އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާނެ އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން ޓްރަމްޕް އިޢުލާނުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ”އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް“ އަޅަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފިއެވެ. ވޮޝިންގޓަނުން އީރާނަށް ދެމުންދާ ޕްރެޝަރު ވަރުގަދަކޮށްފައި މިވަނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހު ”ޓްރުތް ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އީރާނަށް ލިބުނު ފުރުސަތުގެ ބޭނުން އެ ގައުމުން ހިފާފައި ނުވާ ކަމަށާއި، އެހެންކަމުން ކުރިއާ ނުބައްދަލު މިންވަރެއްގެ އިގްތިސާދީ ހަނގުރާމައަކާއި އެކަހެރިކުރުމަކާ އީރާނުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، އީރާނާއެކު ވިޔަފާރީގެ މުއާމަލާތްކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

”އީރާނުގެ މާލީ އިދާރާތަކަށާއި، ވިޔަފާރިތަކަށް، އެއާޕޯޓްތަކަށް ނުވަތަ ސަރުކާރުގެ އިދާރާތަކަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ،“ ޓްރަމްޕް ލިޔުއްވާފައިވެއެވެ. ”ތެޔޮ ވަގަށް ބޭރުކުރުމާއި، މުދާ ބަދަލުކުރުމާއި، ފައިސާ ފޮނުވުމާއި، މަނީ އެކްސްޗޭންޖްތަކާއި، އުޅަނދުފަހަރު ރެޖިސްޓްރީ ކުރުމާއި އަދި ވަގު ކުންފުނިތައް ހިންގުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭނެ. މިއީ އިގްތިސާދީ ގޮތުން ނިންމާ ނިންމުމެއް. އީރާނުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެމެރިކާއާ އެކު ހުރިހާ އެކުވެރި ގައުމުތަކަކުން ސާބިތުވެ ތިބުމަށް ގޮވާލަން.“

މިއީ އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ”އޮޕަރޭޝަން އިކޮނޮމިކް ފިއުރީ“ ގެ ނަމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ އީރާނަށް އިގްތިސާދީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ.

އެމެރިކާއިން މިހާރުވެސް ވަނީ އީރާނުގެ ތެލާއި، މުދާ އުފުލުމާއި މާލީ ދާއިރާއަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ބޭނުމަކީ ހަކަތަ އެކްސްޕޯޓްކޮށްގެން އީރާނަށް ލިބޭ އާމްދަނީ ހުއްޓުވުމެވެ. މީގެ އިތުރުން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ބޭރު ގައުމުތަކަށް ތެޔޮ ވިއްކުމުގައި އެހީތެރިވާ ކުންފުނިތަކާއި އުޅަނދުތަކަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

ޓްރަމްޕްގެ މި އިއުލާނާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން ވަގުތުން ރައްދެއް ދީފައި ނުވި ނަމަވެސް، އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ މިއީ އާ ކަމެއް ނޫން ކަމަށެވެ.

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު (އައި.އާރް.އައި.ބީ) އިން ބުނި ގޮތުގައި މިއީ އަސްކަރީ ގޮތުން ކުރިމަތިލައިގެން ނާކާމިޔާބުވުމުން ކުރާ ކަމެކެވެ. އަދި ތަސްނީމް ނިއުސް އެޖެންސީން ބުނީ އީރާނުގެ މާލީ އަދި އިގްތިސާދީ ގުޅުންތައް ކަނޑާލުމަށް އެމެރިކާއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެފަދަ ހުރަސްތަކުން ސަލާމަތްވާނެ ގޮތް އީރާނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ފާރްސް ނިއުސް އެޖެންސީން ޓްރަމްޕްގެ ވާހަކަތަކަކީ ”ޚިޔާލީ“ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރަމުން ބުނީ، އީރާނު ބަލިކޮށްލާނެ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނި ނަމަވެސް އަމަލީ ގޮތުން އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު މައިކް ހެނާ ވޮޝިންގޓަނުން ބުނި ގޮތުގައި، ޓްރަމްޕްގެ މި ނިންމުމުން ހާމަވަނީ ފަސް މަސް ވެފައިވާ މި ހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުލައިދާތީ އޭނާ ކަންބޮޑުވާ މިންވަރެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ދެން އެޅޭނެ އާ ފިޔަވަޅަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. އެހެންކަމުން މިއީ އީރާނަށް ދޭ އާދައިގެ އިންޒާރަކަށް ވެދާނެއެވެ. ނަމަވެސް، މި ހަނގުރާމައާ ދެކޮޅު ހަދަމުންދާ އެމެރިކާގެ ރައްޔިތުންނަށް އޭނާއަކީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާ ލީޑަރެއްކަން ދެއްކުމަކީ ޓްރަމްޕްގެ މަގްސަދަކަށް ވެދާނެއެވެ.

ޓްރަމްޕްގެ މި އިއުލާން އައީ، އީރާނުގެ މުހިންމު ވިޔަފާރި ބައިވެރިއެއް ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އީރާނާއެކު އޮތް ހުރިހާ މާލީ ގުޅުންތަކެއް ކަނޑާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ޔޫ.އޭ.އީ އިން ތުހުމަތު ކުރާ ގޮތުގައި އީރާނުން ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާފައެވެ. ނަމަވެސް އީރާނުން މި ތުހުމަތުތައް ދޮގުކުރެއެވެ.

ބްރެންޑައިސް ޔުނިވަރސިޓީގެ އިގްތިސާދީ މާހިރެއް ކަމަށްވާ ނާދިރު ޙަބީބީ ވިދާޅުވި ގޮތުގައި، ޔޫ.އޭ.އީ އިން އީރާނާ ގުޅުން ކަނޑާލީ އެމެރިކާގެ ބާރުގެ ދަށުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕްގެ ދެން އޮތް އަމާޒަކީ އީރާނާއެކު ވިޔަފާރިކުރާ ޗައިނާ، އިރާގު އަދި ތުރުކީއަށް ފިއްތުންތައް ކުރިމަތިކުރުމެވެ. ޗައިނާގެ ބޭންކުތަކަށް ފިޔަވަޅު އެޅުމަކީ ޓްރަމްޕަށް ކުރެވިދާނެ ކަމެއް ނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދިނުމަށް ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ ކުންފުނިތަކަށް އަންގާފައެވެ.

އޮބްސިޑިއަން ރިސްކް އެޑްވައިޒަރުގެ ބްރެޓް އެރިކްސަން ވިދާޅުވި ގޮތުގައި، ޓްރަމްޕް މިހާރު ދޭ އިންޒާރުތަކަކީ މީގެ ކުރިން ވެސް އަމަލުކުރެވެން ހުރި ކަންކަމެވެ. ނަމަވެސް މިހާތަނަށް އެކަން ނުކޮށް އޮތީ އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިގްތިސާދީ ހަނގުރާމައިން ނަތީޖާ ނެރެން ބޭނުންނަމަ، އެކަން ވަރަށް އަވަހަށް ކުރަން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.