
ލަންކާ އާއި އިންޑިއާ އާ ދެމެދު ވަރުގަދަ އެއްބަސްވުންތަކެއް
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިދިޔަ ބުދަ ދުވަހު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އިތުރަށް ހަރުދަނާކޮށް، އާ ކަންތައްތަކެއް ހިމެނުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންޑިއާ އާއި ސްރީލަންކާއިން އެއްބަސްވެއްޖެ އެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވޭ އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމުމަކަށް އައިސްފައިވާތީ، ދެ ޤައުމުގެ އިސްވެރިން ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފަ އެވެ. މި އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ބެލެވެ އެވެ.
ފޮރިން ސެކްރެޓަރީގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިސްރީ ވަނީ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ، ފޮރިން މިނިސްޓަރު ވިޖިތާ ހޭރަތު އަދި ފޮރިން ސެކްރެޓަރީ އަރުނީ ރަނަރާޖާއާ ބައްދަލުކުރައްވާފަ އެވެ.
މި ދަތުރުގއި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާއާ ބައްދަލުކުރެއްވުމުގެ އިތުރުން، ސްރީލަންކާގެ ތަމަޅަ މުޖުތަމަޢުތަކާއި އިންޑިއާ ދަރިކޮޅުގެ ތަމަޅަ (އައި.އޯ.ޓީ) ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުންތަކުގައި ދެ ޤައުމުން ވަނީ ދެ ފަރާތް ގުޅިގެން ހިންގާ ތަފާތު މަޝްރޫއުތަކަށް ލިބިފައިވާ ކުރިއެރުންތައް މުރާޖައާކޮށްފަ އެވެ. އަދި އިންޑިއާގެ ”ނޭބަހުޑް ފަސްޓް“ ސިޔާސަތާއި ”ވިޝަން މަހާސާގަރު“ ގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވި އެވެ.
މި ދަތުރުގައި ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ދިން 450 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ދަށުން ހިންގާ އާބާދުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ދެ ގައުމުން ވެސް ހިތްހަމަޖެހުން ފާޅުކުރި އެވެ.
މި ދަތުރުފުޅުގެ ތެރެއިން ހިނގާދިޔަ އެންމެ މުހިންމު އެއް ކަމަކީ، ޖުމްލަ 350 މިލިއަން އެމެރިކާ ޑޮލަރުގެ ދެ ކްރެޑިޓް ލައިން އެއްބަސްވުމެއް ބަދަލުކުރުމެވެ.
މީގެ ތެރޭގައި ރޭލްވޭގެ މަޝްރޫއުތަކަށް ޚާއްޞަ 250 މިލިއަން ޑޮލަރާއި، ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމުގެ ދާއިރާގެ އިތުރުން އިސްކަންދޭ އެހެނިހެން ދާއިރާތަކަށް ޚާއްޞަ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މީގެ އިތުރުން، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ގެއްލުން ލިބިފައިވާ ގެތަކާއި ފާލަންތައް އަލުން ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ދެ ޤައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.



