
ޝައިޚް ޙަމަދު: ޣައްޒާގެ ބަންދުކުރުންތައް އުވާލެއްވި ޢަރަބި ލީޑަރު
ފަލަސްޠީނުގެ ޙައްޤުތަކުގެ ވަރުގަދަ ދިފާޢުކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ، ޤަޠަރުގެ ކުރީގެ އަމީރު (ފާދަރ އެމިރް) އަކީ ޣައްޒާގެ ބަންދުކުރުންތައް އުވާލެއްވުމަށް ޢަމަލީގޮތުން އިސްނެންގެވި ފުރަތަމަ ޢަރަބި ލީޑަރެވެ.
ޤަޠަރުގެ ކުރީގެ އަމީރު ފަޟީލަތުއްޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނާ އެކު އެމަނިކުފާނު ބެހެއްޓެވި ގާތްކަމާއި އެއްބައިވަންތަކަމަކީ އެމަނިކުފާނުގެ ޒަޢާމަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރިކައެވެ. އެމަނިކުފާނަކީ ހަމައެކަނި ސަރަޙައްދީ ސިޔާސީ ލީޑަރެއްގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައާއި، އިސްރާއީލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ދަތިކުރުންތަކުގެ ތެރެއަށް ޢަމަލީގޮތުން ޒިޔާރަތްކުރައްވައި އެ ބަންދުކުރުންތައް މުގުރާލެއްވި ހަމައެކަނި ޢަރަބި ވެރިޔާގެ ގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެއެވެ.
2006 ވަނަ އަހަރު ފަލަސްޠީނުގައި ބޭއްވި އިންތިޚާބަށްފަހު، އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރި ބައިނަލްއަޤުވާމީ ދަތިކުރުންތަކަށް ހަ އަހަރުވީތަނާ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝައިޚް ޙަމަދު ވަނީ ޣައްޒާއަށް ތާރީޚީ ޒިޔާރަތެއް ކުރައްވާފައެވެ.
އަނބިކަނބަލުން ޝައިޚާ މޫޒާ ބިންތި ނާޞިރާއި މަތީ ފަންތީގެ ވަފުދަކާއެކު ކުރެއްވި މި ޒިޔާރަތުގައި، ހުޅަނގުގެ ބާރުތަކާއި ސަރަޙައްދީ ފަރާތްތަކުން ޣައްޒާ އެކަހެރިކުރުމަށް ރާވާފައިވާ ރޭވުންތައް ފަހަނައަޅައި ގޮސް، ޣައްޒާގެ ރަސްމީ އިދާރާތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެވުނެވެ.

ޙަމާސްގެ ޚާރިޖީ ގޯފީގެ އިސްވެރިޔާ ޚާލިދު މަޝްޢަލް އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނު ޣައްޒާއަށް ކުރެއްވި ޒިޔާރަތުގެ މާނައަކީ ”ޤުދުސާއި، ޣައްޒާއާއި ފަލަސްޠީނު މިއަދު އެކަމުގެ ހިތާމައިގައި ބައިވެރިވާ“ ކަމެވެ. ”އެމަނިކުފާނަކީ ޣައްޒާއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޢަރަބި އަދި މުސްލިމް ލީޑަރު. އެންމެ ދަތި އުނދަގޫ ވަގުތު ޣައްޒާގެ ރައްޔިތުންނާއެކު ހިތްވަރާއި ފަންވަރާއެކު ހުންނެވި، އަދި ރަސްމީ ސިފައެއްގައި އެ ބަންދުކުރުންތައް މުގުރާލެއްވި ބޭފުޅަކީ އެއީ. އެމަނިކުފާނަކީ ބުއްދިވެރި، ހިތްވަރުގަދަ، އަދި އުޞޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް،“ މަޝްޢަލް ވިދާޅުވިއެވެ.
ސީނިއަރ ނޫސްވެރިއެއް އަދި ޢަރަބި ދުނިޔޭގެ މަސްރަޙު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަޙްމަދު އައްޝައިޚް ވިދާޅުވި ގޮތުގައި، ކުރީގެ އަމީރުގެ ހިތްޕުޅުގައި ފަލަސްޠީނަށް އޮތީ ޚާއްޞަ ލޯތްބެކެވެ. ”ޙަމަދު ބިން ޚަލީފާ ފިޔަވައި ޢަރަބި ދުނިޔޭގެ އެހެން ކޮން ލީޑަރެއްތޯ އެފަދަ ކަމެއް (ޣައްޒާއަށް ޒިޔާރަތްކުރުން) ކުރެއްވީ؟“ ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ”އެމަނިކުފާނު ޣައްޒާއަށް ވަޑައިގަތީ، ޣައްޒާގެ ވަށައިގެން ތިބި އެންމެން އެ ސަރަޙައްދު ބާކީކޮށްލާފައިވާކަން އެމަނިކުފާނަށް ފެނިވަޑައިގަތުމުން،“ ކަމަށެވެ.
އެ ތާރީޚީ ޒިޔާރަތުގައި، ޝައިޚް ޙަމަދު ވަނީ ޣައްޒާ އަލުން ބިނާކުރުމަށް ޤަޠަރުން ދޭ އެހީ 254 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރުކުރައްވާފައެވެ. މީގެ ސަބަބުން އެތައް ހާސް ފަލަސްޠީނު ރައްޔިތުންނަށް މަންފާކުރި ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީއާއި، ޞިއްޙީ ދާއިރާގެ މުހިންމު މަޝްރޫޢުތަކުގެ ބިންގާ އެޅިގެންދިޔައެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް ޣައްޒާގައި އެއްވެފައިތިބި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ ފަލަސްޠީނު ރައްޔިތުންގެ ސާބިތުކަމަށް ތަޢުރީފުކުރައްވައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަރާތުން ފެންނަ ދެފުށްކެހެރި އުޞޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ޔުނިވަރސިޓީން ވަނީ އެމަނިކުފާނަށާއި ޝައިޚާ މޫޒާއަށް، އެ ބޭފުޅުންގެ އިންސާނީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޮނަރަރީ ޑޮކްޓަރޭޓް އެވޯޑް އަރުވާފައެވެ.



