
މ. މުލަކު ސުކޫލު ގުރޭޑު 10ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ހިންގައިފި
މ. މުލަކު ސުކޫލު ގުރޭޑު 10ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ހިންގައިފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓާއި، ފޮރެންސިކް ސަރވިސް އަދި ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓު ގުޅިގެންނެވެ.
މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު، އިސްކަންދަރު ކޮށި މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްކުރި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.މި ސެޝަނުގައި ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވަނީ ފުލުހުންގެ ޚިދުމަތުގައި ހުރި ފުރުސަތުތަކަކާއި، ފުލުހުން ކުރާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. ފޮރެންސިކް ސަރވިސްއިން މައުލޫމާތު ދީފައިވަނީ ތަހުގީގު މަރުހަލާގައި ހެކި ތައްޔާރުކުރާ ގޮތާއި ރައްކާތެރިކަމާއެކު ހެކި ބަހައްޓާނެ ގޮތްތަކާއި ތަހުލީލުތައް ކުރާ ގޮތްތަކާ ބެހޭގޮތުންނެވެ.
އޭގެ އިތުރުން، ބޮޑެތި މުޒާހަރާތަކާއި އެއްވުންތަކުގައި ސްޕެޝަލް އޮޕަރޭޝަން މުވައްޒަފުން ބޭނުންކުރާ އާލާތްތަކާއި މަސައްކަތް ބަހައްޓާ ގޮތްތަކާ ބެހޭގޮތުން މައުލޫމާތުދީ އަދި ބޭނުންކުރާ ބައެއް އާލާތްތައް ދައްކައިލައި އެ ތަކެތި ބޭނުންކުރާނެ ގޮތްތައް އަމަލީގޮތުން ކިޔައިދީފައިވެއެވެ.
23 ދަރިވަރުންނާއި އެ ދަރިވަރުންގެމުދައްރިސުން ބައިވެރިވި މި ސެޝަންގައި، ފުލުހުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މުލަކު ސުކޫލުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.



