
ޕީއެންސީގެ ވޯޓުލުން ކުރިއަށްދާނީ ޤަވާޢިދާ އެއްގޮތަށް
ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދާނީ އަސާސީ ޤަވާޢިދާ އެއްގޮތަށް ހާމަކޮށް ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައިވަނީ، ޕާޓީގެ މަތީ މަޖިލީހުގައި ވޯޓުލުމާއި ކަންކަން ނިންމުމުގެ އުސޫލުތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެގޮތުން، އަސާސީ ޤަވާޢިދުގެ ޗެޕްޓަރ-7 ގެ 69 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުން، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށާއި ނައިބުރައީސުންނާއި މަޖިލިސް މެންބަރުން އިންތިޚާބުކުރުމަށް ނަގާނީ އަތްއުފުލައިގެން ކަމަށާއި އެއީ ހާމަ ވޯޓެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި މިއީ އަސާސީ ޤަވާޢިދާ ޚިލާފަށް ނުވަތަ ޚާއްޞަ ކޮމިޓީއަކުން އަލަށް ނިންމައިގެން ހިންގާކަމެއް ނޫން ކަމަށާއި، މީގެ ކުރިންވެސް ބައްދަލުވުންތަކުގައި ޢަމަލުކުރަމުން އައިސްފައިވަނީ އެ އުސޫލުން ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.
ޕާޓީގެ އެތެރޭގެ ހުރިހާ ކަމެއްވެސް މިނިވަން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، ދެފުށްފެންނަ ގޮތަށް އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ޕީއެންސީން ވަނީ އެންމެހާ މެންބަރުންނަށް އަރުވާފަ އެވެ.



