ދައުލަތަުގެ އާމްދަނީ 9.3 އިންސައްތަ މައްޗަށް

ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ ޖީ.އެސް.ޓީ.އިން ލިބުނު އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 9.3 އިންސައްތަ މައްޗަށް 

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު، 06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ 9.3 އިންސައްތަ އިތުރުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތައިން އިތުރުވެފަ އެވެ.

ކޯޕަރޭޓް އިންކަމް ޓެކްސްއަކީ މި މުއްދަތުގަ ދައުލަތަށް އާމްދަނީ ލިބުނު މުހިންމު އެއް ވަސީލަތް ކަމަށްވާއިރު، 06 އޯގަސްޓް 2026 ގެ ނިޔަލަށް އެ ބައިން ވަނީ 2.7 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.

ޖީ.ޖީ.އެސް.ޓީ.އިން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 3.1 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއީ ޖީ.ޖީ.އެސް.ޓީ ގެ ގޮތުގައި އިތުރަށް ލިބުނު 323.7 މިލިއަން ރުފިޔާއެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީ ގެ ހިއްސާއަކީ 3.4 ބިލިއަން ރުފިޔާ އެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުންވެސް މި މުއްދަތުގައި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއިން 2.0 ބިލިއަން ރުފިޔާއަށް ނުވަތަ 13.2 އިންސައްތަ އިތުރުވެފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.5 ބިލިއަން ރުފިޔާއިން 5.3 ބިލިއަން ރުފިޔާއަށް ނުވަތަ 18.5 އިންސައްތައަށް މައްޗަށް ގޮސްފަ އެވެ.

ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް 15.8 އިންސައްތަ އިތުރުވެ 885.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.0 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް 14.9 އިންސައްތަ އިތުރުވެ 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ 33.1 އިންސައްތަ އިތުރުވެ 1.7 ބިލިއަން ރުފިޔާއަށް އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް 17.0 އިންސައްތަ އިތުރުވެ 483.1 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 221.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ.

06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާ އެވެ.

ޚަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.

މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

އެހީއާއި ސަބްސިޑީގެ ޚަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ޚަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ޚަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ހިމެނެ އެވެ.

ކެޕިޓަލް ޚަރަދު ވަނީ 7.0 އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.

ބިމާއި އިމާރާތްތަކަށް ކުރެވުނު ޚަރަދު 57.9 އިންސައްތަ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރުތަކަށް ކުރެވުނު ޚަރަދު 65.9 އިންސައްތަ އިތުރުވެ 261.0 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ޚަރަދު 39.1 އިންސައްތަ އިތުރުވެ 791.2 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ކެޕިޓަލް އިކުއިޕްމަންޓަށް ކުރެވުނު ޚަރަދުވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

06 އޯގަސްޓް 2026 ގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.