
ފަސް އަހަރުގެ ހިންދު ރަޖަބް ޝަހީދުކޮށްލި ކަމަށް އިޒްރާއީލުން އެއްބަސްވެއްޖެ
ޖެނުއަރީ 2024 ގައި ނުވަ މީހަކު މަރާލި ހާދިސާގެ ޖިނާއީ ތަހުގީގެއް އަސްކަރިއްޔާއިން ފަށާފައިވީ ނަމަވެސް، އެހެން ތިން ހާދިސާއެއްގައި ޖިނާއީ ކުށެއް ނެތް ކަމަށް ވަނީ ބުނެފަ
ޢައްޒާގައި 2024 ގައި ފަސް އަހަރުގެ ހިންދު ރަޖަބާއި އޭނާގެ އާއިލާ ދަތުރުކުރި އުޅަނދަށް ހަމަލާދިން ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި، 29 ޖެނުއަރީ 2024 ގައި ހިންދު ހިމެނޭހެން ނުވަ މީހަކު މަރާލި ހާދިސާގެ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާނެ އެވެ.
އެ ދުވަހު، އާއިލާގެ ބައެއް މީހުން ޝަހީދުވި ހަމަލާއިން ހިންދު ފުރަތަމަ ސަލާމަތްވި އެވެ. އިސްރާއީލުން ދިން ހަމަލާތަކަށްފަހު، ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރު.ސީ.އެސް) އިން ކުރި ފޯނު ކޯލަކަށް ހިންދު ޖަވާބުދީ، އޭނާ ސަލާމަތް ކުރުމަށް މެޑިކަލް ޓީމަށް އާދޭސްކުރި އެވެ. އިސްރާއީލު ސިފައިންނާ ގުޅިގެން ކުރެވުނު މަސައްކަތަށްފަހު އޭނާ ސަލާމަތް ކުރުމަށް އެމްބިއުލާންސެއް ފޮނުވުނެވެ. ނަމަވެސް، އިސްރާއީލު ސިފައިން ވަނީ އެ އެމްބިއުލާންސަށް ހަމަލާދީ، ޕެރަމެޑިކްސްގެ ގޮތުގައި މަސައްކަތްކުރި ޔޫސުފް ޒައިނޯ އާއި އަހުމަދު އަލް މަދޫން ޝަހީދުކޮށްލާފަ އެވެ.
ހަމަލާދިންތާ ބާރަ ދުވަސް ފަހުން، ހިންދުގެ ހަށިގަނޑާއި އޭނާގެ އާއިލާގެ ހަ މީހެއްގެ އިތުރުން ދެ ޕެރަމެޑިކުންގެ ހަށިގަނޑު ފެނުނެވެ. ޕީ.އާރު.ސީ.އެސް އިން ތުހުމަތުކުރި ގޮތުގައި، ސަލާމަތްކުރުމުގެ މަސައްކަތަށް ކުރިން މަގުފަހިކޮށްދިނުމަށް އެއްބަސްވެފައިވީ ނަމަވެސް، އިސްރާއީލު ސިފައިން ގަސްތުގައި އެމްބިއުލާންސަށް ހަމަލާދިނީ އެވެ.
ހިންދުގެ މަންމަ ވިސާމް ރަޖަބް އޭރު ”މިޑްލް އީސްޓް އައި“ އަށް ކިޔައިދިން ގޮތުގައި، އިސްރާއީލުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ދޫކޮށް ދާން އުޅުމުގެ ތެރޭގައި އާއިލާ ވަނީ ވަކިވެފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވިސާމް އޭނާގެ ދަރިފުޅު ފޮނުވީ ބޮޑުބޭބެއާއި އޭނާގެ އަނބިދަރިންނާއެކު ކާރުގަ އެވެ. އާއިލާގެ އެހެން މީހުން ދިޔައީ ހިނގާފަ އެވެ.
ސަރަހައްދުގައި ބަޑީގެ އަޑު އިވުމުން، ކާރަށް ހަމަލާދޭ ކަމަށް ބުނެ އާއިލާއިން ރެޑް ކްރެސެންޓަށް ގުޅި އެވެ. ފުރަތަމަ ވިސާމް ހީކުރީ ކާރުގައި ތިބި އެންމެން މަރުވީ ކަމަށެވެ. ނަމަވެސް އޭނާގެ ބޮޑުބޭބެގެ ދަރިފުޅު، 15 އަހަރުގެ ލަޔާން ހަމަދާ ގުޅާފައި ބުނީ، ”އަހަރެންނާއި ހިންދު ތިބީ ޒަޚަމްވެފައި، އާއިލާގެ އެންމެން މަރުވެއްޖެ، އަހަރެން މަރުވާކަށް ބޭނުމެއް ނޫން. އަހަރެމެން ސަލާމަތްކުރަން އެމްބިއުލާންސެއް ފޮނުވައިދީ. އަހަރެން ބިރުގަނޭ، ޓޭންކުތައް ހުރީ 500 މީޓަރު ދުރުގައި،“ ކަމަށެވެ.
ފޯނު ކެނޑުމުން ދެމީހުންވެސް މަރުވީ ކަމަށް ވިސާމް ހީކުރި އެވެ. އެކަމަކު އަލުން ގުޅުމުން ހިންދު ފޯނަށް ޖަވާބުދީ ބުނީ، ”އަހަރެން ދިރި އެބަހުރިން، އެކަމަކު ލަޔާން ޝަހީދުވެއްޖެ. މަންމާ، އަހަރެން ބިރުގަނޭ، އެންމެން މަރުވެއްޖެ. އަހަރެން ބަލާ އާދޭ،“ މިހެން ކަމަށެވެ.
ޕީ.އާރު.ސީ.އެސް އިން ޒައިނޯ އާއި މަދޫން ފޮނުވީ ހިންދު ސަލާމަތް ކުރުމަށެވެ. އެމީހުން 15 މިނެޓު ތެރޭގައި އެ ސަރަހައްދަށް ދެވޭނެ ކަމަށާއި ހިންދު ހޯދަމުންދާ ކަމަށް ބުނި ފަހުން ގުޅުން ކެނޑުނެވެ. ޕީ.އާރު.ސީ.އެސް އިން ވަނީ ހިންދު ކުރި އެންމެ ފަހު ފޯނު ކޯލުގެ އޯޑިއޯ ރެކޯޑިން އާންމުކޮށްފަ އެވެ. އެ ރެކޯޑިންގައި ބަޑީގެ އަޑުތަކުގެ ތެރެއިން އޭނާ ކުރި އާދޭސްތައް އިވެ އެވެ. ”އަހަރެން ކަނު އަނދިރިދެކެ ބިރުގަނޭ، އަހަރެން ބަލާ އާދޭ،“ އޭނާ ބުންޏެވެ. ވިސާމް ބުނި ގޮތުގައި ހިންދު ބުނެފައިވަނީ، ”އަހަރެން ދޫކޮށްނުލާ، އަހަރެން ފިނިވޭ، ބަނޑުހައިވޭ، އަދި ބިރުގަނޭ،“ ކަމަށެވެ.
ހިންދުގެ މަރުގެ ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ކުށްވެރިކުރުމެއް އުފެދި، އޭނާގެ ނަން ދުނިޔޭގެ ސުރުޚީތަކަށް އެރި އެވެ. ”ފަލަސްތީނު ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ދަތުރުކުރުމުގައި ކޯޑިނޭޝަން ފެއިލްވެފައިވާ ކަމަށް ބެލެވޭތީ، މި ހާދިސާގެ ޖިނާއީ ތަހުގީގެއް އަސްކަރީ ފުލުހުންގެ ފަރާތުން ފެށުމަށް ވަނީ ނިންމާފައި،“ އިސްރާއީލު އަސްކަރިއްޔާއިން ބުދަ ދުވަހު ބުންޏެވެ.
މި މަރުތައް ހިނގި ދުވަސްވަރު، އިސްރާއީލު އަސްކަރިއްޔާއިން ބުނަމުން ދިޔައީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަހައްދުގައި އެމީހުން ހަރަކާތްތެރި ނުވާ ކަމަށެވެ. ނަމަވެސް، މީޑިއާގެ ގިނަ ރިޕޯޓުތަކުން އެ ސަރަހައްދުގައި އިސްރާއީލުގެ ޓޭންކުތައް ހުރިކަން ކަށަވަރުވި އެވެ. ކާރާއި އެމްބިއުލާންސް ފެނުނު އިރު، އަސްކަރިއްޔާއިން ވަނީ ތަލް އަލް-ހަވާ ހިމެނޭހެން ބައެއް ސަރަހައްދުތަކަށް ”ޓެރަރިސްޓް އަމާޒުތަކަށް“ ހަމަލާދިން ކަމަށް ބުނެފަ އެވެ. ފަހުން އެމީހުން ވަނީ އެ ނޫސްބަޔާން ވެބްސައިޓުން އުނިކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ތައްޔާރުކުރި ފިލްމު ”ދަ ވޮއިސް އޮފް ހިންދު ރަޖަބް“ ވަނީ މިއަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފަ އެވެ. އިސްރާއީލު އަސްކަރިއްޔާއިން ވަނީ މާރިޗު 2025 ގައި ދެކުނު ޣައްޒާގެ ތަލް އަލް-ސުލްތާންގައި އެހީދޭ 15 މުވައްޒަފަކު މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއްވެސް ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ.
ނަމަވެސް، އެހެން ތިން ހާދިސާއެއްގައި ”ޖިނާއީ ކުށެއްގެ އެކަށީގެންވާ ތުހުމަތެއް ނެތް“ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. އޭގެ ތެރޭގައި ނޮވެމްބަރު 2023 ގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް) ގެ ދެ މުވައްޒަފަކު މަރާލުމާއި، ފެބްރުއަރީ 2024 ގައި އެ ޖަމްއިއްޔާގެ އެހެން ދެ މުވައްޒަފަކު މަރާލުމުގެ އިތުރުން، އެޕްރީލް 2024 ގައި ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް މުވައްޒަފަކު މަރާލި ހާދިސާ ހިމެނެ އެވެ.
އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ފެށި ފަހުން، އިސްރާއީލު ސިފައިން ވަނީ 73,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާ، 174,000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފަވެ އެވެ.



