
އިންޑޮނީޝިއާއަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނޭޝިއާގެ ފްލޯރެސް އައިލެންޑްގެ އައްސޭރިފަށަށް އައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމެއްގައި، މިހާތަނަށް މަދުވެގެން 20 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 3:58 ގައެވެ. ބިންހެލުން އުފެދުނު މަރުކަޒު ހުރީ އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީގެ އުތުރުން ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރުގައެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ.
މައި ބިންހެލުމަށްފަހު ބައިގަޑިއިރު ތެރޭގައި 5.9، 5.6 އަދި 6.1 ގެ ބާރުމިނުގައި އިތުރު ތިން ލޮޅުން (އެފްޓަރޝޮކްސް) އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ މައުމެރޭ ސިޓީގެ ރެސްކިއު އެޖެންސީގެ އިސްވެރިޔާ ފަތުރު ރަހުމާން ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން މިހާތަނަށް 20 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން 6 މީހަކަށް އަނިޔާވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ދެ މީހަކު ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބިންހެލުން އުފެދުނު މަރުކަޒާ އެންމެ ކައިރީގައި އޮތް ނަގެކެއޯ ރީޖަންސީއަށް މުވާސަލާތީ މައްސަލަތަކާ ހުރެ އަދިވެސް މީހުން ސަލާމަތްކުރާ ޓީމުތަކަށް ނުދެވޭ ކަމަށް ފަތުރު ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވިއެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
އީސްޓް ނޫސާ ތެންގާރާގެ ޕޮލިސް ޗީފް ރޫޑީ ދަރްމޯކޯ ވިދާޅުވީ ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ސިޓީތަކާއި އަވަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން މައުލޫމާތު ހޯދުމަށާއި ސަލާމަތީ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑޮނޭޝިއާގެ ކާރިސާތަކާބެހޭ އިދާރާ (ބީ.އެން.ޕީ.ބީ) އިން ބުނި ގޮތުގައި، ނަގެކެއޯ ސަރަހައްދުން ގާތްގަނޑަކަށް 2،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ގެދޮރާއި، ގުދަންތަކާއި، ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ އެޖެންސީ (ބީ.އެމް.ކޭ.ޖީ) އިން ސުނާމީގެ އިންޒާރު ނެރުނެވެ. އަދި އަތިރިމައްޗާއި ކޯރުތަކުގެ އައްސޭރިއާ ދުރުވެ، އުސް ބިންތަކަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރިއެވެ. ނަމަވެސް މިހާރު އެ އިންޒާރު ވަނީ އުވާލާފައެވެ.
ޔޫ.އެސް.ޖީ.އެސް އިން ލަފާކުރާ ގޮތުގައި، ފްލޯރެސް އައިލެންޑްގެ ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބިންހެލުމުގެ ބާރުގަދަ ލޮޅުންތައް އިހުސާސް ކުރެވޭނެއެވެ. އަދި މުޅި ސަރަހައްދުގެ އެތައް މިލިއަން މީހުންނަށް މި ބިންހެލުމުގެ އަސަރު ކޮށްފައިވާނެއެވެ.
މި ހާދިސާއާ ގުޅިގެން އަލްޖަޒީރާގެ ރިޕޯޓަރު ޖެސިކާ ވޮޝިންގޓަން ޖަކާޓާއިން މައުލޫމާތު ދިން ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ރަށުގެ އުތުރު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަންގާފައިވާއިރު، ގެއްލުންތަކުގެ ތަފްސީލު އަދިވެސް ދަނީ ލިބެމުންނެވެ. ބައެއް ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަދިވެސް ނުދެވޭތީ، އާންމުން އިމާރާތްތަކާއި އައްސޭރިފަށާ ދުރުގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
270 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ޕެސިފިކް ”ރިންގް އޮފް ފަޔަރ“ ސަރަހައްދުގައި އޮންނަ، ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ. 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް މި ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމަކާއި ސުނާމީއެއްގައި ފްލޯރެސް އިން 2,500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.



