެރިވެފައިވާތީ އެވެ.
މި ފަރާތްތަކަކީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އެއްފަހަރާ ފިޔަވަޅު އެޅި 60 މީހުންނާއި، ކުންފުނިތަކާއި އަދި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.
އީރާނުގެ އިޤްތިޞާދު ބަލިކަށިކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު، އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކަށް އަދަބުދޭނެ ކަމަށް ބުނި ނަމަވެސް، އެކަން ވަޤުތުން ފަށާފައިނުވަނީ މަޝްވަރާއަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބެލެވެ އެވެ



