
ތިޔަ ފައްކާ ކުރައްވަނީ ވަރުގަދަ ބަޣާވާތެއް: ރައީސް ނަޝީދު ރައީސް މުޢިއްޒުއަށް
ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހުރި ބިންތައް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރައްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފައްކާކުރައްވަނީ ”ރަނގަޅު ބަޣާވާތެއް“ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި ވަގުތު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ނަޝީދު މިހެން ވިދާޅުވީ ގދ. ތިނަދޫ އަލުން އާބާދުކުރިތާ 60 އަހަރު ފުރުނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުން ނުކުމެ އިޙްތިޖާޖުކޮށް ވެރިކަންތައް ބަދަލުކުރަނީ ކޮން ހާލެއް ޖެހިގެންތޯ އަމިއްލަފުޅަށް ސުވާލުކުރައްވަން ޖެހޭ ކަމަށާއި، މި ހުރިހާ މައްސަލައެއްގެ އަސްލަކީ ލާމަރުކަޒީ ނިޒާމެއް ނެތި މާލެއިން ހުރިހާ ކަމެއް ހިންގަން މާލޭގެ ވެރިން މާބޮޑަށް ވިސްނުން ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް އިޝާރާތް ކުރައްވައި، އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
”މި ރަށުގެ އަދި މި އަތޮޅުގެ ރައްޔިތުން އިހުތިޖާޖަށް ތެދުވީ ސަބަބެއް ނެތިއެއް ނޫން،“ ނަޝީދު ވިދާޅުވި އެވެ.
މި މައްސަލަތައް ހައްލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު ވާހަކަ ދެކެވިގެން، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަށް އެއްބަސްވެވުނު ކަމަށާއި އޭގެ ފަހުގައި އަތޮޅުވެރިން އިންތިހާބުކުރީ އެހެންވެގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
”ދިވެހިރައްޔިތުން ޑރ. މުޢިއްޒު ތެދުވާނެ. މި ރާއްޖެ ފަހަތަށް ދިޔުމަކަށް އެ ރައްޔިތުން ޖާގައެއް ނުދޭނެ. އަޅުގަނޑުމެންވެސް ތެދުވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ރުހުމާ ރައްޔިތުންގެ އެދުމާ އެކީ ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ، ހިންގިޔަ ދީގެންވެސް ނުވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.



