
ޑެންގޫ ޖެހިގެން ހާލު ސީރިއަސްވި ޒަވާނަކު ނިޔާވެއްޖެ
ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވި ޒަވާނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ، ށ.މިލަންދޫއަށް ނިސްބަތްވާ 23 އަހަރުގެ ނަބްހާންއެވެ. އަދި އޭނާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ނަބްހާން ހާލުދެރަވެގެން މިދިޔަ ހަފުތާ ވަނީ ށ.މިލަންދޫއިން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ފަހުން، އިތުރަށް ހާލު ދެރަވެގެން އޭނާ ވަނީ އިއްޔެ މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައި.ޖީ.އެމް.އެޗް ) އަށް ގެނައިސްފައެވެ.
އޭނާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ. އަދި ނިޔާވެފައިވަނީ އޭނާގެ ގުނަވަންތައް ފެއިލްވުމުން ކަމަށް ބެލެވެއެވެ.
މި މަހު މިހާތަނަށް ފަސް މީހުންނަށް އެ ރަށުން ޑެންގޫ ޖެހިފާވާއިރު، މިލަންދޫ ހެލްތު ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި އެ ރަށުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން 30 މީހަކަށް ވަނީ ފަރުވާދީފަ އެވެ. އަދި މިދިޔަ ރޯދަ މަހު އެކަނި ވެސް އެ އަދަދު 15 އަށް އަރާފައިވާކަމަށް ކައުންސިލުން ބުނެއެވެ.
އެޗް.ޕީއޭ.އިން މައުލޫމާތު ދޭގޮތުގައި، ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.



