
ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މިއަދު މަރުޙަބާ ކިޔައިފިއެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، ފޯޅަވަހީގެ މުސްތަޤުބަލާ ގުޅޭގޮތުންނާއި އެ ތަން ހިންގުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ މަސްލަހަތު އޮތްކަން ފާހަގަކޮށްފައެވެ.
އަދި އިނގިރޭސިވިލާތުން މި ނިންމި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ދެކޭ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާނެ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ސަރުކާރުން އިތުރަށް ބުނެފައިވަނީ، ކޮންމެ ނިންމުމަކީވެސް އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ.



