
ޒިންމާދާރު ގޮތެއްގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތުދީފި
ޒިންމާދާރު ގޮތެއްގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ސެޝަންތަކެއް ބާއްވައިފިއެވެ.
މިއީ މުޖުތަމައުގެ ރައްކާތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނާއި ސްކޫލް ގުޅިގެން ބޭއްވި މި ސެޝަންތަކުގައި، އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމާއި، ޒިންމާދާރުގޮތެއްގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.
ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، އިންޓަނެޓް ބޭނުންކުރުމުގައި ހުންނަ ނުރައްކާތަކާއި، ގެއްލުންދެނިވި ކަންކަމަށް ހުށަހެޅުމުން ދުރުހެލިވާނެ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި އިންޓަނެޓަކީ ފައިދާހުރި ގޮތެއްގައި ބޭނުންކުރާ އެއްޗަކަށް ހެދުމަށާއި، އިންޓަނެޓުގައި ހޭދަކުރާ ވަގުތު ރަނގަޅަށް މެނޭޖްކުރުމަށާއި، ބޭކާރު ކަންކަމުގައި ވަގުތު ނަގާނުލުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ޒާތީ މަލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ނުދަންނަ މީހުންނާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކުގެ އިތުރުން، ކުށުގެ ވެށިން ދުރުހެލިވުމަށާއި، އެއްވެސް ނުރައްކާތެރި ކަމެއް ދިމާވެއްޖެނަމަ އިތުބާރު ހުރި ބޮޑެތި މީހުންގެ އެހީތެރިކަން ހޯދުމަށް ވެސް ބާރުއަޅާފައިވެއެވެ.
ދަރިވަރުންގެ މެދުގައި އިތުބާރާއި، އިހުތިރާމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި ސިފަތައް އަށަގެންނެވުމަށާއި، ކޮންމެ ތަނެއްގައި އުޅުނު ކަމުގައިވިޔަސް ތިމާގެ އަހުލާގާއި ނިންމުންތަކަށް ސަމާލުވުމަށް ވެސް މި ސެޝަންގައި ވަނީ ބާރުއަޅާފައެވެ.
ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަންތަކުގައި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ބެލުމާއި، ފޯނާއި އެޕްލިކޭޝަންތައް ބޭނުންކުރާއިރު ސަމާލުވުމުގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޮފްޓްވެއަރތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މުހިންމުކަން ވަނީ ބުނެދީފައެވެ.
މީގެ އިތުރުން، ކުދިން ސްކްރީން ކުރިމަތީގައި ހޭދަކުރާ ވަގުތު މަދު ކުރުމާއި، އެކަށީގެންނުވާ އެޕްލިކޭޝަންތަކަށް ވަނުން މަނާކުރުމާއި، އިންޓަނެޓުން ދިމާވެދާނެ ނުރައްކާތަކަށް ހޭލުންތެރިވުމާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ. އަދި ކުދިންގެ އިލެކްޓްރޯނިކްސް ބޭނުންކޮށްގެން ކުރާކަންކަމުގައި ބެލެނިވެރިން އަމަލީގޮތުން ބައިވެރިވެ، ގާތް ގުޅުމެއް ބޭއްވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
ހަމައެއާއެކު، އިންޓަނެޓުން ފެންނަ ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސައްހަކަން ކަށަވަރުނުވާ ފަރާތްތަކަށް ޒާތީ ނުވަތަ ނާޒުކު މައުލޫމާތު ނުދިނުމަށާއި، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ސެޝަންތަކުގައި ގްރޭޑް 8 އަދި 10ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.
މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަކީ، ކުށްމަދު މުޖުތަމައެއް ބިނާކުރުމަށާއި އާންމުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން މުޅި ރާއްޖޭގައި ސިލްސިލާކޮށް ހިންގަމުންދާ ހަރަކާތްތަކެކެވެ.



