
ދުނިޔޭގެ ޓީބީ ދުވަސް
24 މާރިޗު އަކީ ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ޓީބީ ބަލީގެ ދުވަހެވެ. 2026 ވަނަ އަހަރު ދުނިޔޭގެ ޓީބީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަ Yes! We can End TB: Led by Countries. Powered By People “ އެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ، މި ބައްޔާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ބަލީގެ ޢަލާމާތްތަކަށް ޢާންމުން އަހުލުވެރިކޮށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ޓީބީ ބައްޔަކީ ”މައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް“ ކިޔާ ބެކްޓީރިއާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ފުއްޕާމެއަށް ޖެހުނު ކަމުގައި ވީނަމަވެސް، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް މި ބަލިޖެހެއެވެ. ޓީބީ ބަލި ގައިން ގަޔަށް ފެތުރެނީ، ފުއްޕާމެއަށް ބަލިޖެހިފައިވާ މީހުންގެ ކުޅުން ޖަރާސީމު ފެންނަ ނަމަ، އެމީހުންގެ ފަރާތުން އެކަންޏެވެ. އެގޮތުން ޓީ.ބީ ބަލި ފެތުރެނީ އެފަދަ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހިއަޅައި ނުވަތަ ކުޅުޖަހާއިރު ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް، އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ.
ޓީބީ ބައްޔަށް ދެވޭ ފަރުވާއަކީ މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފަރުވާއެކެވެ. ޓީ.ބީއަކީ ފުރިހަމައަށް ފަރުވާ ކޮށްފިނަމަ މުޅިން ރަނގަޅުކުރެވޭ ބައްޔެކެވެ. ނަމަވެސް، ފަރުވާ ފުރިހަމަނުކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ބޭހަށް ނުގުޑާ ޓީ.ބީއަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، މި ބަލީގެ ފަރުވާ ކުރިއަށްގެންދަނީ ސިއްހީ ޙިދުމަތްތެރިއެއްގެ ސީދާ ބެލުމުގެ ދަށުންނެވެ. އަދި 1994 ން ފެށިގެން ދިވެހިރާއްޖޭގައިވެސް ޓީ.ބީ އަށް ފަރުވާ ދިނުމަށް އަމަލުކުރަމުން އަންނަނީ މި އުސޫލަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ފެންވަރުގައި 10.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، މީގެ ތެރެއިން 1.2 މިލިއަން މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނުއަރީ މަހުން ފެށިގެން މިހާތަނަށް ޓީބީގެ 152 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ދުނިޔޭގައި ޓީބީ ފެތުރިފައިވާ މިންވަރަށް ރިއާޔަތްކޮށް، މި ބަލި ނައްތާލުމަށްޓަކައި 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އެސަމްބްލީން ވަނީ ”END TB ގެ ނަމުގައި ހާއްސަ ސްޓްރެޓެޖީތަކެއް ކަނޑައަޅާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިޔާގެ މި ނިންމުމާ އެއްގޮތަށް، ދިވެހިރާއްޖެއިންވެސް ވަނީ މި މަސައްކަތުގައި ބައިވެރިވެ، 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ޓީބީ ބަލީގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ނެތް ގައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، ފަންނީ އެކި ގައިޑްލައިންތައް ތައްޔާރުކުރުމުގެ އިތުރުން، ސިއްހީ ޚިދުމަތްތެރިން ތަމްރީނުކުރުމާއި، މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް މި އެޖެންސީން ދަނީ ކުރަމުންނެވެ.
ޢިތުރު މަޢުލޫމާތު
ޓީބީގެ އަލާމާތްތައް
• ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
• ވަރުދެރަވުން
• ހީކެރުވުން އަދި ރޭގަނޑު އާދަޔާ ހިލާފަށް ދާހިއްލުން
• ހުންއައުން
• މޭގައި ރިއްސުން އަދި ކެއްސާފައި ފުއްޕާމޭގެ އެތެރެއިން އަންނަ ދަވާގައި ލޭ ހުރުން
ޓީބީ ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކޮންބަޔަކަށް
• ދިގުމުއްދަތައް ބޭސްފަރުވާކުރަމުން ދާ ފަރާތްތައް އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން
• ހަކުރުބަލި/ކެންސަރ ބަލި/ ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮއްފައިވާ މީހުން/ އެއިޑްސް ބަލި
• 5 އަހަރުން ދަށުގެ ބީސީޖީ ވެކްސިން ނުދެވި ތިބޭ ކުދިން
• ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން
• އުމުރުން ދުވަސްވީ މީހުން
ޓީބީ ބަލިން ރައްކާތެރިވުން
• ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީން ކުރުމަށް ޓީބީއަށް ޓެސްޓް ކޮށް ޓީބީ ބަލި ހުރިކަމުގައިވާ ނަމަ އަވަހަށް ފަރުވާ ހޯދުން
• ކެއްސާ، ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރުން
• ހާމަ ތަންތަނަށް ކުޅު ނުޖެހުން
• ބަލި ޖެހުފައިވާ މީހަކު ގޭގައި ދިރިއޅޭނަމަ ސާފު ވައި ދައުރުވާހެން ބެހެއްޓުން
މީގެ އިތުރުން، ޓީބީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ބައްޔަށް ޝައްކުކުރެވޭނަމަ، ލަސްނުކުރައްވާ ސިއްހީ އެހީތެރިކަން ހޯއްދެވުމަކީ މުހިއްމުކަމެވެ. ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މި ބައްޔަށް ތަހުލީލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވީމާ، ޓީބީ ބައްޔާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3024500 އަށް ގުޅުއްވުން ނުވަތަ ntp@hpa.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ



