
އީރާނުގެ ސައިބަރ ޙަމަލާއެއް ޔޫކޭ އަށް
އީރާނުގެ ސައިބަރ ހަމަލާއެއްގެ ސަބަބުން އިނގިރޭސިވިލާތުގެ ޕަވަރ ޕްލާންޓެއް ހަތަރު ދުވަހަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.
އީރާނާ ދެކޮޅަށް ހިންގާ ”ދިފާއީ އޮޕަރޭޝަންތަކުގައި“ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމާ ގުޅިގެން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން މި ޙަމަލާއިން ހާމަވެ އެވެ.
ސަންޑޭ ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހެކަރުން ދިން ވަރުގަދަ ސައިބަރ ޙަމަލާއެއްގައި އިނގިރޭސިވިލާތުގެ އިންޖީނުގެއެއްގެ މަސައްކަތް ހަތަރު ދުވަހަށް މެދުކަނޑާލަން ޖެހުނެވެ. މިއީ އީރާނާ ގުޅުންހުރި ހެކަރުން އިނގިރޭސިވިލާތުގެ މިފަދަ މުހިންމު މަރުކަޒަކަށް ކާމިޔާބުކަމާއެކު ޙަމަލާއެއްދީ، އެތަނުގެ މަސައްކަތް ހުއްޓުވާލި ފުރަތަމަ ފަހަރު ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
ޓެލެގްރާފުން ބުނާގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި މި ޙަމަލާ އަމާޒުވީ ކޮން މަރުކަޒަކަށް ކަން ހާމަކުރުމަށް އިނގިރޭސި އޮފިޝަލުން ވަނީ އިންކާރުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ އެނާޖީ ސެކިއުރިޓީ އެންޑް ނެޓް ޒީރޯގެ ތަރުޖަމާނު ވިދާޅުވީ، މި ޙަމަލާ އަމާޒުވީ ކުޑަ މިންވަރަކަށް ހަކަތަ އުފައްދާ މަރުކަޒަކަށް ކަމަށާއި، މީގެ ސަބަބުން ޤައުމުގެ ހަކަތައިގެ ނިޒާމަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރު (އެން.ސީ.އެސް.ސީ) އިން ބުނި ގޮތުގައި، މި ޙާދިސާއާ ގުޅިގެން ޢާންމުންނަށް ދޭ އެއްވެސް ޚިދުމަތަކަށް ހުއްޓުން އަރާފައެއްނުވެ އެވެ.
މި ޙާދިސާއާ ގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ ހަކަތަ އުފައްދާ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދު ދީފަ އެވެ.
މިއީ އީރާނާ ދެކޮޅަށް ހިންގާ ދިފާއީ އޮޕަރޭޝަންތަކުގައި އިނގިރޭސިވިލާތުގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އީރާނުން ދިން ރައްދު ޙަމަލާއެއް ކަމަށް ބެލެވެ އެވެ.
މިދިޔަ މާޗު މަހު، ބޮޑުވަޒީރު ކެއަރ ސްޓާމާގެ ސަރުކާރުން ވަނީ ފެއާފޯޑްގައި ހުންނަ ރޯޔަލް އެއަރ ފޯސް ބޭސް އާއި ޑިއޭގޯ ގާސިއާގައި ހުންނަ މަރުކަޒު އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.
މިއީ އިނގިރޭސި ސިފައިންނަށާއި، ސަރަހައްދީ ބައިވެރިންނަށް ނުރައްކާވާ ފަދަ އީރާނުގެ މިސައިލް މަރުކަޒުތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަންތަކަކަށް ދިން ހުއްދައެކެވެ.
މިދިޔަ ޖޫން މަހު، އީރާނާ ގުޅުން އޮންނަ ”ހަންޑާލާ“ ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން ވަނީ ކެލިފޯނިއާގެ ފެނުގެ ނިޒާމަށް ދިން ސައިބަރ ހަމަލާއެއްގެ ޒިންމާ އުފުލާފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި މިއީ އީރާނުގެ ދެކުނުގެ ފެނުގެ ނިޒާމަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމެކެވެ. މި ހަމަލާގައި ފެނުގެ ނިޒާމުގެ މުހިންމު މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށާއި، މިއީ އެމެރިކާއަށް ދިން އިންޒާރެއް ކަމަށް އެ ގްރޫޕުން ބުންޏެވެ.
ހަންޑާލާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ސިޓީތަކުން ފެން ކަނޑާލުމުގެ ގާބިލުކަން އެމީހުންނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އެމީހުންގެ އަޚުލާގީ މިންގަނޑުތައް ހުރި ގޮތުން އެފަދަ ކަމެއް ނުކުރީ ކަމަށް އެ ގްރޫޕުން ބުންޏެވެ. ހަމަލާގެ ހެކީގެ ގޮތުގައި ފަސް ގިގަބައިޓްގެ މައުލޫމާތު އެ ގްރޫޕުން ވަނީ އާންމުކޮށްފައެވެ.
މީގެ އިތުރުން، އޭޕްރިލް މަހު އެ ގްރޫޕުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީގެ ފޯނު ހެކްކޮށް، 19،000 އަށްވުރެ ގިނަ ސިއްރު ފައިލްތައް ހޯދާފައިވާ ކަމަށް ބުނެފައެވެ. އެ ގްރޫޕުގެ ވެބްސައިޓުގައި ބުނެފައިވަނީ، އިސްރާއީލުގެ އެންމެ ސިއްރު މަރުކަޒުތަކާއި، އޮޕަރޭޝަން ރޫމްތަކާއި، ޗާޓުތަކުގެ މައުލޫމާތު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މީޑްލް އީސްޓް އައި އިން ބެލި ބައެއް ފައިލްތަކުން ފެންނަ ގޮތުގައި، ހަލޭވީ އަރަބި ގައުމުތަކުގެ އޮފިޝަލުންނާ ބައްދަލުކުރައްވާ މަންޒަރު ފެނެއެވެ. އޭގެ ތެރޭގައި ގަތަރުގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ މައިކަލް ކުރިލާއާ އެކު ހަލޭވީ އިންނެވި ފޮޓޯއެއް ވެސް ހިމެނެއެވެ.



