
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު- މާލީ ވަޒީރު
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ނުހަނު ބޮޑު ކަމުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ”ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް“ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދިނުމާއެކު އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ ވަސީލަތްތަކެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީގެ ޒަރީޢާއިން އީޖާދީ އުފެއްދުންތައް ބޭނުންކޮށްގެން ދިމާވާ ޢަމަލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ އިތުރުން، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރުދަނާ އަދި ލާމެހިފައިވާ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރެވިދާނެ ކަމަށެވެ.
މީގެއިތުރުން، ސަރުކާރުތަކުގެ ޒިންމާއަކީ ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އެކަށޭނަ ޤަވާޢިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވި އެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތައް އިތުރުކޮށް، އީޖާދީ ފިކުރުތަކަށް ޢަމަލީ ސިފަ ގެނެސް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއެރުން ހޯދައިދޭ މައިގަނޑު ބާރު ކަމުގައިވެސް ވިދާޅުވި އެވެ.
”ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް“ ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އަދި ގަވާއިދުތަކުގެ ތެރެއިން އެކަށޭނަ މާހައުލެއް ބިނާކުރުމަކީ ސަރުކާރުތަކުގެ ޒިންމާއެކެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި، އީޖާދީ އުފެއްދުންތަކާއި، ވިޔަފާރީގެ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައިގެން، ތަފާތު ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު ބާރެވެ.
އެހެންކަމުން، ކުދި ޖަޒީރާ ޤައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވި އެވެ.
މީގެއިތުރުން، މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، މިއީ އައު ފުރުސަތުތައް ދެނެގަތުމަށާއި، ހައްލުތައް ހިއްސާކުރުމަށާއި، އީޖާދީ ޚިޔާލުތަކަށް މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ ބައިވެރިވުންތައް ބިނާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމުގައި ވަޒީރު ވިދާޅުވި އެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިން ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ. މިފޯރަމްގެ މަގްސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ދައުލަތްތަކުގެ އިތުރުން، އެގައުމުތަކުގެ ވިޔަފާރިތަކާއި އެކި އެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.



