
ކުރިއަށް އޮތްތަނުގައި އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރު ކުރެވޭނަމަ ރާއްޖެއަށް އެ ފުރުސަތު ލިބިގެންދާނެ: ޑރ. ޝަހީމް
ކުރިއަށް އޮތްތަނުގައި އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރު ކުރެވޭނަމަ، ރާއްޖެއަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން ވަނީ ހައްޖު ކިޔުގައި ގިނަ ބަޔަކު ތިއްބާ، ކުންފުނިތަކަށް ދެވޭ ފުރުސަތުގައި މީހުން ހައްޖަށް ދެވޭތީ އެކަމާ ކަންބަޮޑުވުންފާޅުކުރައްވާފައެވެ.
އެކަމާގުޅިގެން ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ގުރުނަގައިގެން ހޮވޭ މީހުން ހައްޖަށް ފޮނުވުމަކީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައި ފަހުން އެގޮތަށް އެކަން ކުރަން ފުރުސަތު ދިނުން ވަރަށް މަދު ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މި އަހަރުވެސް އެ ފުރުސަތު ދިނީ މަދު ބަޔަކަށް ކަމަށާ އެގޮތަށް އެކަން ކުރީ ކިޔުގައި ޖެހިގެން ތިބި މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވުއެވެ.
ޝަހީމް ވިދާޅުވިގޮތުގައި، ކިޔުގައި މީހުން ޖެހިގެން ތިއްބާ ކުންފުނިތަކަށް އެފަދަ ފުރުސަތެއް ދިނުމަކީ އިންސާފުވެރި ގޮތް ކަމަށް އޭނާ ގާބޫލެއްނުކުރައްވައެވެ.



