ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަން މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު 3 މިލިއަން ރުފިޔާ ދޭން ނިންމައިފި

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިތްވަރުދީ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މި އުސޫލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް ބާރުއަޅާ ހަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އެހީ ދޫކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ތިން ގިންތިއެއް ކަނޑައަޅާފައެވެ. އެ ގިންތިތަކަކީ:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  1. ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތައް: މި ފަދަ މަޝްރޫއުތަކަށް 75,000 އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.
  2. މުޅި ރާއްޖެއަށް ފައިދާކުރާނެ މަސައްކަތްތައް: މި ފަދަ މަސައްކަތްތަކަށް 100,000 އާއި 300,000 ރުފިޔާއާ ދެމެދުގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  3. އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި ހިންގާ އަމަލީ މަސައްކަތްތައް: މި ފަދަ ބޮޑެތި މަޝްރޫއުތަކަށް 300,000 އާއި 500,000 ރުފިޔާއާ ދެމެދުގެ އެހީއެއް ކަނޑައަޅާފައިވެއެވެ.

އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، ހުށަހަޅާ ކޮންމެ ޕްރޮޕޯޒަލެއްގައިވެސް އިދާރީ ހަރަދުގެ ގޮތުގައި ހިމެނޭނީ ޖުމުލަ ބަޖެޓުގެ ގިނަވެގެން 20 އިންސައްތައެވެ.

މި އެހީއަށް އެދި ހުށަހަޅާ ޖަމިއްޔާތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 12 މަސްދުވަސް ވެފައިވުން ހިމެނެއެވެ. މީގެ އިތުރުން، އެހީއަށް އެދޭ ފަރާތަކީ ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި އުޅޭ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތަކަށް ވެގެންނުވާނެއެވެ.

މި އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައި، އިވެލުއޭޓް ކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ ހަތް މެންބަރުންގެ ”އެވޯޑިން ކޮމިޓީ“ އަކުންނެވެ. މި ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް މުވައްޒަފެއް ހިމެނޭނެއެވެ. އަދި އެޗްޕީއޭގެ މަންދޫބަކާއި، ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ މެންބަރެއްގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް މުވައްޒަފަކުވެސް މި ކޮމިޓީގައި ބައިވެރިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، މިއީ ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.