
ކ. ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި
ކ.ހުރާގައި 15 މީހުން ދިރިއުޅެމުންދާ ގެއެއްގައި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
ހުރާ ކައުންސިލުގެ ރައީސް ޢީސާ އަހުމަދު ”ވޮއިސް“ އަށް މައުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ކަންހާއިރުއެވެ. އަދި އަލިފާން ނިއްވައިލެވުނީ 2 ޖަހާ ދިޔަފަހުންނެވެ.
ފުރަތަމަ އަލިފާން ރޯވީ މަންމަ އަކާއި އޭނާގެ ދެ ދަރިން ނިދާފައި އޮތް ކޮޓަރީގައެވެ. އަދި އެ ކޮޓަރީގައި ރޯވި ސަބަބު އަދި ޔަގީން ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ހޫނުވެ ދިމާވި ކަމަކުން ކަމަށް ވިދާޅުވިއެވެ.
ކުދިންގެ މަންމައަށް ލިބުނު އަނިޔާއަށް ހުރާ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ މިއަދު 6:00 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި މުޅި އެ ގެވެސް އަނދާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.



