
އަނބިމީހާ ފަލައޭ ބުނެގެން ކަތިވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އަނބިމީހާއާ ދިމާލަށް ފަލައޭ ބުނި މައްސަލައެއްގައި ރުޅިއައިސްގެން، ކަތިވަޅި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު މީހަކު ށ. މިލަންދޫން ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އިއްޔެ ރޭ މިލަންދޫން ހައްޔަރުކުރި މީހުންގެތެރެއިން ދެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެކަކު 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއް މީހާ ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. މި ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ.
މިލަންދޫ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ބަންދުކުރި އުމުރުން 22 އަހަރުގެ ޒުވާނާ ތޫނު ހަތިޔާރެއް ހިފައިގެން ދިޔައީ އުމުރުން 31 އަހަރުގެ މީހަކާ މާރާމާރީ ހިންގުމަށް އޭނާ ދިރިއުޅޭ ގޭގެ ކައިރިއަށެވެ. އެގޮތުން ކަތިވަޅިއެއް ހިފައިގެން އެ ސަރަހައްދަށް ގޮސް، އެވަގުތު އެ ތަނުގައި ހުރި އެހެން މީހަކާ ދިމާލަށް ކަތިވަޅި މަޅާލުމަށް ފަހު ”ނުފުއްޕައްޗޭ“ ބުނެ އިންޒާރުދިން ކަމަށް ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ފުލުހުން އެ ސަރަހައްދަށް ދިޔަތަން ފެނުމުން، އޭނާގެ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑިދަށަށް ލައި ފޮރުވިކަން ހެކިންގެ ބަޔާނުން އެނގެން އޮތްއިރު، ފުލުހުން އެ ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު އެތަނުން ކަތިވަޅިއެއްގެ އިތުރުން އިތުރު ދެ ވަޅި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ކުށުގެ ވެއްޓަށް ދިޔަ ކަމަށާއި އެ ތަނުގައި އަޑުގަދަކޮށް ވާހަކަ ދެއްކުނު ކަމަށް ބަންދު މަޖިލީހުގައި ތުހުމަތުކުރެވޭ މީހާ ވަނީ އެއްބަސްވެފައެވެ. އަދި އެވަގުތު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ، މި މައްސަލައިގެ ބައެއް ތުހުމަތުތަކަށް އޭނާ އިގުރާރުވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.



