
”ޙިޖާބަކީ އިސްލާމްދީނުގައި ލާޒިމު ކަމެއް ނޫން“ ކަމަށްބުނެ ހައިކޯޓުން ޕެޓިޝަން ބޭރުކޮށްލައިފި
”ހިޖާބަކީ އިސްލާމްދީނުގައި ކޮންމެހެން ލާޒިމު ކަމެއް ނޫން“ ޔޫޕީގެ ދަރިވަރަކު ހުށަހެޅި ޕެޓިޝަން ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
ސްކޫލް ޔުނީފޯމްގެ އިތުރުން ބޮލުގައި އަޅާ ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް އެދި ދަރިވަރަކު ހުށަހެޅި ޕެޓިޝަން، އިސްލާމްދީނުގައި ބުރުގާ އެޅުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމަށް ބުނެ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލައިގައި ކޯޓުން ކުރި މުހިންމު ޙުކުމެއްގައި ބުނެފައިވަނީ، ތަޢުލީމީ މުއައްސަސާތަކުން ކަނޑައަޅާފައިވާ ހެދުމުގެ އުޞޫލު އަމިއްލަ އިޚްތިޔާރުގައި ބަދަލުކުރުމުގެ ޙައްޤު އެއްވެސް ދަރިވަރަކަށް ލިބިގެން ނުވާ ކަމަށެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ ޕްރަޔާގްރާޖްގެ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. އެ ކުއްޖާ ވަނީ ހައިސްކޫލް ނިންމުމަށްފަހު ހަމަ އެ ސްކޫލް ގައި ގްރޭޑް 11 އަށް ވަނުމަށް އެދިފަ އެވެ.
އެ ދަރިވަރުގެ މަންމަ މެދުވެރިކޮށް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ސްކޫލުން ކަނޑައަޅާފައިވާ ޔުނީފޯމުގެ އިތުރުން ބޮލުގައި އަޅާ ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް ސްކޫލްގެ އިސްވެރިންނަށް އަމުރުކޮށްދިނުމަށެވެ.
ޕެޓިޝަނުގައި ބުނެފައިވަނީ ބުރުގާ އެޅުމަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ދަރިވަރު ގްރޭޑް 6 އިން ފެށިގެން އެ ސްކޫލުގައި ބުރުގާ އަޅަމުންދާ ކަމަށެވެ.
ޖަސްޓިސް ޖޭ.ޖޭ މުނީރު އަދި ޖަސްޓިސް އިންދްރަޖިތު ޝުކްލާ ހިމެނޭ ދެ ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވި ގޮތުގައި ”އަޅުގަނޑުމެން ވާނީ އެ ދަރިވަރުގެ އެކި ކްލާސްތަކުގެ ފޮޓޯތައް ބަލާފަ އެވެ. އެ ދަރިވަރު ފިޔަވައި އެހެން އެއްވެސް އަންހެން ދަރިވަރަކު ބުރުގާ އަޅާފައެއް ނުވެ އެވެ. އެއީ އެ ދަރިވަރާ އެއް ދީނަކަށް ނިސްބަތްވާ ކުދިން ކަމަށް ވީނަމަވެސްމެއެވެ.“
މީގެ އިތުރުން، ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ކޮންމެހެން ކުރަންޖެހޭ އަޅުކަމެއް ކަމަށް ބުނެ ދެއްކި ހުއްޖަތް ވެސް ކޯޓުން ވަނީ ބަލައިނުގަނެފަ އެވެ.
ކޯޓުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ މީގެ ކުރިން ކުރިމަތިވި ކޮންމެ ފަހަރަކު ވެސް ހައިކޯޓުތަކުން އިއްތިފާޤުވެފައިވަނީ، ބުރުގާ ނާޅައިގެން ދީނަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް، ބުރުގާ އެޅުމަކީ އިސްލާމީ އަޤީދާގައި އަންހެނުންނަށް ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމަށެވެ.
އޮގަސްޓް 21 ގައި އިއްވި މި ޙުކުމުގައި ކޯޓުން ފާހަގަކޮށްފައިވަނީ، ބުރުގާ އެޅުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވީ ނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް ހުސް ދަޢުވާއެއް ކަމަށެވެ.
ސްކޫލެއްގެ ޔުނީފޯމް ކޯޑަކީ ވަކި ފަރާތަކަށް މަންފާނުވާ، ތަފާތުކުރުމެއް ނެތް، އަދި މުއައްސަސާގެ އަދަބު އަޚްލާޤާއި ހަމަހަމަކަން ދެމެހެއްޓުމަށް ހަދާފައިވާ އުޞޫލެއް ނަމަ، އެ އުޞޫލުތައް ތަންފީޒުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ މުއައްސަސާއަކަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ސާފުކޮށްދީފަ އެވެ.
ހައިކޯޓުން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އެހީއާ ނުލައި ހިންގާ އަމިއްލަ ތަޢުލީމީ މުއައްސަސާތަކަށް، އެ ތަނެއްގެ ގޯތިތެރޭގައި ވަކި ޔުނީފޯމެއް ބޭނުންކުރުން މަޖުބޫރުކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވެ އެވެ.
ސްކޫލުން ކަނޑައަޅާފައިވާ ޔުނީފޯމަށް އަމަލުކުރުމަކީ ލާޒިމު ކަމެއް ކަމަށާއި، އަމިއްލަ ސަބަބުތަކަށްޓަކައި ޔުނީފޯމަށް ބުރުގާ އިތުރުކުރުމުގެ ހުއްދައަށް އެދުމުގެ ޤާނޫނީ އެއްވެސް ޙައްޤެއް ނޯންނާނެ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ކޯޓުން އިތުރަށް ބުނެފައިވަނީ، ޔުނީފޯމަކީ ހުރިހާ ދަރިވަރުންގެ މައްޗަށް އެއްވަރަކަށް ހިނގާ އެއްޗަކަށް ވީހިނދު، ވަކިވަކި ދަރިވަރުންގެ އަމިއްލަ އިޚްތިޔާރުގައި ޔުނީފޯމަށް ބަދަލު ގެނައުމުގެ ހުއްދަ ދީފިނަމަ، ’ޔުނީފޯމް‘ ނުވަތަ ’އެއްގޮތް ހެދުން‘ މި މަފްހޫމް މުޅިން ގެއްލިގެންދާނެ ކަމަށެވެ.
މީގެ ސަބަބުން ސްކޫލްގެ އަދަބު އަޚްލާގު ކަނޑައެޅުމުގެ ބާރު މުއައްސަސާގެ އަތުން ބީވެ، ވަކިވަކި ދަރިވަރުންގެ އަތްމައްޗަށް އެ ބާރު ހިނގައިދާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ސްކޫލްގެ ފަރާތުން ބުނެފައިވަނީ އެއީ އަމިއްލަ ފައިސާގައި ހިންގާ ތަނެއް ކަމަށާއި، ހުރިހާ ދަރިވަރުންނަށް އެއްގޮތް ޔުނީފޯމެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެކި ދީންތަކުގެ ކުދިން އެ ސްކޫލުގައި ކިޔަވަމުންދާއިރު، ވަކި ދަރިވަރަކަށް ޔުނީފޯމުން އިސްތިސްނާވުމުގެ ފުރުސަތު ދީފިނަމަ، ސްކޫލްގެ އަދަބު އަޚްލާގާއި ޔުނީފޯމްގެ އެއްގޮތްކަން ގެއްލިގެންދާނެ ކަމަށް ސްކޫލުން ބުންޏެވެ. މި ޕެޓިޝަނާ ދެކޮޅަށް ސްޓޭޓް ގަވަރންމަންޓާއި ސީ.ބީ.އެސް.އީ އިން ވެސް ވަނީ ވަކާލާތުކޮށްފަ އެވެ.



