ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، އެމެރިކާއިން ޖެހިޖެހިގެން ނުވަވަނަ ރޭ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރެޔަށް އީރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސިރިކް، ޖާސްކް، ތަބްރީޒް އަދި ޗާބަހާރު ހިމެނޭހެން ބޮޑެތި ސިޓީތަކެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހޯމަ ދުވަހު މި ހަމަލާތައް ދީފައިވަނީ، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ތިންވަނަ ސިފައިންގެ މީހަކު މަރުވެފައިވާކަން އެމެރިކާ އަސްކަރިއްޔާއިން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ގާއިމުކޮށްފައިވާ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ އުވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންމެ ފަހުން ދިން މި ހަމަލާތަކުގެ މަގްސަދަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށާއި ފަޅުވެރިންނަށް ހަމަލާދިނުމަށް ބޭނުންކުރާ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުން ކަމަށެވެ.

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރް.އައި.ބީ އިން ރިޕޯޓުކުރި ގޮތުގައި، އީރާނުގެ ހުޅަނގު ދެކުނު ޚޫޒިސްތާން ޕްރޮވިންސްގެ މަހްޝަހްރު އަދި އިމާމް ޚުމައިނީ ބަނދަރު ސިޓީތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. މީގެ އިތުރުން، އީރާނުގެ ދެކުނު އައްސޭރީގެ ހޮރްމުޒްގާން ޕްރޮވިންސްގެ ސިރިކް އަދި ޖާސްކް ސިޓީ ކައިރިންނާއި، ބޫޝެހްރު ޕްރޮވިންސްގެ ޚްވަރްމޫޖް ސިޓީ ކައިރިން ވެސް ގޮވުންތަކެއް ރިޕޯޓުކޮށްފައިވެއެވެ.

ހަމައެއާއެކު، އީރާނުގެ ހުޅަނގު އުތުރުގެ ތަބްރީޒް ސިޓީ ކައިރިން ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި، ދެކުނު އިރުމަތީގެ ކޮނަރަކް އަދި ޗާބަހާރު ސިޓީތަކުގެ ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވެފައިވާ ކަމަށް ފާރްސް ނިއުސް އެޖެންސީން ބުނެއެވެ.

ރައްދުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދީފި

އީރާނުގެ ވެރިރަށް ތެހެރާނުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ތާހިދު އަސަދީ ބުނީ، އެމެރިކާގެ އެންމެ ފަހުގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ދެކުނު އައްސޭރިއަށް ކަމަށެވެ. އަދި ތަބްރީޒަށް ހަމަލާދީފައިވާކަން ކަށަވަރުވެއްޖެނަމަ، މިއީ މި ފަހުގެ ނުތަނަވަސްކަން ފެށުނު ފަހުން އީރާނުގެ ހުޅަނގު އުތުރު ސިޓީއަކަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރިއެވެ.

”މިއީ ދެފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަމުންދާ އަނެއް ރޭ،“ އޭނާ ބުންޏެވެ. ”އީރާނުން ވެސް ދަނީ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނަމުން. އީރާނުގެ ލޮރެސްތާން ޕްރޮވިންސުން ފޮނުވާލާ މިސައިލްތަކުން ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުން.“

މީގެ ކުރިން ކުވެއިތުން ބުނެފައިވަނީ ”ދުޝްމަނުންގެ ޑްރޯންތަކެއްގެ ނުރައްކަލާ“ ކުރިމަތިލާފައިވާ ކަމަށެވެ. އަދި ބަހްރޭނުގައި އާދީއްތަ ދުވަހު ދެވަނަ ފަހަރަށް ނުރައްކަލުގެ ސައިރަންގެ އަޑު އިވިފައިވާއިރު، އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުގެ ތިން މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. ކުވެއިތު ސަރުކާރުން ބުނި ގޮތުގައި، އެ ގައުމުގެ ފެން އުފައްދާ ކާރުޚާނާއަކަށް އާދީއްތަ ދުވަހު ހަމަލާދިނުމުގެ ސަބަބުން އަލިފާން ރޯވެފައިވެއެވެ. މިއީ އާންމުންގެ އަސާސީ ޚިދުމަތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށް އެ ގައުމުން ބުނެއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް (ނޭވަލް ބްލޮކޭޑް) ހިސާރުކުރަމުންދާއިރު، އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އެ ގައުމުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފުވާ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އާދީއްތަ ދުވަހު ބުނީ، އެމެރިކާގެ އެހީތެރިކަމާއެކު ހަތަރު އުޅަނދަކުން ނުރައްކާތެރި މަގަކުން ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށެވެ. އޭގެ ތެރެއިން ދެ އުޅަނދަކުން އެ މަސައްކަތް ހުއްޓާލިއިރު، އަނެއް ދެ އުޅަނދު ”ހާދިސާއަކާ“ ކުރިމަތިލާން ޖެހުނު ކަމަށް ބުނި ނަމަވެސް، އެއީ ކޮން ކަހަލަ ހާދިސާއެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ހިސާރުކުރުމުގެ އަމުރަށް ފުރިހަމައަށް ބޯލެނބުމުގެ ގޮތުން މުދާ އުފުލާ ހަ އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، އެހެން އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސެންޓްކޮމް އިން ބުނި ގޮތުގައި، ހޮނިހިރު ދުވަހު އިރާގުގެ އުތުރުގައި އީރާނުގެ ވައްޓާލާފައިވާ ޑްރޯންއެއްގައި ހުރި ގޮވާތަކެތި ނައްތާލުމުގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އަދި ހުކުރު ދުވަހު އުރުދުންގައި ދިން ހަމަލާއެއްގައި މަރުވި މީހުންގެ ހަށިގަނޑު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވެފައިވާއިރު، ތިންވަނަ މީހަކު ވަނީ ގެއްލިފައެވެ. މި ހަމަލާތަކާއެކު، ހަނގުރާމަ ފެށުނު ފަހުން މަރުވި އެމެރިކާ ސިފައިންގެ އަދަދު 17 އަށް އަރާފައިވާއިރު، 420 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، އީރާނާއި ލުބުނާނުން މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑެތި ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.