
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފި
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ބައްދަލުވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ.
މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި އެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފަ އެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނޭނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެ އެވެ.



