
އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވޭ: ހުކުރު ޚުތުބާ
މިހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ސާފުތާހިރު ކަމާއި ޒީނަތްތެރިކަމާއި ބެހޭގޮތުންނެވެ. އެގޮތުން އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން ކަމަށާއި، އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން ޢާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށްނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
“ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަމެވެ. އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންނެވެ. ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންނެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ الله سُبْحَانَهُ وَتَعَالَى ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.
މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ z ވަނީ ”ފިޠުރަތުގެ ސުންނަތްތައް“ އަހަރެމެންނަށް އުނގަންނައިދެއްވައިފައެވެ. އެ ކަންތައްތައް ބަޔާންކޮށްދެއްވައި، މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ކިހިލިފަތް ދަށު އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމެވެ.“
މީގެ އިތުރުން މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް ”ވެކްސް“ ކުރުމަށް ނުވަތަ ”ލޭޒާ ޓުރީޓްމެންޓު“ ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި، މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެ ކަމަށާއި، ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެންކަމަށް ބުނެފައިވެ އެވެ.
ހަމައެހެންމެ މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަން ކަމަށާއި، އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. ވީމާ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވުމަށް ވެސް ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެ އެވެ.
މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”(ނަމާދު ވަގުތާ ކައިރިކޮށް) އެއްވެސް މީހަކު ފިޔާއާއި ލޮނުމެދާއި ލީކުސް ކައިގެން، ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. (އެބަހީ: ނަމާދުގެ ޖަމާޢަތަށް ނާންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ.“ އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދިއުމަށް ވެސް ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެ އެވެ.
އިސްލާމްދީނަކީ ސާފުތާހިރުކަމާއި ރީތިކަމަށް ބާރުއަޅާ ދީނެކެވެ. މުސްލިމުންގެ ބޭރުފުށާއި އެތެރެފުށްވެސް މާތްﷲ އެންގެވި ގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން ހެދުން އެޅުމުގައި ޝަރުޢީ މިންގަނޑުތަކާ ޚިލާފުވާކަން ފާހަގަކުރެވެއެވެ. އަންހެނުން ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށްވާއިރު، ގަޔަށްބާރު ހެދުން އެޅުމާއި ޒީނަތްތެރިކަން ހާމަވާނޭހެން ބުރުގާ އެޅުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. ހަމައެފަދައިން ފިރިހެނުންވެސް ކުޅިވަރުގެ މައިދާނުގައްޔާއި އެހެނިހެން ތަންތަނުގައި ޢައުރަ ނިވައިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، ޚާއްޞަކޮށް ނަމާދުކުރާއިރު ޢައުރަ ކަޝްފުވާ ފަދަ ހެދުން އެޅުމުން ދުރުހެލިވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށާއި، މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމުގައި ޚުތުބާގައި ބުނެފައިވެ އެވެ. މާތް ނަބިއްޔާ z ޙަދީޘް ކުރައްވައިފައި ވެއެވެ. ”ޓެޓޫ ޖަހައިދޭ އަންހެނުންނާއި ޓެޓޫ ޖަހައިދެވޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދެވޭ އަންހެނުންނާއި އަދި ރީތިކަން ދެއްކުމަށް ޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި، ﷲގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް މާތް ﷲ ލަޢުނަތްލެއްވިއެވެ.“
“ އަނބިދަރީން މިފަދަ ކަންކަމަށް އަރައިގަންނަނީ ފަހަރުގައި އެ ކަމުގެ ޙުކުމް ނޭނގިގެން ނުވަތަ ފަރުވާކުޑަވެގެން ކަމަށް ވެދާނެއެވެ. އެހެންކަމުން، ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދޭށެވެ! އަތުގައި ހިފައިގެން ސުވަރުގެއަށް ގެންދާށެވެ!“



