”މިއީ ސިއްހީ ނިޒާމު ފުނޑާލުމަށް ހިންގާ ގަތުލުއާންމެއް“: ޣައްޒާގެ ޑޮކްޓަރެއް

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ބިންތަކުން ބޭސްފަރުވާއަށް މިހާތަނަށް ގާތްގަނޑަކަށް 21,000 މީހުންނަށް ފުރުސަތު ދޭންޖެހެއެވެ.

މިއީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އެއްބަސްވި ”ހަނގުރާމަ ހުއްޓާލުމުގެ“ އެއްބަސްވުމުގެ ދަށުން ވީ ވައުދެކެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ ކުއްލި ފަރުވާއަށް ބޭނުންވެފައިވާ މީހުން ކަމަށްވާއިރު، ކޮންމެ ބަލިމީހަކާއެކު ދެ އެހީތެރިން ގެންދިއުމުގެ ހުއްދަ އޮންނަންޖެހެއެވެ. ނަމަވެސް، ހަގީގަތުގައި މިހާތަނަށް ފުރުމުގެ ހުއްދަ ދީފައިވަނީ އެންމެ 7,500 އެއްހާ މީހުންނަށެވެ. މިއީ އިސްރާއީލުން އެއްބަސްވުމަށް އަމަލުކުރާ މިންވަރު އެންމެ 36 އިންސައްތައިގައި ހުރިކަން ހާމަކޮށްދޭ ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލްޖަޒީރާގެ ޣައްޒާ ރިޕޯޓަރު ތާރިގު އަބޫ އައްޒޫމް ބުނި ގޮތުގައި، ”ކުއްލި ފަރުވާއަށް ފުރުމުގެ ހުއްދަ ލިބިފައިވާ އެތައް ހާސް ބަޔަކު އަދިވެސް ތިބީ ޣައްޒާގައި ތާށިވެފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވުމުގެ ބިރު އެބައޮތެވެ.“

ނާސިރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކާބެހޭ ބައިގެ އިސްވެރިޔާ ޑރ. އަހުމަދު އަލްފާރާ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ: ”އަޅުގަނޑުމެން އުއްމީދުކުރީ މި އެއްބަސްވުމާއެކު ހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. ނަމަވެސް މި ވޭތުވެދިޔަ 1,000 ދުވަހުގެ ތެރެއިން އެންމެ ހާލަތު ގޯސްވީ މި ދުވަސްވަރުގައެވެ. އަޅުގަނޑުމެން އުއްމީދުކުރީ ޣައްޒާއަށް ގިނަ އަދަދެއްގެ ބޭހާއި ސިއްހީ ސާމާނު ވަންނާނެ ކަމަށެވެ. އެކަމަކު ހިތާމައަކީ އެކަން އެގޮތަށް ނުވުމެވެ.“

އޭނާ އިތުރަށް ވިދާޅުވީ، ”މިއީ ސިއްހީ ގަތުލުއާންމެކެވެ. އެމީހުން ދަނީ ސިއްހީ ނިޒާމަށް ހަމަލާދެމުންނެވެ. ހޮސްޕިޓަލުތަކަކީ ހަމައެކަނި ކޮންކްރީޓް އޮނިގަނޑުތަކަކަށް ހަދައި، އެތަންތަނުން ދޭ ހިދުމަތްތައް ހުއްޓުވައި، ބޭހާއި ސިއްހީ ސާމާނާއި ޑޮކްޓަރުންނާ ނުލައި އެތަންތަން ބޭނުންނުކުރެވޭ ވަރު ކުރުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.“

ޣައްޒާގެ ހިތުގެ ބަލިމީހުންނަށް ކޮންމެ ދުވަހަކީވެސް ނުތަނަވަސްކަމާއި ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ ހޮސްޕިޓަލުގައި ޑޮކްޓަރުން މަސައްކަތް ކުރަމުންދަނީ ނުހަނު މަދު ވަސީލަތްތަކަކާއެކު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެތަނުގައި ހުރީ ހިތުގެ ބަލިތަކަށް ފަރުވާދޭ އެންމެ ’ކެތީޓަރައިޒޭޝަން‘ މެޝިނެކެވެ.

ނަމަވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް މި މެޝިނަށްވުރެ މާ ބޮޑެވެ. އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ހިތުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ’ސްޓެންޓް‘ އާއި ’ކޮންޓްރާސްޓް ޑައި‘ ފަދަ ޚާއްޞަ ތަކެތި ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ.

މި މުހިންމު ސާމާނު ނެތުމުގެ ސަބަބުން، ފުރާނަ ސަލާމަތް ކުރުމަށް ކުރަންޖެހޭ ހިތުގެ ގިނަ އޮޕަރޭޝަންތައް ވަނީ ހުއްޓިފައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެމީހުންނަށް މަޖުބޫރުވެފައިވަނީ އެންމެ ހާލުބޮޑު މީހުންނަށް އިސްކަންދޭށެވެ. ޣައްޒާގެ މަދުވެގެން 500 ބަލިމީހުން ހިތުގެ އޮޕަރޭޝަން ކުރުމަށް ’ވެއިޓިން ލިސްޓް‘ ގައި އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އެތައް ހަފުތާއެއް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން އެމީހުންގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.

ލިސްޓުގައި ތިބި މީހުންނަށް، ވޭތުވެދާ ކޮންމެ ދުވަހަކީވެސް މަރާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އިތުރު ސާމާނު ލިބެންދެން، ޑޮކްޓަރުންނަށް ޖެހިފައިވަނީ ނުހަނު އުނދަގޫ ނިންމުންތައް ނިންމާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.